English Edition
Dhivehi Edition

ލިޔުނީ: ޝަފްޤާ ޝަފީގް

ލަންކާގެ ކަލްމުނާއީ ސަރަހައްދުގެ ގެއެއްގެ ތެރެއިން، މަރުވެފައިވާ 15 މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މިމީހުން ފެނިފައިވަނީ ހުކުރު ދުވަހު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރި ކަލްމުނާއީ ސަރަހައްދުންކަން ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި 3 އަންހެނުންނާ 6 ކުޑަކުއްޖަކު ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ ފުލުހުން މިކަން ހާމަކޮށްފައިވާއިރު، ކަންޑަނާ ޕޮލީސް ސްޓޭޝަން ސްރަހައްދުން ގޮވާއެއްޗެއް ކަމަށް ބެލެވުނު އެއްޗެހި ތަކެއް މިހާރު ރައްކާތެރި ގޮތުގައި ނައްތާލާފައިވާކަމުގެ ޚަބަރުތައް ދަނީ ލިބެމުންނެވެ. އަދި މި ތަކެތީގައި އެއްވެސް ކަހަލަ ގޮވާއެއްޗެއް ނެތްކަން ސްރީލަންކާގެ ބޮން ނައްތާލާ ޓީމުންވަނީ ކަށަވަރުކޮށްދީފައެވެ.

އާދިއްތަ ދުވަހު، ލަންކާގެ ތިން ޗާޗަކާއި ހަތަރު ހޮޓަލަކަށް ޖާނުން ފިދާވެގެން ހަމަލާ ދިނުމުގެ ކުރިން ލަންކާއަށް ހަމަލާއެއް ދޭން އުޅޭކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބުނު ނަމަވެސް، ސަލާމަތީ ބާރުތަކުން އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ އެގައުމުގެ ރައީސް ވަނީ ސަލާމަތީ ބާރުތަކުގެ ވެރިން ބަދަލުކުރާނެ ކަމަށް ބުނެފައެވެ.

މި ހަމަލާތަކާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު 80 އަށް އަރާއިރު، ހުކުރު ދުވަހުގެ ވަގުތެއްގައި ލަންކާ ފުލުހުން ހަ ދިވެއްސަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތތަކުން ރިޕޯޓް ކޮށްފައި ވެއެވެ.