English Edition
Dhivehi Edition

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އުފައްދާފައިވާ މަރުތައް ބަލާ ކޮމިޝަނަށް ހާޒިރު ކުރީ ޒަމާނުއްސުރެ ނަފުރުސަތު އޮންނަ މީހެއްގެ ބަޔާނުގައި ދައްކާފައިވާ ވާހަކަތަކެއްގެ ތެދު ދޮގު ހޯދުމަށްކަމަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒް ބުނެފިއެވެ.

މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ބަލާ ކޮމެޓީއަށް ޒާހިދު އިއްޔެ ހާޒިރުކޮށްފައިވާއިރު އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ ޒާހިދު ހާޒިރުކުރީ، ވަޅި ހަރައި ރަހުމުޑަގޮތަކަށް މަރާލިި ބްލޮގާ ޔާމީން ރަޝީދާ ގުޅޭގޮތުން 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އޭނާ ކޮށްފައިވާ ޓްވީޓްތަކާ މެދު ސުވާލު ކުުރުމަށް ކަމަށެވެ.

ކޮމިޝަނުން މިހެން ބުނެފައިވީ ނަމަވެސް ޒާހިދު ކުރި ޓުވިޓެއްގައި ބުނީ ޔާމީން ރަޝީދުގެ މަރާ ގުޅިގެން އޭނާއަށް އެއްވެސް ސުވާލެއް އަމާޒުކޮށްފައިނުވާ ކަމަށެވެ. އަދި އޭނާއަކީ ޔާމީންގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ މީހެއް ނޫން ކަމަށް މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދުވެސް ޔަގީން ދީފައިވާ ކަމަށް ޒާހިދު ވަނީ ބުނެފައެވެ. މީގެ އިތުރުން ޒާހިދު ބުނީ މީގެ އަހަރުތަކެއް ކުރިން އޭނާ ކޮށްފައިވާ ޓްވީޓްތަކެއް ބޭނުންކޮށް، އޭނާގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އަޅުވަން މަސައްކަތް ކުރާ ކަމަށާއި، އެ ޓްވީޓްތައް މިހާރު ރިމޫވް ކޮށްފައިވާކަމަށެވެ. އަދި އެ ޓުވިޓްތަކާއި ގުޅިގެން އެއްވެސް އޮޅުމެއް އަރާނަމަ މައާފަށް އެދޭކަމަށް ޒާހިދުވަނީ ބުނެފައެވެ.

ޔާމީންގެ މަރަށް އިންސާފު ލިބި އެކަން ކުރި މީހުންނަށް ހައްގު އަދަބު ލިބެން އޭނާވެސް ބޭނުންވާ ކަމަށާއި އެ މަރު ހަރުކަށި އިބާރާތުން އަބަދުވެސް ކުށްވެރި ކުރާކަމަށް ޒާހިދު ބުނެފައިވާއިރު އޭނާ ބުނީ އިއްޔެ ކޮމިޝަނަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެކަމަށެވެ.

މީގެ ކުރިން ނިއު ޕޯޓް ހިންގާ ސްޓްރާޑާ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޒާހިދުގެ ބައެއް ޓްވީޓްތަކުގައި ޔާމީންއަށް މަރުގެ އިންޒާރު ވެސް ދީފައިރު ޔާމީންވަނީ އެކަން ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. އޭރު ޔާމީން ހުށަހެޅި ޝަކުވާތަކަށް ފުލުހުން ސަމާލުކަން ދީފައިނުވާއިރު ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލީ ދީނީ ޚިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި ކަމަށް ފަހުން ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށް ވަނީ ދައުވާކޮށްފަ އެވެ.