English Edition
Dhivehi Edition

ސޯނާ އިލެކްޓްރިކް ތައާރަފްވެގެން ދިޔަ ދުވަސްވަރު މިސިސްޓަމާއި އަދި އާއްމުކޮށް ގޭގައި ބޭނުން ކުރެވޭ ކަރަންޓުގެ ގްރިޑާ ގުޅާލުން ވެގެން ދިޔައީ އުނދަގޫ ކަމަކަށެވެ. އެހެން ކަމުން އޭރަކު މިސިސްޓަމް ގޭގެ ކަރަންޓުގެ ގްރިޑާއި ގުޅާނަހަދައެވެ.

ސޯލާ ސިސްޓަމް އާއްމުގޮތެއްގައި ބޭނުން ކުރެވެމުން ދިޔައީ އާދައިގެ ކަރަންޓް ދިނުމަށް ދަތި ހިސާބުތަކުގައެވެ. ސަބަބަކަށް ވެގެން ދިޔައީ އެފަދަ ދުރުހިސާބުތަކަށް ކަރަންޓް ގްރިޑް ގާއިމު ކުރުމަށް ހިނގާ ޚަރަދު ބޮޑުވެގެން ދިއުމުންނެވެ.

އެހެންނަމަވެސް އާދައިގެ ކަރަންޓްގެ ޚަރަދު ބޮޑުވުމުގެ ސަބަބުން މިހާރު ގިނަމީހުން ސޯލާސިސްޓަމް ބޭނުން ކުރުމަށް މިވަނީ ވައިގައި ހިފާފައެވެ. ރާއްޖޭގައިވެސް މިސިސްޓަމް ހަރުކުރުމުގެ ފޯރި މިހާރު ވަނީ ހިފާފައެވެ. އަދި މިސިސްޓަމާއި ފެނަކަ ނުވަތަ ސްޓެލްކޯ ގްރިޑާ ގުޅާލައިގެން ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމަށް މިހާރު އެންމެންވެސް ބޭނުން ވެއެވެ. ނަމަވެސް ފެނަކައިން ވަނީ އެކުންފުނީގެ ގްރިޑާއި ސޯލާ އިލެކްޓްރިކް ސިސްޓަމް ގުޅުން މާނާކޮށްފައެވެ. ނަމަވެސް ވަކި ސަބަބެއް ހާމަކޮށްފައެއް ނެތެވެ.

ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން އިޔާދަ ކުރަނިވި ހަކަތަށް ބަދަލު ކުރުމަށް ދުނިޔޭގެ ހުރިހާ ގައުމު ތަކުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ތިމާވެށި ހިމާޔަތްކުރުމުގެ ހެޔޮ ނިޔަތުގައެވެ. ރާއްޖެއަކީ ތިމާވެއްޓަށް އަތުވެދާނެ ބަދަލާއެކު އެންމެ ބޮޑު އަސަރެއް ކޮށްފާނެ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމަކެވެ.

ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ހުއްޓުވުމަށް ރާއްޖެއިންވެސްވަނީ ދުނިޔޭގެ ފެންވަރުގައި އެއްބަސްވުން ތަކުގައި ސޮއިކޮށް، މަސައްކަތް ކުރާނެ ކަމަށް ވައުދު ވެފައެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ސަރަހައްދަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނި، ފެނަކައިން މިކަމަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި މިފެންނަނީ އެއާއި ތަންކޮޅެއް ބީރައްޓެހި ގޮތަކަށް އަމަލު ބަހައްޓަވާ ތަނެވެ. ފަހަރުގައި އެކުންފުނި އަދި މިފަދަ ކަމަކަށް ތައްޔާރު ނުވެ އޮތުމަކީ ވެދާނެ ކަމެކެވެ. ނުވަތަ އެފެންވަރުގެ ގާބިލު އިންޖިނިއަރުންނާއި އިލެކްޓްރިޝަނުން ނެތީ ކަމަށްވެސް ވެދާނެއެވެ.

ކަމެއް ކުރާއިރު އެކަމަށް އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް މީހުން އެތަނެއްގައި ނެތްނަމަ އެކަމަށް ކުރިމަތި ލުމުން އެބަޔަކު ފަޟީހަތް ވުމަކީ ވެދާނެ ކަމެކެވެ. ރުކަށް އަރަން ނޭގޭ މީހަކު ރުކަށް އަރަން އެނގޭކަމަށް ހެދިގެން އަރާ ފައިބާއިރު މުޅި މީހާގެ ބަނޑުގެ ހަން އެއްކޮށް ނޮޅައިގެން ހިނގައިދާނެ ތާއެވެ؟

ސޯލާ އިލެކްޓްރިކް ސިސްޓަމާއި ކަރަންޓް ގްރިޑާ ގުޅާލުމަށް ކޮންމެވެސް ވަރަކަށް ބަލާލަމާ ހިނގާށެވެ.

ނެޓް މީޓަރިން

ދުނިޔޭގެ ގައުމު ތަކުގައި ސޯލާ ސިސްޓަމް އާދައިގެ ކަރަންޓުގެ ގްރިޑާ ގުޅާލުމަށް ބޭނުން ކުރަނީ ބިލިން ޕްރޮސެސް އެކެވެ. އެއަށް ކިޔާ ނަމަކީ “ނެޓް މީޓަރިން” ނުވަތަ “ނެޓް ބިލިން” އެވެ. މި ޕްރޮސެސްގައި ސޯލާއިން އުފައްދާ ކަރަންޓް ވަގުތުން ބޭނުމެއް ނުކުރެވޭނެއެވެ. އެކަމަކު އޭގައިން އުފައްދާ ކަރަންޓް ސީދާ ފޮނުވާލާނީ ކަރަންޓް ގްރިޑަށެވެ.

ސޯލާއިން އުފައްދާ ޕަވާ ނުވަތަ ކަރަންޓް ދަށްވަމުންދާނަމަ އެއަށް ޕަވާ އިތުރުކޮށްދޭނީ ކަރަންޓް ގްރިޑުންނެވެ. މިހާލަތުގައި އާއްމުތަންތަނުގައި މިހާރު މިގެންގުޅޭ މީޓަރަށް މައްސަލަ ކުރިމަތިވާނެއެވެ. އެއީ އެބަޔަކު ބޭނުންވާ މިންވަރަށް ވުރެން އިތުރަށް ސޯލާ ސިސްޓަމުން ކަރަންޓް އުފައްދާނަމަ އެކަރަންޓް ގްރިޑަށް ގޮސް މީޓާރު އަނެއްކޮޅަށް މަސައްކަތް ކުރުމަކީ ވެދާނެ ކަމެކެވެ.

އެއީ ހަގީގަތުގައި މައްސަލައެއް ނޫނެވެ. އެވާގޮތަކީ ސޯލާއިން އުފައްދާ ކަރަންޓް އިތުރުވުމުން ގްރިޑަށް އެބައި ބޭނުން ކުރަނީއެވެ. މީގެ ސަބަބުން ދެކޮޅަށް އެއްވަރު ކުރުމަށް މީޓަރުން ހަމަ އެއްރޭޓެއްގައި އެބައި ބެލެންސް ކޮށްލަނީއެވެ. އެހެނަސް މީގެ ސަބަބުން ފެނަކައަށް ލިބެންވާ ފައިސާ މަދުވެގެން ދާނެއެވެ.

މިކަން ހައްލު ކުރުމަށް ދެމީޓަރު ބޭނުންވާނެއެވެ. އެކައްޗަކީ ގްރިޑުން ކަރަންޓް ބޭނުން ކުރެވޭ މިންވަރު ބަލާ މީޓަރެވެ. އަނެއް މީޓަރަކީ ސޯލާއިން އުފައްދާ ކަރަންޓުން ގްރިޑަށް ބޭނުން ކުރެވޭ މިންވަރު ބަލާ މީޓަރެވެ. މިހާލަތުގައި ސޯލާ ސިސްޓަމުން ގްރިޑަށް ބޭނުން ކުރެވުނު މިންވަރު ވަކި އުސޫލެއްގެ މަތިން ފެނަކައަށް ބިލް ކުރެވިދާނެއެވެ. ނަމަވެސް މިފަދަ ގަވާއިދެއް އަދި ރާއްޖޭގައި ހެދިފައިވާ ކަމަށް އެނގިފައެއް ނެތެވެ.

މިކަމަށް ފެނަކަ ތައްޔާރު ނުވާނަމަ އެކުންފުނީގެ ގްރިޑަށް ސޯލާ ސިސްޓަމް ގުޅާކަށް އެމީހުން ހަގީގަތުގައިވެސް އެއްބަހެއް ނުވާނެއެވެ. ދުނިޔޭގެ ގައުމު ތަކުގައި އެއް ޕަވާ ހައުސް އަކުން އަނެއް ޕަވާ ހައުސްއަށް ކަރަންޓް ހިއްސާ ކުރެއެވެ. ނަމަވެސް ވަކި އުސޫލެއްގެ މަތިން ދެފަރާތް އެއްބަސްވާ ހަމަތަކެއްގެ މަތިންނެވެ.

ރާއްޖޭގައި މިފަދަ ގަވާއިދެއް މިހާރު އެކުލަވާލަން އެބަޖެހެއެވެ. ސޯލާ ސިސްޓަމުން އިތުރަށް އުފައްދާ ކަރަންޓް ފެނަކައަށް ނުވަތަ ސްޓެލްކޯއަށް ވަކި ރޭޓެއްގައި ބޭނުން ކުރެވޭނެ އުސޫލެއް ގާއިމު ކުރަން އެބަޖެހެއެވެ. އޭގެ ސަބަބުން ފެނަކައަށްވެސް މިހާރު ދިމާވާ ކަރަންޓް ދަށް ވުމުގެ މައްސަލަ ހައްލު ކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ގްރިޑާ ގުޅާލުން

މިފަދަ ސޯލާ ސިސްޓަމެއް ބޭނުން ކުރުމަށް ގަންނައިރު ބަލަންޖެހޭ ކަންތައްތައް ހުރެއެވެ. މިފަދަ ކަންތައްތައް ކުރުމަށް އެކަށީގެންވާ ހުނަރާއި އިލްމު ހުންނަން އެބަޖެހެވެ. ތަނަކުން އެއްޗެއް ފެންނައިރަށް އެގަނެލައިގެން އައިސް، އެހަރުކޮށް ގުޅާލުމުން އަދި އެކަމެއް ފުރިހަމައެއް ނުވާނެއެވެ. ސޯލާ ޕެނަލް އާއި ބެޓެރިއަކީ މައްސަލައެއް ނޫނެވެ. އެހެނަސް އެއަށް ބޭނުން ކުރާ އިންވާޓާ ގަތުމުގެ ކުރިން ކަރަންޓުގެ ޚިދުމަތް ހޯދާ ފަރާތުން އެމީހުންގެ ކަރަންޓުގެ ފްރީކުއެންސީ އާއި އަދި ވޯލްޓޭޖް ރޭންޖުގެ މައުލޫމާތު ހޯދާ އެފަރާތުން ފޯރުކޮށްދޭ ކަރަންޓާއި ކޮމްޕެޓިބަލްވާ އިންވާޓާއެއް ހޯދުމަކީ މުހިއްމު ކަމެކެވެ. ހަގީގަތުގައި ބެޓެރީއާއި ނުލާވެސް މިސިސްޓަމް ބޭނުން ކުރިވިދާނެއެވެ.

އަދި އެފަރާތުން މިހާރު އާއްމު ގޮތެއްގައި ބޭނުން ކުރާ މީޓަރަކީ އެކަމަށް ބޭނުން ކުރެވިދާނެ މީޓަރެއްތޯ ނުވަތަ އިތުރު މީޓަރެއް ބޭނުންވާނެތޯ އަދި އޭގެ ސްޕެސިފިކޭޝަން ހޯދަންވާނެއެވެ. ސޯލާސިސްޓަމާއި އެކުންފުނީގެ ގްރިޑާއި ގުޅާލާ މީހަކީ މިދެ ކަރަންޓުގެ ފުރިހަމަ މައުލޫމާތު ހުރި މީހަކަށްވެސް ވާނެޖެހޭނެއެވެ. މިގޮތަށް ކަރަންޓް އެއްފަރާތުން އަނެއްފަރާތަށް ހިއްސާ ކުރެވޭއިރު އެއްވެސް ކޮޅަކަށް ގެއްލުން ނުވާގޮތަށް އެކަންތައް ކުރުމަކީ ދެފަރާތަށްވެސް ފައިދާ ކުރާނެ ކަމެކެވެ. ނަމަވެސް މިފަދަ އެއްވެސް މައުލޫމާތެއް ނުހޯދާ ގްރިޑަށް ގުޅާލުމުން ދެން ނިކުމެދާނެ މައްސަލަ އެއްބަޔަކު އަނެއް ބަޔެއްގެ ބޮލުގައި އެޅުވުމަކީ ގާތްކަމެކެވެ.

އެހެންކަމުން ސޯލާ ސިސްޓަމް ހަރުކުރުމަށް އެއަށް ބޭނުންވާ ޕެނެލް، ބެޓެރީ އަދި އިންވާޓާ ގަތުމުގެ ކުރިން ކަރަންޓް ޚިދުމަތް މިހާރު ފޯރުކޮށްދޭ ފަރާތުގެ އިރުޝާދު ހޯދުމަކީ މުހިއްމު ކަމެކެވެ. ބޭރުން އެކި ފާޑުފާޑުގެ އެއްޗެހި ގެނެސް ވިޔަފާރި އުސޫލުން ވިއްކާ ފަރާތްތަކުން ވަރަށް ބޮޑަށް އެމީހުންގެންނަ އެއްޗެކީ ވަރަށް މޮޅު، ހަމަ އެހާމެ ކަރަންޓް ޚަރަދު ކުޑަކޮށްދޭ އެއްޗެކޭ ބުނެ ވިއްކަން މަސައްކަތް ކުރާނެއެވެ. އަދި އާއްމު ގޮތެއްގައި މިފަދަ ވިޔަފާރި ކުރާ ފަރާތްތަކަކީ މިކަމުގެ ޓެކްނިކަލް މައުލޫމާތު އެހާ ރަނގަޅަށް ދަންނަ ބަޔަކަށްވެސް ނުވާނެއެވެ.

ހަގީގަތުގައި ސޯލާ ސިސްޓަމާއި މިހާރުގެ ކަރަންޑް ގްރިޑާ ގުޅާލުމަކީ މުހިއްމު ކަމެކެވެ. މިކަމަށް ދެކޮޅުންވެސް ތައްޔާރުވާން އެބަޖެހެއެވެ. އެއީ ސޯލާ ޕެނަލް ބޭނުން ކުރެވޭ މިންވަރު އިތުރުވާނަމަ ކަރަންޓް އުފައްދާ ކުންފުންޏަށްވެސް ލުއިތަކެއް ލިބި ޚަރަދު ކުޑަކުރެވޭނެއެވެ.