English Edition
Dhivehi Edition

ޕްރިމއަ ލީގުގެ ގަދަ ހަތަރެއްގައި އޮވެ ނިންމާލަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް އާސެނަލްގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުންދާ އޮޒިލް ބުނެފިއެވެ.

ލީގުގައި ރޭ އާސެނަލް އިން ވަނީ ނިއުކާސަލް 2-0 ލަނޑުން ބަލި ކުރުމަށް ފަހު ލީގުގެ ތިންވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ.

ރޭގެ މޮޅާ އެކު އާސެނަލް ތިން ވަނަ އަށް އެރީ 31 މެޗުން 63 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމާއި ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 31 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ޗެލްސީގެ އޮތީ 31 މެޗުން 60 ޕޮއިންޓެވެ.

ރޭގެ މެޗަށް ފަހު އޮޒިލް ބުނީ ސީޒަން ފެށިގެން ލީގަށް ވާދަކުރަމުން އައި ޓޮޓެންހަމް އަށް ވުރެ 2 ޕޮއިންޓް ކުރިއަށް ދެވެމުން ވަރަށް ބޮޑަށް އުފާ ވާކަމަށާއި ދެން ބޭނުން ވަނީ މި ނަތީޖާ ދަމަ ހައްޓަންކަމަށެވެ.

މި ސީޒަންގެ ވަރަށް ފަހަކާ ޖެހެންދެން ލީގު ޗެމްޕިއަން ކަމަށް ވާދަކުރަމުން އައި ޓޮޓެންހަމް ހޮޓްސްޕާސް މިދިޔަ ފެބްރުއަރީ މަސް ފެށުނުއިރު އާސެނަލްއަށްވުރެ 10 ޕޮއިންޓް ކުރީގައި އުޅުނު ނަމަވެސް އެޓީމް މިވަގުތު އޮތީ އާސެނަލް އަށްވުރެ 2 ޕޮއިންޓް މަދުން ލިބިގެން ހަތަރު ވަނައިގައެވެ. ޓޮޓެންހަމް އާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ގޯލްގެ ތަފާތުން ކުރި ލިބިފައިނުވުމުން މެންޗެސްޓަރ ޔުނައިޓެޑް މިވަގުތު އޮތީ ތާވަލްގެ ފަސް ވަނައިގައެވެ.

“އަހަރެމެންގެ އުންމީދަކަށްވީ ގަދަ ހަތަރެއްގައި ލީގު ނިންމާލުން.އަހަރަމެން މިތިބީ ވަރަށް އުފާ ވެފައި ސީޒަންގެ ބޮޑުބައިގައި ތިންވަނާގައި އޮތް ޓޮޓެންހަމް ފަހަތަށް ޖައްސާލުމަށް ފަހު ތިންވަނައަށް އާދެވުމުން.އެއީ އަހަރުމެންނާއި އަބަދުވެސް ވަރަށް ވާދަވެރި ޓީމެއް”އޮޒިލް ބުންޏެވެ.

“މިއަދުގެ މެޗުގައި އަހަރުމެން ކުޅުނު ގޮތަށް ކުޅެފި ނަމަ ލީގުގެ ތިންވަނާގައި އޮވެ ނިންމާލު މަކީ އުނދަގޫ ކަމެއް ނޫން.ކުރިއަތް މިއޮތީ ވަރަށް މަދު މެޗެއް.ބޭނުން ވަނީ ބާކީ ހުރި ހުރިހާ މެޗަކުން ޕޮއިންޓް އެއް ހޯދައި ގަދަ ހަތަރެއްގައި މުބާރާތް ނިންމާލުން ކަމަށް “އޮޒިލް އިތުރަށް ބުންޏެވެ.

މިސީޒަންގެ ކުރީ ކޮޅު ގިނަ މެޗު ތަކުން އޮޒލްއަށް ފުރުސަތު ނުލިބުނު ނަމަވެސް ފަހަކަށް އައިސް އޮޒިލް އަންނަނީ ފުރަތަމަ 11 ގައި ހިމެނި މޮޅު ކުޅުމެއް ދައްކަމުންނެވެ.