English Edition
Dhivehi Edition

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރާ މި ޚާއްޞަ ދުވަހުގައި “އޭއޯ ނިއުސް” ގެ ފަރާތުން ރާއްޖޭގެ އަންހެންކަނބަލުންނަށް އަދި ވަކިން ޚާއްޞަކޮށް އައްޑޫގެ އަންހެން ކަނބަލުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުން ފޮނުވަމެވެ.

އަންހެނުންނަކީ ޚާއްޞަ ބައެއް ކަމީ ދެބަސް ވެވެން ނެތް ޙަގީގަތެކެވެ. ހަމަ މިއާއެކު އައްޑޫއަށް އުފަން އަންހެން ދަރިންނަކީ މި ރާއްޖޭގައިވެސް ޚާއްޞަކޮށްލެވޭ ބައެކެވެ. އެކަނބަލުންގެ ހުނަރުވެރިކަމަށްޓަކައެވެ. ހީވާގިކަމާއި މުރާލިކަމަށްޓަކައެވެ. ތައުލީމީ ދާއިރާއިން ދެއްވަވަމުން ގެންދަވާ މަތިވެރި ޚިދުމަތަށްޓަކައެވެ. މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި މުޖުތަމައު ކުރިއެރުވުމަށް ކުރަމުން ގެންދާ މިންނެތް މަސައްކަތަށްޓަކައެވެ. ކޮންމެ ތަނެއްގައި ތިބެގެން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އެއީ އައްޑޫއަށް ނިސްބަތްވާ އަންހެން ދަރިއެއްކަން އެނގޭހިނދު އައްޑޫގެ ހުރިހާ ރައްޔިތުން ފަޚުރާއެކު އިސްއުފުލާލަނީ އައްޑޫގެ ކަނބަލުން ނަކީ ނަމޫނާ ބައެއްކަން އެނގޭތީއެވެ.

އައްޑޫގެ ކަނބަލުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އެންމެފުރަތަމަ އެކަން ފާހަގަކޮށްފައިވަނީ އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިންނެވެ. އައްޑޫސިޓީ ކައުންސިލާ ގުޅިގެން “އައްޑޫކަނބައިދި އެވޯޑް” ގެ ނަމުގައި 2016 ވަނަ އަހަރު ތައާރަފް ކުރި އެވޯޑަކީ އައްޑޫގެ އައްޑޫގެ އަންހެނުންނަކީ ޚާއްޞަ ބައެއްކަން މުޅި ރާއްޖެއަށް އިއުލާންކޮށްދިން މުހިއްމު އެވޯޑެކެވެ. އެކިދާއިރާތަކުން ހުނަރުވެރި 14 އަންހެން ކަނބަލަކަށް މި އެވޯޑް އަރުވާާފައިވާއިރު މިއީ އަންހެނުންކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެކެވެ. މިކަމަށްޓަކައި އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމެޓީގެ އެންމެ ބޭފުޅުންނަށް އައްޑޫގެ އަންހެނުން ޝުކުރުވެރިވެއެވެ. މިފަދަ ކަމަކަށް އިސްނެންގެވީތީއެވެ!

އަންހެނުންގެ މަސައްކަތްތައް ފާހަގަކޮށް ރާއްޖޭގައި އަންހެން ކަނބަލުންނަށް ދޭ ފަޚުރުވެރި އެވޯޑް “ރެހެންދި އެވޯޑް” އެންމެ ފުރަތަމަ ލިބިލެއްވެވި އެއްކަނބަލަކީ އައްޑޫއަށް ނިސްބަތްވާ، މުޅި ރާއްޖެ އަށް ނަން މަޝްހޫރު އަޅުގަނޑުމެންގެ ޖުވެއިރިއްޔާ ވަޖުދީއެވެ. ޖުވޭ އަކީ ފަސްޖެހުމެއްނެތި މިހާތަނަށް އަންހެނުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވެވި އަދި މިހާރުވެސް، މިއަދުވެސް ކުރައްވަމުން ގެންދަވާ ހީވާގި، ނަމޫނާ ކަނބަލެކެވެ. ޖުވޭގެ ނައިބްރައީސާ ކަމުގެ ދަށުން ހަރުދަނާކަމާއެކު ހިންގަވަމުން ގެންދަވާ “އައްޑޫވިމެންސް އެސޯސިއޭޝަނަކީ” އައްޑޫގެ އަންހެނުންގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ހީވާގި އެސޯސިއޭޝަނެކެވެ. މި އެސޯސިއޭޝަނުގެ ހިންގުންތެރި ވެރިއަކީ ވެސް އައްޑޫގެ ފަސްގަނޑަށް އުފަން ހީވާގި ކަނބަލެއް ކަމުގައިވާ ޑރ މަރިޔަމް ޝަކީލާއެވެ.

ޑރ ޝަކީލާއަކީ މިހާތަނަށް ރާއްޖޭގެ ކަނބަލަކަށް ހޯދިފައި ނުވާފަދަ ގިނަ ކާމިޔާބީ ހާސިލް ކުރައްވަވާފައިވާ ހިންގުންތެރި އިލްމީ ކަނބަލެކެވެ. މިފަދަ އެތައް އެތަށް ކަނބަލުންތަކެއް އައްޑޫގެ ބިމުން ނެރެދީފައިވާއިރު އެކަނބަލުންގެ ޚިދުމަތްތައް މެދު ނުކެނޑި ރާއްޖެއަށް ލިބެމުންދާ ކަމީ އައްޑޫގެ ރައްޔިތުން ނުހަނު އުފާވާކަމެކެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބެލިކަމުގައި ވިޔަސް ފެނިގެންދަނީ އައްޑޫގެ އަންހެން ދަރިންގެ ގާބިލްކަމެވެ. ވިސްނުމުގެ ހަރުދަނާކަމެވެ. ފިރިހެނުން ބޭފުޅުންނަށް ދޫ ނުކުރައްވަވާނޭ ކަމެވެ. މިކަމަށް ހެކި ދެނީ އައްޑޫގެ ސްކޫލުތަކުގެ އެންމެ އިސްވެރިންނަށް ތިއްބެވި އަންހެން ޕްރިންސިޕަލުންނެވެ. އައްޑޫގެ ގިނަ ސްކޫލްތަކުގައި މިހާރުވެސް ޕްރިންސިޕަލުންގެ ގޮތުގައި މަސައްކަތް ކުރައްވަނީ އަންހެން ބޭފުޅުންނެވެ. ގްރޭޑް 1 އިން ފެށިގެން ސާނަވީއާއި ހަމައަށް ކިޔަވައިދޭ އާބާދީ ބޮޑު ހިތަދޫ ސްކޫލުގެ މެނޭޖްމަންޓްގެ އެންމެ އިސް ސަފުގައި ތިއްބެވީ އަންހެން ކަނބަލުންނެވެ. ސްކޫލްގެ ޕްރިންސިޕަލަކީ ޕީއެޗްޑީ ސަނަދު ނަންގަވައިގެން އިންނެވި ކުޅަދާނަ ހިންގުންތެރި ޕްރިންސިޕަލެކެވެ. ޑރ އާސިޔަތު ދީދީގެ ފަހަތްޕުޅުން މަސައްކަތް ކުރައްވަނީވެސް އަންހެން ބޭފުޅެކެވެ. އެ ސްކޫލުން ހޯދާ ކާމިޔާބީ ގިނަގުނައެވެ. ނަތީޖާ މޮޅެވެ. ހަމައެއާއެކު ސ.އަތޮޅު މަދުރަސާ އާއި ޝަމްސުއްދީންސްކޫލާއި ކެންގަރޫ ސްކޫލް، ހިރާ ސްކޫލް އަދި މަރަދޫފޭދޫ ސްކޫލްގައި ވެސް އިސްކޮށް ހުންނެވީ ހަމަ އަންހެން ބޭކަނބަލެކެވެ.

ތައުލީމީ ދާއިރާއިން ފެށިގެން ވިޔަފާރީގެ ދާއިރާއާއި ކެއްކުމުގެ ދާއިރާ އަދި މަސައްކަތްތެރިކަމުގެ ދާއިރާއާއި އިޖުތިމާއީ ދާއިރާތަކުގެ އިސް ސަފުން ފެންނަ އައްޑޫގެ އަންހެން ކަނބަލުންގެ ހިތްވަރަށްޓަކައި މި ފުރުސަތުގައި އެކަނބަލުންނަށް ހައްގު ޝުކުރު ދަންނަވަމެވެ. މުސްތަގުބަލުގައިވެސް މިފަދަ ކުޅަދާނަ، ގާބިލް އަންހެނުން މި ފަސްގަނޑުން އުފެދިގެން ދިއުމަށް މިންވަރު ކުރައްވާށިއެވެ. އާމީން!