English Edition
Dhivehi Edition
އައްޑޫސިޓީގައި ހަރަކާތްތެރިވަމުން އަންނަ ކޮމަންވެލްތުގެ އޮބްޒާވަރުން: ފޮޓޯ/ ލުބްނާ މަޖީދު މުޚްތާރު އޭއޯ ނިއުސް

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުމުގައި ކޮމަންވެލްތުގެ އޮބްޒާވަރުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރި ވަމުން އެބަދެއެވެ.

މި އިންތިހާބުގައި ބައިނަލްއަގްވާމީ އޮބްޒާވަރުންގެ ޖުމްލަ 38 އޮބްޒާވަރުން ރާއްޖޭގައި ހަރަކާތްތެރި ވާއިރު މީގެތެރޭގައި ކޮމަންވެލްތުގެ 13 އޮބަޒާވަރުން ހިމެނެއެވެ.

މި އިންތިހާބުގައި ބައިވެރިވާ ބައިނަލްއަގްވާމީ އޮބްޒާވަރުން ހަރަކާތްތެރިވާނީ މާލޭގެ އިތުރުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައެވެ. އެ ސަރަހައްދުތަކަކީ އައްޑޫ ސިޓީ އާއި ހދ. އަތޮޅާއި ބ. އަތޮޅު އަދި ލ. އަތޮޅެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި އިންތިހާބުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ތެރޭގައި ހަތަރު ގައުމަކުން އަދި ނުވަ ޖަމިއްޔާއެއްގެ އިތުރުން ހަތަރު މީޑިއާއެއްގެ މީހުން ހިމެނެއެވެ. މިގޮތުން ކޮމަންވެލްތު އަދި އީޔޫ ފަދަ ޖަމިއްޔާ ތަކުން މިފަހަރުގެ އިންތިހާބު އޮބްޒާވް ކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. އިލެކްޝަންސް އިން ބުނެފައިވާ ގޮތުގައި ބައިނަލްއަގްވާމީ އޮބްޒާވަރުންގެ ތެރެއިން އަމިއްލަގޮތުން 12 އޮބްޒާވަރުން ބައިވެރިވެފައި ވެއެވެ.

މި އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރެއެވެ. މި އިންތިހާބުގައި 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާފައި ވާއިރު، މާލޭގައި ބަހައްޓާފައި ވަނީ 144 ވޯޓުފޮށްޓެވެ. އަދި އަތޮޅު ތެރޭގައި 307 ފޮށި ބަހައްޓާފައި އިރު ރާއްޖޭން ބޭރުގައި ބަހައްޓާފައި ވަނީ 8 ވޯޓު ފޮށްޓެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 264،589 މީހުންނަށެވެ.