ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ ނާކާމިޔާބުވީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް އެ ޕާޓީއާ ދެކޮޅަށް ނުކުތުމުން ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ. ރިޔާޒް މިހެން ވިދާޅުވީ ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ނެވެ.
ރިޔާޒް ވިދާޅުވީ މަޖިލިސް އިންތިހާބު ނާކާމިޔާބު ވުމުގައި އެތަށް ސަބަބެއް ހުރި ކަމަށާއި އެންމެ ބޮޑު ސަބަބަކީ ކޯލިޝަނެއްގެ ތެރޭގައި ވާދަ ނުކުރުން ކަމަށެވެ. އަދި ޕީޕީއެމް / ޕީއެންސީއާއެކު މަސައްކަތް ކުރި ނަމަވެސް އެ ޕާޓީގެ ތެރެއިން ވެސް ގިނަ ބަޔަކު ދިޔައީ ޖޭޕީގެ ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޒާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެސް ސީދާ ޖުމްހޫރީ ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރެއްވި ކަމަށެވެ.
“އަޅުގަނޑުމެންނަށް ފެނުނު މަންޒަރަކީ ޕީޕީއެމް އިން އަޅުގަނޑުމެންނަށް އެންޑޯޒްކޮށްފައިވެސް އެންޑޯޒް ކުރި ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރިކަން އެނގޭ، ޕީޕީއެމްގެ އެންމެ އިސް ބޭފުޅުންވެސް އެންމެ އިސް ރައީސް ވެސް ރައީސް ޔާމީން ވެސް ދެކޮޅަށް މަސައްކަތް ކުރިކަން އެނގޭ، ހުދު އަޅުގަނޑާ ދެކޮޅަށް ވެސް މަސައްކަތް ކުރި،” ރިޔާޒް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދާފައިވަނީ އެމްޑީޕީން ނެވެ. އެގޮތުން އެމްޑީޕީ އަށް ވަނީ 65 ދާއިރާ އަކުން ގޮނޑި ކާމިޔާބު ޖޮށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ. އަދި ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 6 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރި 6 ފަރާތައް ވަނީ މި އިންތިހާބުގައި ގޮނޑި ލިބިފައެވެ.