English Edition
Dhivehi Edition
ޑރ އަލީ ޝަމީމު އުސްތާޛު ޢަބްދުﷲ ސާދިގާއި ސަލާމް ކުރައްވަނީ ފޮޓޯ: ސޯޝަލް މީޑިއާ

ދިވެހި ބަހާއި އަދަބިއްޔާތުގެ އުސްތާޛު އަބްދުﷲ ސާދިގުގެ ހަޔާތުގެ މައްޗައް ބިނާކޮށް ފޮތެއް ނެރެފި އެވެ.

ކަށިމާ އަހްމަދު ޝާކިރު ލިޔުއްވާފައިވާ މި ފޮތް ނެރެފައިވަނީ ރޭ ޣިޔާސުއްދީނު އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާރޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި ދިވެހި ބަހުގެ އެކެޑަމީގެ އިސްވެރިންނާއި އުސްތާޛު އަބްދުﷲ ސާދިގުގެ އާއިލާގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިފޮތް ނެރެދެއްވީ ސާދިގުގެ ޝަރަފުވެރި ދަރިވަރެއްކަމުގައިވާ ޑރ އަލީ ޝަމީމެވެ. މި ފޮތް ނެރެދެއްވުމަށްފަހު ފޮތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ މި ފޮތަކީ އާދަޔާ ހިލާފު ހާއްސަފޮތެއް ކަމުގައެވެ. އަދި މިފޮތް ވިދާޅުވާ ކޮންމެ ބޭފުޅަކަށްވެސް އިބްރަތްތެރި ފިލާވަޅުތަކެއް ދަސްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ސާދިގުގެ ހަޔާތާއިމެދު ލިޔެފައިވާ މިފޮތުގެ އަގަކީ 350 ރުފިޔާއެވެ. ނަމަވެސް ރޭގެ ރަސްމިއްޔާތުގައި ބައިވެރިންނަށް މިފޮތް ސާދިގުގެ ސޮޔާއި އެކު 300 ރުފިޔާއަށް ވަނީ ވިއްކާފައެވެ.

ސޯދުބެގެ ނަމުން މަޝްހޫރު ވެފައިވާ އުސްތާޛު އަބްދުﷲ ސާދިގަކީ ދިވެހި ބަހަށް ގިނަގުނަ ޚިދުމަތަތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. ދިވެހިބަހަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާއްމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު 1980 ގައްޔާއި 1983 ގައި ސޯދުބެއަށް ލިބިވަޑައިގެންފައިވާއިރު މި ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1998 ގައި ވަނީ ލިބިވަޑައިގެންފައެވެ. އަދި ފާއިތުވި އަހަރު ބޭއްވި ނޫސްވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ނޫސްވެރިކަމުގެ އަލިމަސް ގަލަންވެސް ލިބިވަޑައިގަންފައެވެ.