English Edition
Dhivehi Edition
އިންތިޚާބުގައި މަސައްކަތް ކުރާނެ އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން: ފޮޓޯ އޭއޯ ނިއުސް

ލިޔުނީ: އާމިނަތު ޒީނާ/

ކުރިއަށް އޮތް މަޖިލިސް އިންތިޚާބް 2019 ގައި އައްޑޫ ސިޓީގައި ބަހައްޓާ ވޯޓްފޮށިތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން، ހަމަޔަށްލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރ އަޙްމަދު އަކްރަމްވިދާޅުވެއްޖެއެވެ.

އޭއޯ ނިއުސްއަށް ދެއްވި ބަސްދީ ގަތުމެއްގައި އަކުރަމް ވިދާޅުވީ އިލްކެޝަނުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާނެ މީހުން ހޯދުމުގައި މިފަހަރު ދަތިތަކެއް ދިމާވީނަމަވެސް، މިހާރު އެކަންވަނީ ޙައްލު ވެފައިކަމަށެވެ. އަދި އޮފިޝަލުންނަށް ތަމްރީން ދިނުމުގެ މަސައްކަތްވެސް ވަނީފެށިފައިކަމަށާއި މާޗް މަހުގެ 26 ވަނަ ދުވަހުން ފެށިގެން އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު އައްޑޫގައި ކުރިއަށް ގެންދާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އމިއިންތިޚާބްގައި އޮބްޒަރވަރުންގެ ގޮތުގައި 36 ފަރާތަކުން އައްޑޫގައި ޙަރަކާތްތެރި ވާނެ ކަމަށާއި،އޭގެ އިތުރުން މޮނިޓަރުންނާއި އިންޓަރނޭޝަނަލް އޮބްޒާވަރުންވެސް ޙަރަކާތްރެރިވަމުންދާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި އިންޓަރނޭޝަނަލް އޮބްޒާވަރުން ފޮނުވާގޮތަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހަތަރު ޞަރަޙައްދަކަށެވެ. އޭގެ ތެރޭގައި ލ.އަތޮޅު.ފޯއްމުލަކު އަދި އައްޑޫ ސިޓީހިމެނެއެވެ. މި މަސައްކަތުގެ ދަށުން މިހާރުވެސް އީ،ޔޫގެ ޕްރީ އިލެކްޝަން ޓީމެއް އައްޑޫގައި ޙަރަކާތް ތެރިވަމުން އެބަދެއެވެ.

މި އިންތިޚާބުގައި ވޯޓްލުމާއި،ވޯޓްގުނުމާއި އަދި އިއުލާންކުރުމުގައި ޢަމަލުކުރާ ގޮތްތަކަށް މާބޮޑު ތަފާތު ތަކެއް ގެނެވިފައި ނުވާނެކަމަށާއި، ނަމަވެސް ނަތީޖާ ޢިއުލާން ކުރުމުގައި ދާއިރާތަކުގެ ވަކިވަކި ފޮށިތަކުގެ ނަތީޖާ ޓީވީން ޢިއުލާން ނުކުރުމަށް ވިސްނަވަމުންގެންދަވާ ކަމަށްވެސް އިލެކްޝަނުން އަކުރަމް ވިދާޅުވިއެވެ.

މިގޮތަށް އިޢުލާން ނުކުރި ކަމުގައިވީނަމަވެސް އިލެކްޝަންގެ ވެބްސައިޓުންނާއި ވޯޓްލާ ސަރަޙައްދުގައި ވަކި ވަކި ފޮށިތަކުގެ ނަތީޖާ ކަރުދާސް ކުރިއެކޭވެސް އެއްގޮތަށް ފެންނަން ހުންނާނެ ކަމަށްވެސް އަކްރަމް މަޢުލޫމާތު ދެއްވެވިއެވެ.

މަޖިލިސް 2019 ގައި ވޯޓްލުމަށް، އައްޑޫސިޓީގައި ޖުމްލަ 31 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހިތަދޫ 15ފޮށި،މަރަދޫ 03 ފޮށި،މަރަދޫފޭދޫ 02 ފޮށި،ފޭދޫ 05 ފޮށި،ހުޅުދޫ 03 ފޮށި،އަދި މީދޫ ގެ 02 ފޮށްޓާއި ގަމުގެ 01 ފޮއްޓެވެ.