ބޮޑު ތިން މައްސަލައިގެ ފަހަތުގައި ތިބި މީހުން ދެނެވިފައިވާ ކަމަށާއި ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަމަށް ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ރޭ ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެ ޓީވީ”ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ އެ ތިން މައްސަލައިގެ މޯޓިވް ވެސް ރިޔާސީ ކޮމިޝަނަށް މިހާރު ދެނެގަނެވިފައިވާ ކަމަށާއި ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ވެސް ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސުއޫދު ވިދަޅުވި އެވެ.
ސުއޫދު ވިދާޅުވީ އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދުމަށާއި އޭގެ މޯޓިވް ދެނެގަތުމަށް ސަރުކާރުންވެސް މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާނުވާ ކަމަށެވެ. އަދި އެއީ މިހާތަނަށް ފުލުހުންނަށްވެސް ހޯދިފައިނުވާ ކަމެއް ކަމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު އިތުރަށް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމާލުމަށް ބޮޑެތި ހުރަސްތަކެއް ހުރި ކަަމަށެވެ. އެގޮތުން މައްސަލަތަކާ ގުޅިގެން އެކި ފަރާތްތަކުގެ ބަޔާން ނެގި ނަމަވެސް 2017 ވަނަ އަހަރު ތަސްދީގު ކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން އެ ބަޔާންތައް ޝަރީއަތުގައި ސާބިތު ނުކުރެވޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.