English Edition
Dhivehi Edition

ނެފްރަޓީޓީއަކީ މިސްރުގެ ފިރުއައުނެއް ކަމަށްވާ އަކެނާޓެންގެ އަނބި ކަނބަލުންނެވެ. އަދި ކިންގް ޓޫޓަން ހާމުންގެ މަންމާފުޅު ކަމަށްވެސް ވެއެވެ. ކުއީން ނެފްރަޓީޓީ އަކީ ވަރަށް ރީތި ބޭފުޅެއް ކަމަށްވެސް ވެއެވެ. އަދި އެކަމަނާއަކީ ދީނީ އަދި ސިޔާސީ ގޮތުން އަރައި އިންނެވީ ބޭފުޅެއް ކަމަށްވެސްވެއެވެ. އެހެންނަމަވެސް މީގެ 3000 ވަރަކަށް އަހަރު ކުރިން ވީއެއް ނުވީއެއް ނޭންގި އެކަމަނާވަނީ ގެއްލިފައެވެ.

މިހާތަނަށް އެކަމަނާއާ ބެހޭ ކަށަވަރު މައުލޫމާތެއް އެފަހުން އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ދާދި ފަހުން އިނގިރޭސި އާކިއޮލޮޖިސްޓުން ވަނީ ނެފަރްޓިޓީ ފެނިއްޖެ ކަމަށް ބުނެ ދައުވާ ކޮށްފައެވެ.

އެމީހުން ބުނެފައިވަނީ ކިންގް ޓޫޓަންކް ހާމުންގެ މަގުބަރާ 1922 ވަނަ އަހަރު ހޯދައިފައިވާ ކަމަށެވެ. އެ މަގުބަރާ ފެނުނު ފަހުން މިހާތަނަށްވަނީ ހައި ރިޒޮލިއުޝަން ސްކޭންތަކެއް ކޮށްފައެވެ. އެ ސްކޭންތަކުން ބަލާއިރު ޓޫޓަންކް ހާމުން މަގްބަރާއިން ސިއްރު ދެ ކޮޓަރިއަށް ދެވޭ ގޮތައްވާ މަގުތަކެއް ހޯދިފައިވާ ކަމަށް އިނގިރޭސި އާކިއޮލޮޖިސްޓުން ބުނެއެވެ. އެއިން އެއްކޮޓަރިއެއްގައި ނެފްރަޓިޓީގެ ‘މަމީ’ ވާ ކަމަށް އެމީހުން ގަބޫލު ކުރެއެވެ.

މިކަން ސާބިތު ކުރެވިއްޖެނަމަ މި ގަރުނުގެ އެންމެ ބޮޑު ހޯދުމަށް މި ވެގެން ދާނެއެވެ. އަދި ޤަދީމީ މިސްރުގެ ތާރީޚުގެ މުއްސަނދި ކަމުގެ ތެރެއިން މިހާތަނަށް ދެވިފައިނުވާ ހިސާބަށް ދެވޭނެއެވެ. އެކަމަކު މައްސަލައަކީ އެބުނާ ކޮޓަރިތައް ހުރިކަމުގެ 100 އިންސައްތަ ޔަގީންކަންއަދިވެސް ނެތުމެވެ. އެވަރަށް ޔަގީންކަން ނުލިބެނީސް އެމަގުބަރާ ނުކޮންނާނެ ކަމަށް މިސްރުންވަނީ ބުނެފައެވެ.

ނެފްރަޓީޓީގެ ހަށިގަނޑުގެ މަތީބައި ކަމަށްބުނާ ބައެއް ބާލިން ދާރުލްއާސާރުގައިވެއެވެ. އެއީ މީގެ 3300 އަހަރު ކުރިން ގަލުން ހަދާފައިވާ ބައެއް ކަމަށްވެއެވެ. އިނގިރޭސި، މިސްރުގެ ތާރީޚު ދިރާސާކުރާ މީހެއް ކަމަށްވާ ނިކޮލަސް ރީވްސް ބުނެފައިވަނީ ޓުޓަންހާމުންގެ މަގްބަރާ އަކީ އަސްލު ނެފްރަޓީޓީގެ މަގްބަރާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނެފްރަޓީޓީގެ ބަދަލުގައި އެކޮޓަރީގައި އޮތްކަމަށް މީގެކުރިން ހީކުރެވިފައިވަނީ ޓުޓަންހާމުންގެ ދޮންމަންމަ ކަމަށެވެ.

ރީވްސް ބުނާ ގޮތުގައި މިހާރު ދެން ކުރަންވީ ކަމަކީ ރޭޑާރ ސްކޭން ތަކާއި ތާރމަލް ސްކޭންތައް މުޅި އެސަރަހައްދު ނެގުމެވެ. އޭގެ ސަބަބުން އެތަނުގައިހުރި ފޮރުވިފައިވާ ކޮޓަރި ތަކަކީ ކޮބައިކަން ދެނެގަނެވޭނެއެވެ.

ކިންގް ޓުޓަންކްހާމުންގެ ނަމުން މަޝްހޫރު ވެފައިވާ މަގްބަރާ ހޯދާފައިވަނީ 1922 ވަނަ އަހަރުއެވެ. އެތަން ހޯދައިފައިވަނީ އިނގިރޭސި އިޖިޕްޓޮލޮޖިސްޓެއް ކަމައްވާ ހޮވާޑް ކާޓާރ އެވެ. ދިރާސާ ކުރާ ފަރާތަކުން މިހާތަނަށް އެންމެ އަޅައިގަތް އެއްކަމަކީ އެހެން ރަސްކަލުންނާ އަޅާ ބަލާއިރު ކިންގް ޓުޓަންކް ހާމުން ގެ މަގްބަރާގެ ކުޑަކަމެވެ. އަދި އެމަގުބަރާގެ ބޭރުން ވައްތަރީވެސް ރާނީއެއްގެ މަގްބަރާއާއެވެ.

ތާރީޚު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ނެފްރަޓީޓީ ވަނީ އެނާގެ ފިރިމިހާގެ ރަސްކަމުގެ ދައުރުގައި ދުނިޔެ ދޫކޮށްފައެވެ. ނަމަވެސް މިހާރު ރީވްސް ފަދަ ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ފިރިމީހާ މަރުވުމަށްފަހުވެސް ނެފްރަޓީޓީ ދުނިޔޭގައި އުޅުއްވިއެވެ. އަދި ދުވަސްކޮޅަކަށް މިސްރުގެ ރަސްކަންވެސް ކުރެއްވި ކަމަށްވެއެވެ.