English Edition
Dhivehi Edition

މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސް، އަލްއުސްތާޛް ހުސްނުއްސުއޫދު ރާއްޖޭގައި ވަޑައިގެން ނެތީސް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓު ސަރުކާރު އާންމުކުރާތީ ހިތާމަކުރައްވާ ކަމަށްވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ސުއޫދު އިތުރަށް ވިދާޅުވެފައި ވަނީ އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު މަރު ކޮމިޝަނުން ހޯދާފައިވާ ކަންތައްތަކުގެ ތަފްސީލުތައް ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާނެ ކަމަށާއި، އޭރުން މަރު ކޮމިޝަނުން ކޮށްފައިވާ މަސައްކަތް އިންސާފުކުރަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

ސުއޫދު މިހެން ވިދާޅުވެފައިވާއިރު، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގެ ޚުލާސާއެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މަރުތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެކުލަވާލެއްވި ޑޮކްޓަރު އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓުގެ ޚުލާޞާއެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މިއަދު އޮންނަ މަޖިލީހުގެ 66ވަނަ ޖަލްސާގައި އިއްވަވާނެ ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުގެ ރޭ ގެއިން ބޭރުގައި އުޅުއްވުމަށްފަހު އެރޭ ދަންވަރު އޭނާ ދިރިއުޅުއްވާ ގެ (ހ. ފުންވިލު) އަށް ވަޑައިގަތް ވަގުތު، އެގޭ ސިޑި ކައިރިން ބަޔަކު އޭނާއަށް ވަޅިން ހަމަލާދީގެންނެވެ.

ރަހުމްކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމް އަށް އިންސާފު ހޯއްދަވައި ދެއްވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.