މާލޭގައި ރޭ ހިނގާދިޔަ ޙާދިސާއާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެންދުރު 1.45 އަށް ތާވަލްކޮށްފިއެވެ. ފުލުހުން ވިދާޅުވީ ރޭ މާލެ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލި ޙާދިސާއާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް އިސްކަންދަރު ބިލްޑިންގ ގެ މަލްޓި ޕާޕަސް ހޯލްގައި އޮންނާނެ ކަމަށެވެ.
ފުލުހުން ނޫސް ކޮންފަރެންސަކަށް ތައްޔާރުވަމުން އަންނައިރު ރޭގެ ޙާދިސާއާއި ގުޅިގެން މާލޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ބައެއް އިމާރާތްތަކުގައި ސިފައިން ހަތިޔާރާއެކު ފޯރިމަރަން ފަށާފައިވެއެވެ.
މިޙަމަލާއާއި ގުޅިގެން ރޭ ދަންވަރު ދިވެހި ޤައުމާއި މުޚާތަބު ކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ދެއްވި ތަޤުރީރުގައި ވަނީ ފުލުހުންނާއި ސިފައިން ގުޅިގެން މިހަމަލާގެ ތަހުގީގު ފަށާފައިވާ ކަމަށާއި މި ތަހުގީގުގައި އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސްގެ ކަމާގުޅޭ މާހިރުންގެ ޓީމެއް ހޮނިހިރު ދުވަހު ރާއްޖެ އަންނާނެކަމަށް ވިދާޅުވެފައެވެ.
ގ. ކެނެރީގެއިން މަޖީދީ މަގާއި ވީ ދިމާއިން ރޭ 8.30 އެހާކަށްހާއިރު ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ސައިކަލެއްގައި އޮތް އެއްޗެއް ގޮއްވާލައިގެން ދިން ޙަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާވެގެން މިހާރު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މިޙަމަލާގައި އެމަނިކުފާނުގެ އިތުރުން ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ސިފައިންގެ 3 މީހަކަށް އަނިޔާ ވެގެން ދިން ފަރުވާއަށް ފަހު އޭގެ ތެރެއިން 2 މީހަކު ވަނީ ދޫކޮށްލާފައެވެ. ގިނަ ބަޔަކު ޙަރަކާތްތެރިވަމުންދިޔަ އެސަރަޙައްދުގައި ދިން ޙަމަލާއާއި ގުޅިގެން ހދ. ވައިކަރަދޫ މީހެއްގެ ފަޔަށް އަނިޔާވެ އޭނާއަށް ވެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދެއެވެ. މިޙާދިސާގައި ބޭރުގެ ފަތުރުވެރިއަކަށްވެސް ވަނީ އަނިޔާވެފައެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާގެ ތަފްސީލް އަދި ކަމާގުޅޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވާއިރު މަންޒަރު ދުށް ފަރާތްތަކުން ވަނީ އެމަނިކުފާނުގެ ހަށިކޮޅުގެ ބޭރުން ގިނަ ޒަޚަމް ތަކެއް ވެފައިވާކަމަށް ބުނެފައެވެ. ރައީސް ނަޝީދު އެޑްމިޓް ކޮށްފައިވާ އޭޑީކޭ ހޮސްޕިޓަލުން ވަނީ އެމަނިކުފާނު އިތުރު އޮޕަރޭޝަންތަކެއް ކުރަންޖެހިފައި ކަން ހާމަކޮށްފައެވެ. އަދިވެސް އެމަނިކްފާނު ވަނީ ތިއޭޓަރުގައި ކަމަށް ޢާއިލާއިން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ. މިހާތަނަށް ރައީސްނަޝީދުގެ 3 އޮޕަރޭޝަނެއް އޭޑީކޭއިން ކުރަމުން ދާ ކަން ވަނީ އެނގިފައެވެ.