އިޔާދަ ކުރެނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމުތައް، ކަރަންޓް ޚިދުމަތްދޭ ކުންފުނި ތަކުގެ ގްރިޑަށް ގުޅަން ޖެހޭނީ ނެޓް މީޓަރިން އުސޫލުން ކަމަށް މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ ގަވާއިދުގައި ބުނެފައި ވެއެވެ.
މިގަވާއިދަކީ، އާއްމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް އެނާޖީ އޮތޯރިޓީއިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން، އެފަރާތްތަކަށް ބޭނުންވާ ޖުމުލަ ކަރަންޓު ނުވަތަ ކަރަންޓުން ބައެއް އިއާދަ ކުރެނެވި ހަކަތައިގެ ވަސީލަތްތަކުން އުފައްދައި ބޭނުންކޮށް، އިތުރުވާ ކަރަންޓު، ނެޓް މީޓަރިންގ އުސޫލުން ޚިދުމަތް ދޭ ފަރާތުގެ ކަރަންޓު ވިއުގައަށް ފޮނުވުމާބެހޭ ހަމަތައް ކަނޑައަޅައި، މިކަމަށް ހުއްދަ ދޫކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުމަށް، ޤާނޫނު ނަންބަރު 96/4 (އާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގެ10 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.
މިގަވާއިދު ތަންފީޒު ކުރުމުގެ ބާރު ލިބިފައިވަނީ މޯލްޑިވްސް އެނާޖީ އޮތޯރިޓީއަށެވެ. މިގަވާއިދަށް އަމަލު ކުރަން ފަށާނީ މިހިނގާ ޖެނުއަރީ މަހުގެ 30 ވަނަ ދުވަސް ނުވަތަ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ މިގަވާއިދު ގެޒެޓްގައި ޝާއިރު ކުރި ދުވަހުން ފެށިގެން 60 ދުވަސް ހަމަވާ ދުވަހެވެ.
މިގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ޚިދުމަތް ދޭ ފަރާތުގެ ވިއުގައަށް ނެޓް މީޓަރިންގެ އުސޫލުން ގުޅުމަށް ހުއްދަ ކުރެވޭނީ ހަމައެކަނި އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކެވެ.
ގަވާއިދުގައި ބުނާގޮތުން ޚިދުމަތްދޭ ފަރާތުގެ ގްރިޑާ ސޯލާސިސްޓަމް ގުޅަންވާނީ އެނާޖީ އޮތޯރިޓީއިން ހުއްދަ ދީފައިވާ އެކަމަށް ޚާއްސަ މީޓަރެއް މެދުވެރިކޮށެވެ. އަދި ސޯލާ ސިސްޓަމު ގްރިޑަށް ގުޅޭނީ އެނަޖީ އޮތޯރިޓީއިން ހުއްދަ ލިބިފައިވާ ކަރަންޓް މަސައްކަތް ކުރުމުގެ ލައިސަންސްގެ ގިންތީގެ ތެރޭން އެންމެ މަދުވެގެން A,B,C,E ގިންތި ތަކުގެ ހުއްދަ ލިބިފައިވާ އިންޖިނޭރެއްގެ ބެލުމުގެ ދަށުން ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.
މިގޮތަށް ސޯލާސިސްޓަމް ގްރިޑަށް ގުޅުމުގެ ކުރިން އެނާޖީ އޮތޯރިޓީއިން ކަނޑައަޅާފައިވާ އެއްބަސްވުމުގައި ޚިދުމަތް ދޭފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތުން ސޮއިކުރަން ޖެހެއެވެ.
ކަރަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ގްރިޑަށް ސޯލާ ސިސްޓަމް ގުޅާއިރު މިދެސިސްޓަމް ޕެރެލެލްވާން ޖެހެއެވެ. މިގޮތުން އެފަދަ ސިސްޓަމެއް ހަރުކުރެވޭއިރު ކަރަންޓް ގްރިޑަށް ދިމާވާ އާދަޔާ ޚިލާފު މައްސަލަތައް ދެނެގަނެވޭނެ ވަސީލަތްތައް ހަރުކޮށްފައި ހުރުމާއެކު މިފަދަ މައްސަލައެއް ދިމާވެއްޖެ ޙާލަތެއްގައި އެ ނިޒާމު ކަރަންޓު ގްރިޑުން ވަގުތުން ގުޅުން ކެނޑެން ޖެހެއެވެ.
މީގެ އިތުރުން ސަލާމަތީ މިންގަޑުގައި ތިރީގައި އެވާ ކަންތައްތައް ފުރިހަމަ ވާންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.
ޚިދުމަތް ދޭ ފަރާތުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ޙާލަތްތަކުގައި، ނެޓް މީޓަރިންގ އުސޫލުން އިންސްޓޯލް ކޮށްފައިވާ ނިޒާމުން ކަރަންޓު އުފައްދާ ފޯރުކޮށްދޭން ފެށެންވާނީ، ގްރިޑުގެ ސަރވިސް ވޯލްޓޭޖް ނޮމިނަލް ވޯލްޓޭޖުގެ %6 ގެ ތެރޭގައި ހުރެފައި، އަދި، ވިއުގައިގެ ފްރިކްއެންސީ Hz 47 އާއި Hz 52 އާ ދެމެދުގައި އެންމެ މަދުވެގެން 3 މިނިޓު ވަންދެން ސްޓޭބަލްކޮށް ހުރުމަށްފަހުއެވެ.
ކަރަންޓު ވިއުގައާ ގުޅިފައިވާ ނިޒާމުތައް ހުންނަންވާނީ “އަންއިންޓެންޑެޑް އައިލެންޑް” ނުއުފެއްދޭނެ ގޮތަށެވެ. އަދި މިފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ ބައި ސިކުންތުގެ ތެރޭގައި ކަރަންޓު ވިއުގަ އެނަޖައިޒް ކުރުން ހުއްޓުވޭނެ ފަދަ ވަސީލަތެއް ހަރުކުރެވިފައި ހުންނަންވާނެއެވެ.
ގްރިޑުގެ ކަރަންޓުގެ ޚިދުމަތް ގަސްތުގައި ނުވަތަ އޮޓަމެޓިކްއިން މެދުކެނޑިއްޖެ ހާލަތެއްގައި ގްރިޑާ ގުޅިފައިވާ ނިޒާމުތައް ބައި ސިކުންތު ތެރޭގައި ގްރިޑާ ގުޅުން ކެނޑެން ޖެހޭނެ ކަމަށް ގަވާއިދުގައި ވެއެވެ.
ސޯލާސިސްޓަމް ގްރިޑާ ގުޅާނަމަ އޭގައި ހުރުން ލާޒިމު ކުރާ މިންގަނޑުގެ ތެރޭގައި އައުޓުޕުޓް ވޭވްފޯމުގައި Hz 50 ހުރެފައި ސައިނަސޮއިޑަލް ވޯވްފޯމް އަކަށް ވާންޖެހެއެވެ.
ކަރަންޓުގެ އިންޑިވިޖުއަލް އަދި ޓޯޓަލް ހާމޮނިކް ޑިސްޓޯޝަން ލިމިޓް ހުންނަންޖެހޭ މިނަގަޑު ތިރީގައި އެވަނީއެވެ.
މިގޮތަށް ސޯލާސިސްޓަމުން އުފައްދާ ކަރަންޓަކީ ޑީސީ ކަރަންޓްނަމަ އޭސީ ކަރަންޓަށް ބަދަލު ކުރުމަށް އިންވާޓަރެއް ބޭނުން ކުރަންޖެހެއެވެ. އަދި މިއިންވާޓަރުން އުފެދޭ ހާމޮނުކް ޑިސްޓޯޝަން މަތީގައިވާ ތާވަލްގެ މިންގަނޑުތަކަށް ހިފަހައްޓަން ޖެހެއެވެ. ހަމަ މިއާއެކު މިއިންވާޓަރަކީވެސް ގަވާއިދުގައި ބުނެފައިވާ ސަލާމަތީ މިންގަނޑުތަކަށް ފެތޭ އެއްޗަކަށް ވާން ޖެހެއެވެ.
އަދި ޕަވަކޮލަޓީ މެޝަމަންޓްތައް IEC 61400-21 މިންގަނޑަށް ހުންނައިރު ފްލިކާ ހުންނަން ޖެހޭނީ IEC 6100-3-7 ކަމަށްވެސް ގަވާއިދުގައި ބުނެފައި ވެއެވެ.