English Edition
Dhivehi Edition

މާދަމާ ބާއްވާ ރައްޔިތުން މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން” ބްލޫ ޓައިޑް” ގެ ބްރީފިންގ ބާއްވައިފިއެވެ.

އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު އިސްކަންދަރު ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި ބޭއްވި މި ބްރީފިންގ ދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންނާ މުޚާތަބު ކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި މާދަމާއަކީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަމާން އޮމާންކަމާއެކު ނިންމާލުމަށްޓަކައި ފުލުހުންނާއި އިލެކްޝަންސް ގުޅިގެން މީގެ ދެތިން މަސްކުރިން ކުރަމުންއައި މަސައްކަތްތައް ނިންމާލުމަށް ނުކުންނަ ދުވަސްކަމަށާއި މާދަމާއަކީ ދަޢުލަތަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް ފުލުހުންގެ ޕްރޮފެޝަނަލިޒަމްއާއި ފުލުހުންގެ މަސައްކަތުގެ ނަމޫނާ ދައްކުވައިދޭން ލިބިގެންދާ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް ވިދާޅުވިއެވެ. އަދި މި ފުރުޞަތުގެ ބޭނުން ކޮންމެ ފުލުހަކުވެސް ހިފައި، ފުލުހުންގެ ޕްރޮފެޝަނަލިޒަމްއާއި މަސައްކަތުގެ ނަމޫނާ ދައްކަވައި ދޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ރައްޔިތުންނާ ބައްދަލުވާ ކޮންމެ ފަހަރަކީ ރަނގަޅު، އެކުވެރިކޮށް ބައްދަލުވާ ބައްދަލުވުމަކަށް ހަދައި، އިންތިޚާބާބެހޭ ޤާނޫނޫތަކާއި ޤަވާއިދުތަކާއި ފުށުއަރާފަދަ ކަމެއް ބައެއް ފަރާތުން ނުވަތަ މީހެއްގެ ކިބައިން ފެންނަ ހިނދުވެސް، އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ މަތިންނާއި ފުލުހުންނަށް ދީފައިވާ ބްރީފިންގގައިވާ ގޮތުގެ މަތިން އެކަމެއް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މީގެކުރިން ބޭއްވި އެކަތެއް އިންތިޚާބުތަކުގައިވެސް ފުލުހުން ވަނީ އިންތިޚާބުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ނަމޫނާ ދައްކާފައިކަން ފާހަގަކުރައްވައި، ފާއިތުވެދިޔަ އިންތިޚާބުތަކުގައި ލިބިފައިވާ ފިލާވަޅުތަކުން އިބުރަތް ލިބިގަނެ، ކޮންމެ ފުލުހަކާ ހަވާލުކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު ރަނގަޅަށް އެނގިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި މި އިންތިޚާބަކީ އަމާން، ރައްކާތެރި އިންތިޚާބަކަށް ހެދުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލުމަށް ހުރިހާ ފުލުހުންވެސް ގުޅިގެން މަސައްކަތްކުރެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

އޮޕަރޭޝަން ބްލޫ ޓައިޑްގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް މި ބްރީފިންގގައި ދެއްކެވި ވާހަކަފުޅުގައި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި އެގޮތުން އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ތަމްރީނުތައް ދީ، އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގައި ހަރަކާތްތެރިވާ ފުލުހުން މިހާރު އެތަންތަނަށް ގޮސް ނިމިފައިވާކަމަށެވެ. އަދި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަށް ތައްޔާރުވުމަށް ކުރަމުންއައި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ.