English Edition
Dhivehi Edition

ޖިލް ބޯލްޓީ ޓޭލަރ އެއްވެ ތިބި އެތައް ސަތޭކަ ބަޔަކާ ވާހަކަ ދައްކަމުން ދިޔައެވެ.

އިންސާނާގެ ސިކުނޑި އަހަރެން ދަސްކުރަން ފެށީ އަހަރެންގެ ކޮއްކޮއަކަށް ސްކިޒޯފްރީނިއާ ޖެހިފައި ހުރީމައެވެ. އޭނާ އަށް ޖެހިފައިވާ އެބަލީގެ ސަބަބުން ހުވަފެނާ ހަގީގަތް ވަކި ކުރާކަށް ނޭނގެއެވެ. އޭނާ އުޅެނީ ހުވަފެނުގެ ދުނިޔެއެއްގައެވެ. އަހަރެމެން އާދައިގެ މީހުންނަށް ހަގީގަތާ ހަގީގަތް ނޫންކަންތައް ދެނެގަންނަށް އެނގޭ ގޮތަކަށް އޭނާއަކަށް އެދެކަންތަކެއް ނޭނގެއެވެ. އަހަރެން އޭނާގެ ދައްތައަކަށްވެ ހުރެ ފަހުން ސައެންޓިސްޓަކަށް ވީމާ އަހަރެން ބެލީ އޭނާއަށް މިތަފާތު ނޭނގެންވީ ސަބަބުތައް ދިރާސާކޮށް ހޯދުމަށެވެ. އެހެންވެ އަހަރެންގެ ގެ ހުންނަ ރަށްކަމަށްވާ އިންޑިއާނާ ދޫކޮށް ބޮސްޓަންއަށް ހިނގައްޖެއީމެވެ.

އަހަރެން މި ރިސާޗް ކުރުމަށް މަސައްކަތް ކުރަމުން ދިޔައީ ޑޮކްޓަރ ފްރޭންސިން ބެނެސްގެ ލެބޯޓަރީގައެވެ. ހާވާރޑްގެ ޑިޕާޓްމަންޓް އޮފް ސައިކިއެޓްރީގައެވެ. އަހަރެމެން މިތަނުގައި ބަލަމުން ދިޔައީ އާދައިގެ ގޮތެއްގައި ކަންތައް ކޮންޓްރޯލްވެފައި ހުންނަ ސިކުނޑިއަކާ ސްކިޒޯފްރީނިއާ ނުވަަތަ ބައިޕޯލަރ ފަދަ މައްސަލަ ހުންނަ ސިކުނޑިއަކާ އަޅުވާ ބަލާއިރު ތަފާތުވަނީ ކޮން ކަންތަކެއްތޯއެވެ. މިކަމަށްޓަކައި އަހަރެމެން ޗާޓް ކުރަހަމުން ގެންދިޔައީ ސިކުނޑީ ފުނުގައިވާ ސަރކިޓްތަކުގެއެވެ. ސިކުނޑި މަސައްކަތް ކުރަނީ ކޮން ސެލްއަކާ ކޮން ސެލްއަކާ ދެމެދު މުވާސަލާތު ކޮށްގެންތޯއެވެ. އަހަރެމެން ބެލީ މިކަންތައް ހިނގުމަށް ބޭނުން ކުރެވޭ ކެމިކަލްތަކުގެ މިންވަރުވެސް ދެނެގަތުމަށެވެ

މިއީ އަހަންނަށް ވަރަށް މާނަ ހުރިކަމެކެވެ. އެގޮތަކީ އަހަރެން މުޅި ހަފްތާގެ ދުވަސްތަކުގައި މި ރިސާރޗް ކުރުމަށްފަހު ހަފްތާ ބަންދުގައި ދަނީ ނޭޝަނަލް އެލައެންސް އޮފް މެންޓަލް އިލްނެސްގައި މަސައްކަތް ކުރުމަށެވެ .

އަހަރެން 1996 ވަަނަ އަހަރު ޑިސެމްބަރު 10 ވަނަ ދުވަހު ހެނދު ހޭލިއިރު އަހަރެންގެ ސިކުނޑީގެ މައްސަލައެއް ޖެހިއްޖެކަން އަހަންނަށް އެނގުނެވެ. އަހަރެންގެ ސިކުނޑީގެ ވާތްފަޅީގައި ލޭހޮޅިއެއް ފަޅައިގެން ދިޔައީއެވެ. 4 ގަޑިއިރުތެރޭގައި އަހަރެންގެ ސިކުނޑިން މައުލޫމާތު ދެނެގަތުމުގެ ކުޅަދާނަކަން ގެއްލިގެން ދިޔައެވެ. އަހަރެންގެ ސިކުނޑިއަށް ލޭއެޅުނު ދުވަހު އަހަންނަކަށް ހިނގައި ވާހަކަދައްކާ ލިޔެ ކިޔާކަށް ނޭނގުނެވެ. އަދި އަހަރެންގެ ހަޔާތާ ބެހޭ އެއްވެސް ކަމެއް ހަދާނެއް ނުކުރެވުނެވެ. އަހަރެންނަކީ އަންހެނެއްގެ ހަށިގަނޑުތެރޭގައިވާ ކުޑަކުއްޖެކޭ އެއްފަދަވިއެވެ.

ކަލޭމެންގެ ތެރޭގައި އިންސާނެއްގެ ސިކުނޑި ފެނިފައިވާ މީހަކު ކުރިނަމަ ސިކުނޑީގެ ދެފަޅި ފަޅިވެފައިވާކަން އެނގޭނެއެވެ. އެދެބައި ހުންނާނީ ގުޅުމެއް ނެތިއެވެ. އަހަރެން މިއޮތީ އަސްލު އިންސާނެއްގެ ސިކުނޑި ގެނެސްފައެވެ. ނިކަން ދެކެބަލާށެވެ. މި ދެބައި މިހުންނަނީ ގުޅުމެއް ނެތިއެވެ. މީގައި މިވަނީ ސްޕައިނަލް ކޯޑް ގުޅިފައެވެ. މިދެބައި ދޭތެރެ ގުޅުވަން ހުންނަނީ ކޯޕަސް ކޮލޯސަމްއެވެ. އެއީ 300 މިލިއަން އެކްސަން ފައިބަރއިން އެކުލެވިފައިވާ ބައެކެވެ. އެނޫން ހުރިހާ ގޮތަކުން މި ދެފަޅި ހުންނަނީ ވަކީންނެވެ. ކޮމްޕިއުޓަރ ދަންނަ މީހުންނަށް ކަނާތު ފަޅީގެ ސިކުނޑިއަކީ ޕެރަލަލް ޕްރޮސެސަރއޭ އަދި ވާތު ފަޅިއަކީ ސީރިއަލް ޕްރޮސެސަރއޭ ބުނީމާ ނިކަން ރިއްޗަށް ދޭހަވާނެއެވެ.

މި ދެފަޅިން ވިސްނެނީ ތަފާތު ކަންތައް ތަކެއް ކަމުން މިއިން ކޮންމެ ފަޅިއަކުން ވިސްނަނީ އަދި އަޅާލަނީ ތަފާތު ކަންކަމާއެވެ. މި ދެފަޅީގެ ޝަޚްސިޔަތުވެސް ތަފާތޭ އަހަންނަށް ބުނަން ކެރިދާނެއެވެ. އަހަރެމެންގެ ސިކުނޑީގެ ކަނާތު ފަޅި ވިސްނާނީ ހަމަ އެކަނި މިވަގުތާމެދު އެކަންޏެވެ. އެއިން ކަންތައް ދެނެގަންނަނީ މަންޒަރުތަކާއި ހަށިގަނޑު ހުންނަ ގޮތަކާއި ހަށިގަނޑު ކުރާ ހަރަކާތްތަކުގެ އެހީގައެވެ.

އަހަރެމެންގެ ހުރިހާ ހިއްސުތަކެއްގެ ތެރޭން މައުލޫމާތު މުޅި ހަށިގަނޑަށް ވަދެގަންނަނީ ހަކަތައިގެ ގޮތުގައެވެ. އަދި ތަފާތު އެތައް ތަސްވީރުތަކެއް ބުރައިގެން ގޮސް އުފެދިފައިވާ ބޮޑުމަންޒަރެއް ފަދައިން އަހަރެމެންގެ މިވަގުތު މި ހިނދުކޮޅު ކަންތައް ހުރިގޮތް ދައްކުވާދެއެވެ. މިވަގުތު މިތަނުގައި ދުވާވަހަކާއި އިވޭ އަޑަކާއި ދެންނަ އެއްޗަކާ ކުރެވޭ އިހްސާސްތައް ދައްކުވާ ދެއެވެ. އަހަންނަކީ އަހަރެންގެ ވަށައިގެންވާ ހަކަތައިން ގުޅިފައިވާ ހޭވެރިކަން ހުރި ދިރިހުރި އެއްޗެކެވެ. އަހަރެމެން އެންމެންނަކީވެސް އަހަރެމެންގެ ސިިކުނޑީގެ ކަނާތުފަޅީގައި އެކުލެވޭ ހޭވެރިކަމުން ގުޅިފައިވާ އިންސާނީ އާއިލާއެކެވެ. މިވަގުތު އަހަރެމެން އެންމެންނަކީވެސް މި ދުނިޔެއަކީ ރަނގަޅުތަނެއް ކަމުގައި ހަދަން ތިބި ބޭބެއިންނާއި ދައްތައިން ނުވަތަ ކޮއްކޮއިންނެވެ. މިވަގުތު އަހަރެމެން ފުރިހަމައެވެ. އަދި ރީއްޗެވެ.

އަހަރެމެންގެ ސިކުނޑީގެ ވާތްފަޅި ވިސްނަނީ އެއްސީދަލަކަށެވެ. އެއްކަމަކުން އަނެއް ކަމަކަށެވެ. އަހަރެމެންގެ މާޒީއާއި މުސްތަގުބަލާމެދު ވިސްނަނީ އެފަޅީންނެވެ. ވާތްފަރާތުން ބަލާނީ އަހަރެމެންގެ ކަނާތުފަޅިން އެއްކޮށްފައި ހުންނަ މަންޒަރުގެ ތަފްސީލަށް. އަދި އޭގެ ތަފްސީލަށެވެ. އިތުރު ތަފްސީލުތަކަށެވެ. ދެން މިހުރިހާ މައުލޫމާތެއް ތަރުތީބުކޮށް އަހަރެމެންގެ މާޒީގައި ކަންތައް ހިނގާފައިވާ ގޮތްތަކާއި ދަސްކޮށްފައިވާހާ ކަންތަކާ ގުޅުވާލައެވެ. އަދި މުސްތަގުބަލުގައި އަހަރެމެންނަށް ކުރެވެން އޮތްހާ ކަމެއް އެމައުލޫމާތުގެ އެހީގައި ވިސްނައިގަނެއެވެ. ސިކުނޑީގެ ވާތު ފަޅި ވިސްނަނީ ބަހުރުވައިންނެވެ. މިއީ ހުއްޓުމެއްނެތި އަނގަތަޅަމުންދާ ބައެކެވެ. އަހަރެންގެ އެތެރޭގެ ދުނިޔެއާ ބޭރުގައިވާ ދުނިޔެ ގުޅުވާ ދެނީ ސިކުނޑީގެ މިފަޅީންނެވެ.

އަހަރެންގެ ގާތު ގެޔަށް އަންނައިރު ދޮންކެޔޮ ގެންނަން ހަނދާންކުރާށޭ ބުނަނީ ސިކުނޑީގެ ވާތްފަޅީންނެވެ. އަހަރެން ހެނދުނުން ކުރަން ޖެހޭކަމެއް ބުނެދެނީ އެފަޅިންނެވެ. އަހަރެން އެއްޗެހި ދޮންނަންވީމާ ބުނެދެނީވެސް އެފަޅީން ހިސާބު ހަދާފައެވެ. އަދި އެންމެ މުހިންމު އެއްޗެއް އަހަރެންގެ ގާތު ބުނަނީވެސް އެފަޅީންނެވެ. އެއީ ”އަހަންނަކީ އަހަރެން”ނެވެ. އަހަރެންގެ ގާތު ސިކުނޑީގެ ވާތުފަޅިން އަހަންނަކީ އަހަންނޭ ބުނުމާއެކު އަހަރެންގެ ވަށައިގެންވާ ހުރިހާ ހަކަތަކައަކާ އަހަރެން ވަކިވެގަންނަމެވެ. އަހަރެންނަކީ ވަކި އެއްޗެއް ކަމުގައި ވެގަންނަމެވެ. އަހަންނާ ކަލޭމެންނާ މިއީ ވަކިއެއްޗެއް ކަމުގައި ފާހަގަ ވެގެން ދެއެވެ. އަހަންނަށް ސްޓްރޯކް ޖެހުނު ދުވަހު ހެނދުނު އަހަންނަށް ގެއްލިގެން ދިޔައީ މިފަޅިއެވެ.

ސްޓްރޯކް ޖެހުނު ދުވަހު ހޭލިއިރު އަހަރެންގެ ވާތު ލޮލާ ދިމާއަށް ބޮލުގައި ތަޅާގޮތަށް ރިއްސަމުން ދިޔައެވެ. އެއީ އައިސްކްރީމެއްގައި ދަތްއެޅީމާ އުފެދޭކަހަލަ ރާޅުބާންޏެއް އެކުލެވޭ ތަދެކެވެ. އެތަދު އަހަރެންގެ ބޮލުގައި ފިއްތާ އަދި ދޫކޮށްލާ ހަދައެވެ. އަހަންނަކީ އެއްވެސް ކަހަލަ ތަދެއް މީގެ ކުރީގައި ވީ މީހެއް ނޫނެވެ. އެހެންކަމުން އަހަރެން ހިތަށް އެރީ އާދައިގެ ގޮތުގައި މަސައްކަތަށް ނުކުތުމަށެވެ. އެހެންވެ އަހަރެން ތެދުވެ ކާޑިއޯގުލައިޑަރަށް އަރައިފީމެވެ. އެއީ މުޅި ހަށިގަނޑަށް ކަސްރަތު ލިއްބައިދޭ މެޝީނެކެވެ. އަހަރެން މީގެ އަތްގަނޑުގައި ހިފައި ދަމާ ކޮއްޕާ ހަދަމުން ދިޔައިރު އަހަންނަށް ފާހަގަ ކުރެވުނީ އަހަރެންގެ އަތުގެ އިނގިލތައް ހުރީ ވަލުޖަނަވާރުގެ ވަކިތަކެއްގެ ސިފައިގައި ކަމެވެ. ދެން އަހަރެން ހަށިގަނޑަށް ބަލާލި އިރު އަހަންނަށް ސިފަކުރެވުނީ އަހަންނަކީ ސިފަހުރުތު ފުރޭތައެއްފަދަ އެއްޗެއްގެ ގޮތުގައެވެ. އަހަރެން މި މެޝީންގެ މަތީގައި އިންކަމުގެ ހޭވެރިކަން އަހަންނަށް ހުއްޓެވެ. އޭރު އަހަރެންގެ ބޮލުގެ ރިއްސުން ގަދަވަމުން ދިޔައެވެ. ދެން އަހަރެން މެޝީނުން ފައިބައި ކޮޓަރިތެރެއަށް ހިނގައްޖެއީމެވެ. އޭރު އަހަންނަށް އިހްސާސް ކުރެވެމުންދަނީ އަހަރެންގެ ގައިގައި ހިނގާ ހުރިހާ ކަމެއް ލަސްވަމުން ދާކަމެވެ. އަހަރެން އަޅާ ކޮންމެ ފިޔަވަޅެއް ހަރުކަށްޓެވެ. ފިޔަވަޅު އަޅާއިރު އޮމާންކަމެއް ނުހުރެއެވެ.

ހުރިހާ ހަރަކާތެއް ހުންނަނީ ހުއްޓުން އަރާފައެވެ. އަހަރެން އޭރު ފެންވަރަން ތައްޔާރުވަނީއެވެ. އޭރު ހަށިގަނޑުގެ އެއްމަސްގަނޑު އަނެއް މަސްގަނޑު ގާތު ބުނަމުންދާ އަޑު އިވޭހެން އަހަންނަށް ހީވެއެވެ. ކަލޭ ވާން ކުރާށެވެ. ކަލޭ ހަކަތަ ދޫކޮށްލާށެވެ. އެއާ އެކު އަހަރެންގެ ބެލެންސް ގެއްލެމުން ދިޔައެވެ. އަހަންނަށް ފާރަށް ލެނގިގަނެވުނެވެ. ދެން އަހަރެން ހަށިގަނޑަށް ބަލާލިއިރު ހަށިގަނޑުގެ އިން ވަކިކުރާކަން ނޭނގުނެވެ. އަހަރެންގެ އަތާއި ވަށައިގެންވާ ފާރުގެ އެޓޮމްތަކާ ވަނީ ގުޅިފައެވެ. އަހަންނަށް އިހްސާސްކުރެވޭހާވެސް އެއްޗަކީ ހަކަތައެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަހަންނަށް މިވަނީ ކީއްހެއްޔެވެ؟ އެވަގުތު އަހަރެންގެ ސިކުނޑީގައި ދެކެވޭ ވާހަކަތައް ހުއްޓި ހިމޭން ވެއްޖެއެވެ. އަޑެއް ބަޑެއް ނީވުނެވެ. ހީވީ ރިމޯޓްކޮންޓްރޯލެއްގެ މިއުޓް ފިތަށް މީހަކު އޮބާލިހެންނެވެ. އަހަރެންގެ ސިކުނޑި ހިމޭން ވެގެން ދިއުމުން އަހަންނަށް ފުރަތަމަ ލިބުނީ ޝޮކެކެވެ. އެކަމަކު އަހަރެންގެ ވަށައިގެންވާ ގަދަފަދަ ހަކަތައާމެދު އަހަރެން ހައިރާންވެއްޖެއެވެ. އަހަންނަށް އަހަރެންގެ ހަށިގަނޑު ވަކިކުރަން ނޭނގޭތީ ވަށައިގެންވާ ބިޔަ ހަކަތައާ އަހަރެން ގުޅިފައިވާތީ ފެނުނެވެ. އެއީ ރީތި މަންޒަރެކެވެ.

ހަމަ އެއާއެކު ވާތުފަޅީގެ ސިކުނޑި މަސައްކަތް ކުރަން ފެށިއެވެ. އެފަޅިން ބުންޏެވެ. ”މައްސަލައެއް އެބައުޅޭ، މައްސަލައެއް އެބަ އުޅޭ. އަވަހަށް އެހީއެއް ހޯދަން އުޅޭ.” އެއާއެކު އަހަރެން އަނެއްކާވެސް ހިތާމައެއް ނުވާ ދުނިޔެއަކަށް ބެހިގެން ދިޔައެވެ. އެއީ ހިތްގައިމު ދުނިޔެއެކެވެ. ނިކަން ވިސްނާބަލާށެވެ. ސިކުނޑީގައި މިދެކެވެމުންދާ ވާހަކަތައް ހުއްޓި ވަށައިގެންވާ ދުނިޔެއާ ގުޅުން ކެނޑުމުން ކަންތައް ހުންނާނެގޮތް ނިކަން ވިސްނާބަލާށެވެ. އަހަރެން މިވަނީ ވަޒީފާގެ މަސްއޫލިއްޔަތުގެ ބުރަކަމުން ވީއްލިފައެވެ އެއްވެސް ނުތަނަވަސްކަމެް ނުވާ ޖައްވެއްގައެވެ. އަހަރެންގެ ހަށިގަނޑު ލުއިވެގެން ދިޔައެވެ. ވަށައިގެންވާ އެންމެންނާ ގުޅުންކެނޑިއްޖެއެވެ. އެގުޅުންތަކުގައި ވާހާ ސްޓެރެސްތަކެއް ފިލަިއިގެން ހިނގައްޖެއެވެ. އަހަންނަށް އިހްސާސް ކުރެވުނީ ހިތްހަމަޖެހުމެވެ. ނިކަން ވިސްނާ ބަލާށެވެ. 37 އަހަރު އުފުލަމުން އައިހާ ޖަޒްބާތުގެ ބަސްތާތައް އަތުން ދޫވެގެން ދިޔައިމާ ވާނެ ފަސޭހެ ހީކޮށްލާށެވެ.

އަހަނަށްވީ އުފަލެއް ބަޔާންވެސް ނުކުރެވުނެވެ. އުފަލުގެ ކޮޅެއްވެސް ނެތެވެ. އެވަގުތ އަނެއްކާވެސް ސިކުނޑީގެ ވާތުފަޅި ހޭލައިފިއެވެ. އަދި ބުންޏެވެ. ’ސަމާލުވޭ. އަހަރެމެން އެހީ ހޯދަން ޖެހިއްޖެ. އަވަސްކުރޭ.”

އަހަރެން ފެންވަރާ ނިންމާލާފައި މެޝީނެއް ފަދައިން ދިރިއުޅޭ ކޮޓަރިއެއް އަތުވެއްޖެއީމެވެ. އަހަރެން މަސައްކަތަށް ދާން ޖެހިއްޖެއެވެ. އަހަންނަށް ކާރު ދުއްވޭނެ ހެއްޔެވެ؟ އެވަގުތު އަހަރެންގެ ކަނާތުގެ ބާރުކެނޑިއްޖެކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އެއަތް އެވަނީ ވާވެފައެވެ. އަސްތާ! އަހަންނަށް ސްޓްރޯކެއް ޖެހިއްޖެކަން އެނގިއްޖެއެވެ. އެކަމަކު އަހަރެންގެ ސިކުނޑިބުނީ މިހެންނެވެ. ”ވާވް. މީ ހާދަ ކޫލް ކަމެއް.” ސިކުނޑީގެ ކިތައް ސައެންޓިސްޓުންނަށްތަ ސިކުނޑީގެ އެތެރެއާ ބޭރުގައި ކަންތައް ހިނގާގޮތް ތަޖްރިބާކޮށްލަން ލިބެނީ.” އެކަމަކު އަހަންނަށް ވިސްނުނެވެ. އަހަރެން މީ އަވަދިނެތި އުޅޭ އަންހެނެކެވެ. އަހަންނަށް ސްޓްރޯކެއްގެ ތެރޭގައި އުޅޭކަން ވަގުތެއް ނެތެވެ. އަހަރެން މިކަމުގެ ތެރެއަކު ނޫޅޭނަމެވެ. ހަފްތާއެއްހާދުވަހު އުޅެފައި އަނބުރާ މަސައްކަތަށް ނުކުންނާނީއެވެ. އަހަރެން އެހީ ހޯދަންވީ އެވެ.

އަހަންނަކަށް އޮފީހުގެ ފޯންނަމްބަރެއް ނޭނގުނެވެ. އެކަމަކު އަހަރެންގެ އަތުގައި އޮފީހުގެ ކާޑެއް އޮންނާނެއެވެ. އަހަރެން އޮފީސް ބަޔަށް ވަދެ ކާޑުތައް ހާވަން ފަށައިފީމެވެ. އަހަންނަކަށް އަހަރެންގެ ބިޒިނެސްކާޑް ވަކިކުރާކަށް ނޭނގުނެވެ. ހުރިހާ އެއްޗެއްގައި ހުންނަނީ ދެލިތިކިތަކެވެ. އެތިކިތައް ހުންނަނީ ބެކްގްރައުންޑުގައި ހުންނަ ތިކިތަކާ އެކުލަވާފައެވެ. ދެން އަހަރެން މަޑުކޮށްލައިގެން ހުރީ ހޭވެރިކަމުގެ ރާޅުބާނި އަންނާނެ ވަގުތަކަށެވެ. އަހަރެންގެ ގާތު ސިކުނޑި ބުނަނީ ތިއީ އެކާޑެއް ނޫނޭ، ތިއީ އެކާޑެއް ނޫނޭ. އަހަރެންގެ ކާޑް ފާހަގަ ކުރަން 45 މިނިޓް ނެގިއެވެ. އޭރު އަހަރެންގެ ސިކުނޑީގެ ވާތުފަޅިދަނީ ގޯސްވަމުންނެވެ. އަހަންނަކަށް ހިސާބު އަދަދު ވަކިކުރާކަށް ނޭނގެއެވެ. އަހަންނަށް ފެންނަނީ ކުރެހިފައި ހުރި ރޮނގުތަކެކެވެ. އަހަރެން ހެދިގޮތަކީ ކާޑާއި ފޯން އެއްތަނެއްގައި ބާއްވާފައި ފޯނުގައި ހުރި އެކުރެހުމާ ވައްތަރު އަކުރުތަކަށް އޮބާލީއެވެ. ދެން އަހަރެން އެއްކަލަ އުފާވެރި ދުނިޔެއަށް ގެއްލިގެން ދިޔައެވެ. އަހަންނަކަށް އެނަންބަރުތަކަށް ފޯން ކުރެވުނު ކަމެއް ވެސް ނޭނގުނެވެ. އެހެންވެ އަހަރެންގެ ވާވެފައިވާ ކަނާތް ވައަތުން ހިފާ ނަގައި ފޯނުގައި ހުރި އެނަމްބަރުތަކަށް ފިއްތާލީމެވެ. އެންމެ ފަހުން އަހަންނަށް އެނަމްބަރަށް ގުޅިއްޖެއެވެ. އަހަރެންގެ އޮފީހުގެ މީހަކު ވާހަކަ ދެއްކިއެވެ. އޭރު އަހަންނަށް އިވޭހާ ވެސް އަޑަކީ. ”ވޯވޯ ވޯވޯ” މިކަހަލަ އަޑެކެވެ. އަހަރެން ހިތަށް އެރިއެވެ. މީނާ ވާހަކަ ދައްކަނީ ކޮންގޮތަކަށް ހެއްޔެވެ؟ ދެން އަހަރެން ނިކަން ރަނޅަށް ހަމަ ހޭވެރިކަމާއެކު ބުނެފީމެވެ. ”މީ ޖިލް. އަހަރެން އެހީއަކަށް ބޭނުން ވެއްޖެ.” އެއަޑު އަހަރެންގެ ކަންފަތުގައި ޖެހުނީ ”ވޯ ވޮވޮ ވޮވޮ” މިފަދަ ގޮތަކަށެވެ. އަހަންނަށް ވާހަކަ ނުދެވޭކަން އަދި ބަހުރުވަ ނޭނގޭކަން އެނގުނީ އަދި ކިރިޔާއެވެ. އެކަމަކު އޮފީހުން ފޯން ނެގި މީހާއަށް އަހަރެން އެހީއަކަށް އެދޭކަން އެނގިއްޖެއެވެ.

އިރުކޮޅެއްގެ ފަހުން އަހަރެން ބޮސްޓަންއިން މެސެޗުސެޓްގެ ހޮސްޕިޓަލަކަށް ދަތުރުކުރި އެމްބިއުލެއްސްތެރޭގައި ކުރުގެޅިގެން އޮތީމެވެ. އޭރު އަހަރެންގެ ގައިގައި ހުރި ހަކަތަ ފުއްޕާހަމެއްގައި ހުރި އެންމެ ފަހު ވައިކޮޅު ހުސްވީފަދައިން އަހަރެންގެ ފުރާނަ އަރައިގެން ދިޔަކަމަށް ހީކުރެވުނެވެ. އެހިނދުކޮޅު އަހަންނަކީ އަހަރެންގެ ހަޔާތަށް އަމުރު ހިންގާ މީހާ ނޫންކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ޑޮކްޓަރުންނަށް އަހަރެން ގަދަކޮށް އާދިރިހުރުމެން ނުދެވިއްޖެނަމަ މިއީ އަހަރެންގެ ދިރިހުރުމުގެ އެންމެ ފަހު ވަގުތުކަން އަހަންނަށް އެނގިގެން ދިޔައެވެ. އެދުވަހު މެންދުރުފަހުން އަހަރެން ހޭއެރުމުން އަހަރެން އަދިވެސް ދިރިއޮތްކަން އެނގި ޝޮކެއް ލިބުނެވެ. އަހަރެންގެ ފުރާނަ އަރައިގެން ދިޔަހެން ހީވި ވަގުތު އަހަރެންގެ ހަޔާތަށް އަލްވަދާއު ކީމެވެ. އޭރު އަހަރެންގެ ސިކުނޑިވަނީ މުޅިންތަފާތު ދެހަގީގަތަކާ ގުޅި ލާމެހިފައެވެ.

އަހަރެންގެ ހަށިގަނޑުގެ ނިޒާމު އަލުން ދިރިގެން އައިއިރު އަހަންނަށް ހީވަނީ ތަދުވާހެންނެވެ. އަލިފެނުމުން އަހަރެންގެ ސިކުނޑީގައި ހުޅުރޯވެ އަނަދައިގަންނަހެން ހީވިއެވެ. އަޑުވެސް އެހާމެ ގަދައެވެ. ފަހަތުން އަންނަ އިވޭ އަޑުތަކާ ވާހަކަދައްކާއަޑު ވަކިކުރާކަށް އަހަންނަކަށް ނޭނގުނެވެ. އަހަރެން ބޭނުންވީ މިކަންތައް ގަނޑާ ދުރަށް ދާށެވެ. އަހަރެންގެ ހަށިގަނޑު ހުރީ ކޮޅަށް ކަމެއް އޮތީ އޮށޯވެގެންކަމެއް ވެސް އަހަންނަކަށް ނޭނގުނެވެ. އަހަންނަށް އިހްސާސް ކުރެވިފައިވަނީ އަހަންނަކީ ފުޅިއަކުން ނެރެ ނޫކޮށްލެވިވާ ޖިންނިއެއްގެ ގޮތުގެވެ. އަހަރެންގެ ފުރާނަ ބޭނުންވަނީ ހަމަހިމޭން ކަމުގެ ކަނޑެއްގައި އޮމާންކަމާއެކު ދަތުރުކުރަމުންދާ ބޮޑުމަހެއް ފަދައިން ދަތުރުކުރުމަށެވެ. އުފާވެރިކަމުގެ އިންތިހާއަކީ މިއީއެވެ. އަހަންނަށް މިވަނީ އެކަން އިހްސާސް ކުރެވިފައެވެ. މިއޮތްބޮޑު އަހަރެން މި ކުޑަ ހަށިގަނޑުގެތެރެއަށް އަލުން ވަންނާކަން ހިތްހަމައެއް ނުޖެހުނެވެ.

ދެން އަހަންނަށް އަހަރެން މިހިރީ ދިރިކަން ވިސްނިއްޖެއެވެ. އަހަންނަށް ދިރިހުރެގެން އުފާވެރިކަމުގެ އިންތިހާ ތަޖްރިބާ ކުރެވިއްޖެއެވެ. އެހެންވިއްޔާ އެހެން މީހުންނަށްވެސް މިފަދަ އުފާވެރިކަމެއް އިހްސާސް ކުރެވިދާނެތާއެވެ. ދެން އަހަންނަށް ތަސައްވަރު ކުރެވުނީ ރީތި ހިތްގައިމު އެކަކު އަނެކަކު ދެކެ ލޯބިވާ ސުލްހަވެރި ބަޔަކު އުޅޭ ދުނިޔެއެކެވެ. އެމީހުންނަށް ގަސްތުގައި ސިކުޑީގެ ވާތްފަރާތް ޚިޔާރު ކޮށްލެވިދާނެއެވެ. އަދި މިއުފާވެރިކަން ތަޖްރިބާ ކޮށްލެވިދާނެއެވެ. އަހަރެން ހިތަށް އެރިއެވެ. އެހެންވާނެ ނަމަ އެއީ ހާދަ ބޮޑު ހަދިޔާއެކެވެ.

އަހަންނަށް މިކަން ފާހަގަ ކުރެވުމުން އަލުން ގަދަވާން އަހަރެންނަށް ހިތްވަރު ލިބުނެވެ. ދެހަފްތާ ބައިގެ ފަހުން އަހަރެން ހޮސްޕިޓަލުން ދޫކޮށްލެވިއްޖެއެވެ. ޑޮކްޓަރުން އަހަރެންގެ ބޮލުތެރޭން ގޯލްފްބޯޅައެއް ވަރުގެ ލޭގުޅައެއް ނެގިއެވެ. އޭތި ހުރީ އަހަރެންގެ ސިކުނޑީގައި ބަހުރުވަ ހުންނަ ބައި ފިއްތާލައިގެންނެވެ.

އަހަރެން މުޅީން ގަދަވާން 8 އަހަރު ނެގިއެވެ. ވީއިރު އަހަރެމެންނަކީ ކޮންބައެއް ހެއްޔެވެ؟ އަހަރެމެންނީ މީ މިކާއިނާތުގެ ދިރުމުގެ ބާރުތަކުގެތެރޭގައި ހިމެނޭ އެއްބައެވެ. އަހަރެމެންގެ ސިކުނޑީގެ ހުންނަ ދެބައިގެ ތެރޭން އެއްބައެއް ބޭނުން ކުރުމުގެ އިޚްތިޔާރު އަހަރެމެންނަށް ލިބިފައިވެއެވެ. އަހަރެމެންނަށް ހަމަ އެކަނި މިހިނދުކޮޅު އަހަރެމެން ބޭނުން ގޮތަކަށް ކަންކަން ކޮށްލެވެއެވެ. ވަށައިގެންވާ ބިޔަ ދުނިޔޭގެ އެޓޮމްތަކާ އަހަރެންގެ ހަށިގަނޑުގައިވާ 50 ޓްރިލިއަން މޮލިކިއުލްތަކާ ގުޅިފައިވާ މީހެއްކަމަށް ހީކޮށްލެވިދާނެއެވެ. . ނުވަތަ އަހަރެންނަކީ ވަކި އެކަހެރި މީހެއް ކަމުގައި ހީކޮށްލެވިދާނެއެވެ. އަހަންނަކީ ނިއުރޯ އެނޮޓޮމިސްޓް ޑޮކްޓަރ ޖޯ ބޮލްޓީ ޓޭލަރ ކަމަށް ހީކޮށްލެވިދާނެއެވެ. އަހަރެމެންގެ ތެރޭގައި ހުންނަ ”އަހަރެމެން”ނަކީ މިއީއެވެ.

ކަލޭމެން އިޚްތިޔާރު ކުރާނީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެން ގަބޫލު ކުރާގޮތުގައި އަހަރެމެންގެ ކަނާތު ސިކުޑީގެ ތެރެއަށް ފީނައިގެން އޭގެ ބޭނުން ހިފައިގެން ދުނިޔެ އަމާން ރައްކާތެރި ތަނަކަށް އަހަރެމެންނަށް ހަދާލެވިދާނެއެވެ. އަހަރެން ހިތަށް އެރީ އަހަރެންނަށް މިކުރެުވުނު ތަޖްރިބާއާއި މިވިސްނުނު މިވިސްނުން ހާމަކޮށް ދިނުމަކީ ބޭނުންތެރި ކަމެއް ކަމުގައެވެ.