ކޮންމެ ކުއްޖަކީވެސް ފިތުރަތުގެ ސާފުކަންމަތީ މައިންބަފައިންނާއި ހަވާލުކުރެވޭ ބޮޑު އަމާނާތެކެވެ. މައިންބަފައިންނާއި ހަވާލުކުރެވޭ މި ބޮޑު އަމާނަތާ މެދު އެންމެ ތުއްތު އިރުން ފެށިގެން އެ މައިންބަފައިން ފޮނި ހުވަފެންތަކެއް ދެކެއެވެ. އެމީހުންގެ އެތެއް އަރާމަކާ އުފަލެއް ދޫކޮށް ދަރިންނަށްޓަކައި ބޮޑެތި ގުރުބާނީތައް ވަމުން ދެއެވެ. އެހެން ނަމަވެސް ދިމާވާ ކުޑަކުޑަ ކަމެއް ސަބަބުން އަމިއްލަ ފުރާނައަށް އެ ދަރިން ގެއްލުންދީ އަމިއްލަ އަށް މަރުވެގެން ދަނީ އެ ހުރިހާ އުއްމީދަކާ ހުވަފެންތައް ފުޑު ފުޑުކޮށްލާފައެވެ.
ދުނިޔޭގެ މި އުދަގޫ އިމްތިހާނުގައި ދިމާވާ ކަންތައްތަކަށް ކެތްނުކުރެވިގެން އަމިއްލައަށް މަރުވަމުންދާ މީހުންގެ އަދަދު މި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެގެންނެވެ. ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އަމިއްލައަށް މަރުވަމުންދާ މީހުންގެ އަދަދު ގިނަވެގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ފަދަ ކަމެކެވެ.
މާތްﷲ ހަރާން ކުރައްވާފައިވާ އެފަދަ ބޮޑު ފާފައަކަށް އަރައިގަންނަ އިރު ދާއިމީ ގޯތީގައި ތިމާ އުޅެންޖެހޭނެ ހާލާ މެދު ވިސްނާލުމެއް ނެތެވެ. މި ވަގުތީ ދުނިޔޭގައި ދިމާވާ ކަންތައްތަކަށް ކެތް ނުކުރެވޭ އިންސާނާއަށް އަބަދުގެ އަބަދަށް ދެމިގެންވާ ގޯތީގައި ލިބޭނެ އަޒާބަށް ކެތްނުކުރެވޭނެކަން ޔަގީނެވެ. މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދުއް ސައްލައްﷲ އަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ “އަމިއްލައަށް މަރުވާ މީހާ އެ މަރުވާން ބޭނުންކުރާ ތަކެތިން އެމީހަކަށް ޤިޔާމަށް ދުވަހުން އަޒާބުލިބޭނެތެވެ.”
އިމާންތެރިކަން ވަރުގަދަ އެއްވެސް އިންސާނަކު އެމީހާގެ އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަކީ ކުރާނެ ކަމެއް ނޫންކަން ޔަގީނެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އަމިއްލައަށް މަރުވާންދިމާވާ އެންމެ ބޮޑު ސަބަބަކީ ޑިޕްރެޝަންއެވެ. އެހެން ނަމަމަވެސް ގަބޫލުކުރަން ޖެހޭ އެންމެ ބޮޑު ހަގީގަތަކީ މާތްﷲ އެއްވެސް އިންސާނަކަށް ނުއުފުލޭ ވަރު ބުރައެއް އެއްވެސް އިންސާނަކަށް ނުޖައްސަވާނެކަމެވެ.މި ދުނިޔެއަކީ ވަގުތީ ތަނެއް ފަދައިން ދިމާވާ މައްސަލަތަކަކީވެސް ވަގުތީ މައްސަލަތަކެއް ކަމާއި ކޮންމެ ކަމަކަށް އޮތް ހައްލަކީ މަރުނޫން ކަން ގަބޫލުކުރަން ޖެހެއެވެ. ތިމާގެ އަޤީދާ އާއި އީމާންތެރިކަން ވަރުގަދަ އެއްވެސް އަންސާނަކު އަމިއްލަ ހަށިގަނޑަށް ގެއްލުމެއް ނުދޭނެއެވެ.
ތިމާ އަމިއްލައަށް މަރުވެގެންދާއިރު މައިންބަފައިންނާއި ލޯބިވާ މީހުން ރޯނެ ރުއިމާ މެދު ވިސްނާލަންޖެހެއެވެ. މަރުވީ ކޮންސަބަބަކާ ހުރެ ކަން ނޭގުމުން ގާތް ރަހްމަތްތެރިންނާއި އެކުވެރިން އެކަންތަކާއި ވިސްނާނެވަރު އަންދާޒާކޮށްލަންޖެހެއެވެ. އަނބިދަރިން ޔަތީމް ވެ ނިކަމެތިވެގެން ވެގެން ދިއުމުން އެމީހުންނަށް ދެން ވާނެ ގޮތަކާމެދު ފިކުރުކޮށްލަންޖެހެއެވެ. ތިމާ އަމިއްލަ އަށް މަރުވެގެން ދިއުމުން އެހެން މީހުންނަށް ލިބިގެންދާނެ ހިތާމައާއި މެދު ވިސްނާލަންޖެހެއެވެ.
ދިރިއުޅުމުގައި ދިމާވާ އެކި އެކި ކަންތަކާ މެދު އެހެން މީހުންނާއި މަޝްވަރާކޮށް ހިޔާލު ހޯދުމަކީ ހިތަށް ހަމަޖެހުން ލިބޭންދާނެ ކަމެކެވެ.ނަމާދުކުރުމާއި ޤުރުޢާން ކިޔެވުމަކީ އެކަނިވެރިކަން ފިލާ ނަފްސު ތާޒާކޮށްދޭ ކަމެކެވެ. ދުނިޔެ މަތީގައި އުޅޭއިރު ކަންބޮޑުވެ ފިކުރު ބޮޑުވާ ވަގުތު ކަންތައް ކުރަންވީ އެންމެ ރަގަޅު ގޮތް މި އުއްމަތުގެ މާތް ނަބިއްޔާ މުހައްމަދު ސައްލައްﷲ އަލައިޙި ވަސައްލަމް ވަނީ އިންސާނުންނަށް ދަސްކޮށްދެއްވާފައެވެ. ކީރިތި ޤުރުޢާނާއި ރަސޫލާގެ ސުންނަތުގައި ހިފައިފި މީހަކު މަގުއޮޅި ގެއްލިގެން ނުދާނެކަން ޔަގީނެވެ. މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައެވެ. ތިބާ ދެކެ ލޯބިވާ ތިބާއަށް އަޅާލާމީހުން ބައިވަރެވެ. އަމިއްލައަށް މަރުވެ އެމީހުން ރޮއްވާނުލާށެވެ.