އިނގުރުން ލިބޭ ފައިދާ ގިނަގުނައެވެ. އޭގެ ބޮޑުކަމުން ދުނިޔޭގައި އިނގުރުވަނީ ވަރަށް މަޝްހޫރު ވެފައެވެ.
ތާރީޚް ބުނާ ގޮތުގައި އިނގުރަކީ ރޯމަނުން ވަރަށް އަގުބޮޑު އެއްޗެއްގެ ގޮތުގައި ގެންގުޅުނު އެއްޗެކެވެ. ރޯމަން އެމްޕަޔަރގެ ވެރިކަމަށްފަހު އިނގުރު އަލުން ހޯދާފައިވަނީ މީލާދީން ފުރަތަމަ ގަރުނުގައި ޔޫރަޕުން ކަމަށް ވެއެވެ. އެހެންނަމަވެސް އެއީ އިންޑިއާއިން ފެނުނު އެއްޗެއް ކަމަށް އިންޑިއާއިން ދައުވާ ކޮށްފައިވެއެވެ. އެ އިންޑިއާއިން ފެނުނަސް މިހާރު ޗައިނާއާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި ހައްދާ އެއްޗެއް ކަމަށްވެފައެވެ. ދުނިޔޭގައި އެންމެ ގިނައިން އިނގުރު މިހާރު ހައްދަނީ އިންޑިއާއިން ކަމަށް ވެއެވެ.
ތަފާތު ބަލިތަކުން ދިފާއުވުމަށްޓަކައި ޗައިނާއިންވަނީ ދެހާސް އަހަރަށްވުރެ ދިގު މުއްދަތަކަށް އިނގުރުބޭނުން ކޮށްފައެވެ. އިނގުރުން ހިތުގެ ބަލި، ރާއްޖެބަލި، މައިގްރޭން، ޑިޕްރެޝަން ފަދަ މައްސަލަތައް ހައްލު ކުރާނެ ގޮތާއި ހައްލުކޮށްދޭ މިންވަރު ދެނެގަތުމަށްޓަކައި އިތުރު ދިރާސާތައް މިހާރުވެސް ކުރިއަށް ގެންދެއެވެ.
ބައެއް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ތަދުކަނޑުވުމާއި، ނިންދެވުމާއި ހުންއައުމުން ބޭނުންކުރާ، ޖަރާސީމްތަކުން ރައްކާތެރިކޮށްދިނުމަށް ބޭނުންވާ މާއްދާތައް އިނގުރުގައިވެއެވެ. އިނގުރާ ބެހޭގޮތުން ހެދި ދިރާސާއަކުން ވަނީ ހަމުގެ ކެންސަރުން ސަލާމަތް ކޮށްދޭކަން ދައްކައިފައެވެ. ޖިންޖެރޯލްއަކީ އަންހެނާގެ ބިސްރަވަ (އޯވަރީ) ގެ ކެންސަރު ސެލް މަރާލުމުގެ ގާބިލްކަން ލިބިގެންވާ މާއްދާއެކެވެ.
ލޭ ދައުރުކުރާ ނިޒާމަށް އިނގުރު
އިނގުރު ބޭނުން ކުރުމުން ހަށިގަނޑުގެ ލޭ ހިނގުން ރަނގަޅު ކޮށްދެއެވެ. ލޭ އޮލަވިޔަ ނުދީ ހިފަހައްޓައެވެ. ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެއެވެ. ލޭ ސާފު ކުރުމާއި ގަނޑުވުމުން ރައްކާތެރި ކުރުމަށް އެހީތެރިވެދެއެވެ. ލޭމައްޗަށް ދާ މީހުންގެ ލޭގެ ޕްރެޝަރ ހަމައަކަށް އެޅުވުމަށް އެހީތެރިވެދެއެވެ.
ހަޖަމްކުރުމުގެ ނިޒާމް ރަނގަޅުކޮށްދޭ
އިނގުރު ބޭނުން ކުރުމުން ގޮހޮރު ސާފުކޮށްދީ ވައިގެ އުނދަގުލުން ސަލާމަތްކޮށްދެއެވެ. ހަޖަމް ކުރުމުގައި ދިމާވާ އުނދަގޫތައް ދުރުކޮށް މޭނުބައި ކުރުމާއި ހޮޑުލުމުން ދުރުކޮށްދެއެވެ. މީގެއިތުރަށް ހަޖަމް ކުރުމަށްޓަކައި އުފައްދާ ޑައިޖެސްޓިވް ޖޫސް އުފެއްދުމުގައި އެހީތެރިވެދެއެވެ. ބޮޑުކަމު ދިއުމުގެ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދެއެވެ. ބަނޑުގައި ރިއްސުމާއި އަކުނިވަޔަށް ދެމުންފަދަ އުނދަގޫތަށް ކުޑަކޮށްދެއެވެ.
ޕީރިއަޑް ދުވަސްވަރު
ޕިރިއަޑް ދުވަސްވަރާއި ގުޅިގެން އަކުނިވަޔަށް ދެމުމާއި ތަދުވުން އަދި ހުންއައުން ފަދަ ކަންތައްތައް ގިނަފަހަރު ދިމާވަނީ ޕްރޮސްޓަރ ގްލޭންޑިން އޭ ކިޔުނު ހޯމޯން އަކުންނެވެ. ސައިންޓިސްޓުން ގަބޫލްކުރާ ގޮތުގައި ޕީރިއަޑް ދުވަސްވަރު އަކުނިވަޔަށް ދެމުން އިތުރުވުމަށް ޕްރޮސްޓަރ ގްލޭންޑިން މުހިއްމު ރޯލެއް ކުޅެއެވެ. މިހެން ކަމުން ޕީރިއަޑް ދުވަސްވަރު އިނގުރު ބޭނުން ކުރުމަކީ ދެންނެވުނު އަލާމާތަށް ހައްލު ގެނެސްދޭ ކަމެކެވެ. މިދުވަސްވަރު އިނގުރު ބޭނުން ކުރުމުން ހަށިގަނޑުގައިވާ ޕްރޮސްޓަރ ގްލޭންޑިންގެ މިންވަރު ދައްކޮށްދޭ ކަމަށް އެނގިފައިވެއެވެ. އިނގުރުކޮޅެއް ޖޯޑެއްގެ ފެނުގައި އިރުކޮޅަކު ކެއްކުމަށްފަހު ފޮނިކޮށްގެން ކެއުމަށްފަހު ތިންއިރު އިރަކު ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން ޕީރިއަޑްވާންޖެހޭ ގަވާއިދަށް ބަދަލުއައިސްފައިވާނަމަ އެކަމާއި ތަދުވުން ރަނގަޅުކޮށްދެއެވެ.
ހާސްވުމާއި ކަންބޮޑުވުން
އިނގުރު ތެލުގައި ހަށިގަނޑަށާއި ވިސްނުމަށް އަރާމްކަން ގެނެސްދޭ މާއްދާއެއް އެކުލެވިގެންވެއެވެ. މިގޮތުން މި ތެޔޮ ބޭނުން ކުރުމުން ހާސްވެ ކަންބޮޑުވުމާއި
ގުޅުންހުރި ގިނަކަންކަން ރަނގަޅު ކޮށްދެއެވެ. ހާސްވެ ކަންބޮޑުވުން ދިގުލާގޮސް ދިމާވާ ޑިޕްރެޝަންގެ މައްސަލަތަކަށް ވެސް ހައްލު ހޯދުމުގައި އިނގުރު އެހީތެރި ވެދެއެވެ.
ޖިންސީ ދުޅަހެޔޮ ކަމަށް
އިނގުރަކީ ޖިންސީ ދުޅަހެޔޮ ކަމަށްޓަކައި ޒަމާނުއްސުރެވެސް ބޭނުން ކުރަމުން އަންނަ ވަރަށް މަޝްހޫރު އެއްޗެކެވެ. އިނގުރު ބޭނުން ކުރުމުމުން އެކަމަށް ޝައުގުވެރިކަން އިތުރު ކޮށްދިނުމާއި، ވަރުގަދަކޮށްދެއެވެ. ދުނިޔޭގެ ތާރީޚްގައިވެސް އިގުރަކީ މިކަމަށް ވަރަށް ޚާއްސަ ކަމެއް ދެވިފައިވާ އެއްޗެކެވެ. އިނގުރު ބޭނުން ކުރުމުން ލޭ ހޮޅިތައް ސާފުވުމާއި ހޮޅިތަކަށް ލޭ ދައުރުވުން އިތުކޮށްދެއެވެ. ޖިންސީ ދުޅަހެޔޮކަމަށްޓަކައި އަންހެނުންނާއި ފިރިހެނުންވެސް މީލާދީން 500 އަހަރު ކުރިން އިނގުރު ބޭނުން ކުރަމުން އައިސްފައިވެއެވެ. މިކަމަށްޓަކައި ބައިސަމުސާ އިނގުރު ދިޔައާއި، މާމުއާއި، ދެބައިކުޅަ އެއްބަޔަށް ކެކިފައި ހުންނަ ކުކުޅު ބިހަކާ އެއްކޮށްގެން އެއްމަސްވަންދެން ކޮންމެ ރެއަކު އެއްފަހަރު ބޭނުން ކޮށްލާށެވެ. މިބޭނުން ކުރުމުން ބާރުގަދަވުމާއި ލަސްކޮށްދިނުމާއި ސްޕާމް އިތުކޮށްދިނުންފަދަ ފަރުވާ ލިބިދެއެވެ.