English Edition
Dhivehi Edition

މިއަންނަ އަހަރުން ފެށިގެން ރާއްޖޭގައި އެސްއެސްސީ އިމްތިހާނުގައި ޤުރުއާން އެއީ ވަކި މާއްދާއެއްގެ ގޮތުގައި ދަރިވަރުން އިމްތިހާން ހަދަމުންދާ މާއްދާއަކަށް ވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.

ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު މިހެން ވިދާޅުވީ ހިންމަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ގުރްއާން، މި މާއްދާ އިމްތިހާން ކުރެވޭނީ މާކުސް ދެބަޔަކަށް ބަހާލައިގެން ކަމަށެވެ. އެއީ ސްކޫލްގައި ނެގޭ އިންޓާނަލް އެސެސްމަންޓްތަކުން 60 އިންސައްތަ އަދި ބާކީ 40 އިންސައްތައަކީ ޕަބްލިކް އެގްޒެމިނޭޝަން ނުވަތަ ޕްރޮޖެކްޓް އެސައިންމަންޓުން ނެގޭ 40 އިންސައްތަ ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

އެސްއެސްސީ އިމްތިހާނުގައި ޤުރުއާން، މި މާއްދާ އިތުރު ކުރުމުން މިހާރު ނަގާ ދެ އިމްތިހާނު ކަމަށްވާ ދިވެހި އަދި އިސްލާމް ލައިގެން މުޅިއެކު 3 އިންތިހާނު ހިމެނޭނެއެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ ޤުރުއާންގެ އިލްމު އުނގެނޭ ދަރިވަރުންނަކީ އެހެން މާއްދާތަކަށްވެސް މޮޅު ދަރިވަރުންކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ތައުލީމު ހާސިލްކުރާ ހުރިހާ ދަރިވަރުންނަކީވެސް ޤުރުއާނުގެ އިލްމު އުނގެނޭ ދަރިވަރުންނަށް ވުމަށް ސްޓޭޓް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.