English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީއަކީ ކަނޑުފޭރޭ ޕާޓީއެއް ނޫން ކަމަށާއި، އެފަދަ ބަޔަކުވެސް ޖޭޕީގެ ތެރެއަކަށް ނުވަންނަ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވީނިއުސް ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނާއި އަދި ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާއާއި ދެކޮޅަށް ނޫން ކަމަށާއި، ޖޭޕީން މަސައްކަތް ކުރަނީ ރައީސާއި، ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށް ކަމަށެވެ.

ގާސިމް ވިދާޅުވީ، ގައުމުގެ މިސްރާބު ވަކި ބަޔަކު ބަދަލުކުރަމުން އެބަދާ ކަމަށާއި، އެކަން ކުރަމުންދަނީ ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ގެއްލިގެންދާނެ ގޮތަށް ކަމަށެވެ. ތަޅާފޮޅުމާ ކަންތައްތައް ހިނގާނެ ގޮތަށް ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެމްޑީޕީން ގެންގުޅޭ އެމްޑީޕީގެ އެޖެންޑާ 19 އަށް އިޝާރާތްކުރައްވަވާ ގާސިމް ވިދާޅުވީ އޭގައި އެހެރަ ކަންތައްތަކަކީ ބިލާހެއް ކަމަށެވެ.

“ވަކި ބައެއްގެ އަތްދަށުގައި ބާރުވެރިކަން ބޭއްވުމަށް ކުރެވޭ މަސައްކަތްތައް ވަރަށް ތަފްސީލްކޮށް ވަރަށް ރަނގަޅަށް އެބަފެނޭ. އެކަން ރައްޔިތުންނާ ހިއްސާކުރައްވަން ބޭނުންވޭ. އެމްޑީޕީގެ އެޖެންޑާ 19 ގައި އެހެރަ ކަންތައްތަކަކީ ބިލާހެއް .މިހާރު އެބަހުރި ވަރަށް ޒާތީގޮތުން ކަންތައްތައް ބްލޮކް ކުރުމުގެ ބާރުތައް ލިބޭގޮތަށް އިންތިގާލީ އަދުލުގެ ގާނޫނު ހެދުންކަހަލަ ވަރަށް އެހެން ކަހަލަ ބިލްތަކެއް، ރައްޔިތުން ވިސްނަންޖެހޭ. މިކަންތައްތައް ރާސްޓަސްލާފަ ދާނެ މުޅިތަނުގަ ފަސާދަ އުފެދިގެންދާގޮތަށް. އެ ބިލްތައް މަޖިލިސް ތެރެއިން ފާސްވެގެންދާ މަންޒަރު ދެކެން ބޭނުން ނުވާތީ މިވާހަކަ ރައްޔިތުންގާތު މިދައްކަނީ. ބޮޑު މަންޒަރު އެބަ ވަރަށް ސާފުވޭ. ވަރަށް ރީތިކޮށް އެކަން ސާފުވޭ. ރައްޔިތުން ވަރަށް ވިސްނުންތެރި ކަމާއެކު ވޯޓް ލައްވާތި” ގާސިމް ވިދާޅުވިއެވެ.

ޖޭޕީއާއި އަދި ޕީޕީއެމް ކޯލިޝަނުން ކުރިމަތިލާފައިވާ ވީހާވެސް ގިނަ ގޮނޑިތައް ހޯދުމަށް އެދިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ މެމްބަރުން ރައްޔިތުން ދައްކާވާހަކަ އަޑުއަހާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ ބައިކުޅަބައެއް ނުލިބި މަޖިލީހުގައި ވާހަކަ ނުދެއްކޭނެ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.