English Edition
Dhivehi Edition

ލިޔުނީ : ޝަފްޤާ

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހާދިސާގައި އެކަން ކުރާން ބޭނުންކުރާނެ އާލާތާއި ,ގޮއްވާނެ ގޮތާއި, ޓާގެޓްކޮށްފައިވާ ތަންތަނަށް ދާންދެން ހުރިހާ މައުލޫމާތެއް ވަނީ އެކުވެރި ގައުމަކުން ލަންކާގެ އިންޓެލިޖެންސް ހެޑަށް ކުރީން ހިއްސާކޮށްފައި ކަމަށް އެ ގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މީޑިއާ ތަކުގެ ވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސިރިސޭނާ މިހެން ވިދާޅުވެފައި ވަނީ އިންޑިއާއިން ތިން ފަހަރެއްގެ މަތިން ލަންކާއަށް އިންޒާރު ދީފައިވާ ކަމަށް އިޝާރާތްކުރައްވަމުންނެވެ .

ސިރިސޭނާ ވިދާޅުވީ އެ ހުރިހާ މައުލޫމާތެއް ހަތަރެއް އޭޕްރީލް ގައި ލަންކާގެ އިންޓެލިޖެންސް ހެޑަށް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް 12 އޭޕްރީލާ ހަމައަށް އެ މައުލޫމާތު އެތެރޭގައި ޕާސްކޮށްލަކޮށްލަ ތިބީ ކަމަށެވެ.

“ޑިފެންސް ސެކްރެޓަރީ އެކަން ސީރިއަސްކޮށެއް ނުނެންގެވި. އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) އަށް ވެސް ލިބުނު. އޭނަ އެ މައުލޫމާތު ދިނީ އޭނަގެ ފަސް ޑެޕިއުޓީންނަށް. އެއިން އެކަކު އެ މައުލޫމާތު ވީއައިޕީ ސެކިއުރިޓީއަށް ފޮނުވި. އެކަމަކު އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އަދި އަދި ދެން ތިބި ޑެޕިއުޓީން ވެސް އެމީހުންގެ ޒިންމާއެއް އަދައެއް ނުކުރޭ. އެ މައުލޫމާތު ހިއްސާ ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން އެމީހުން ތިބީ ހަނު.” ސިރިސޭނާ ވިދާޅުވި އެވެ.

ސިރިސޭނާ ވިދާޅުވީ އައިޖީޕީ ވެސް އަދި ޑިފެންސް ސެކްރެޓަރީ ވެސް އެމައުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައި ނުވާ ކަމަށެވެ. އާ ޑިފެންސް ސެކްރެޓަރީއެއް މިއަދު އައްޔަން ކުރައްވާނެ ކަމަށާއި އައިޖީޕީ ވެސް މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ .

މުސްލިމުންނާ މެދު ޓެރަރިސްޓުންގެ ގޮތުގައި ނުދެކުމަށާއި މުސްލިމުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށް ވެސް ރައީސް ސިރިސޭނާ ވިދާޅުވިއެވެ. ތައުހީދު ޖަމާއަތް ހުއްޓުވާލަން ބަލާ އިރު މިހާރު ހުރި ގާނޫނުތަކުން އެކަމަށް ޖާގަ ނުލިބޭ ކަމަށް ވެސް ސިރިސޭނާ ވިދާޅުވި އެވެ .

ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ރުވާން ކުރީން ވިދާޅުވެފައި ވަނީ މި ހަމަލާގެ ފަހަތުގައި ވަނީ ލަންކާގެ ތައުހީދު ޖަމާއަތް ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން އައިސިސް އިން ވަނީ ހަމަލާގެ ޒިންމާ އުފުލައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ޑިއުޓީއަށް އިހުމާލުވި ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި މުޅި ސެކިއުރިޓީ ސިސްޓަމަށް ކުރިޔަށް ދުވަސްތަކުގެ ތަކުގެ ތެރޭ ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ އައިސިސްގެ ހަރަކާތްތައް ލަންކާއިން ނައްތައިލައްވާނެ ކަމަށާއި އެ ގައުމުގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުގައި އެ ގާބިލުކަން ހުންނާނެ ކަމަށެވެ. އެކަމަކު އެކަން ކުރުމަށް ބޭރުގެ ސިފައިން ލަންކާއަށް ނުގެންދާނެ ކަމަށާއި ހޯދާނީ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ކަމަށް ވެސް ވިދާޅުވި އެވެ.

” މިހަމަލާއާ ގުޅިގެން އެއްވެސް އުޒުރެއް ދައްކާކަށް އަޅުގަނޑު ނެތިން. މީ ހަގީގަތް. ސަރުކާރުން މީގެ ޒިންމާ ނަގައި އެކަން ގަބޫލުކުރަން ޖެހޭނެ.” ރައީސް ސިރިސޭނާ ވިދާޅުވި އެވެ.

މި ފަދަ ހަމަލާއެއް އައުމަކީ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ކުރިމަތި ވެދާނެ ކަމެއް ކަމަށް އިޝާރާތް ކުރައްވަމުން ސިރިސޭނާ ވިދާޅުވީ 9/11 ގެ ހަމަލާއިން އެމެރިކާއަށް ވެސް އެ ގައުމު ސަލާމަތް ނުކުރެވުނު ކަމަށެވެ. އެއީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ގައުމު ކަމަށް ސިރިސޭނާ ސިފަކުރެއްވި އެވެ .

ސިރިސޭނަ ވިދާޅުވީ ޑިފެންސް ސެކްރެޓަރީގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވާނަން ކަމަށާއި ފުލުހުންގެ ވެރިޔާ ވެސް މިއަދު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ޑިއުޓީއަށް އިހުމާލުވި ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.