English Edition
Dhivehi Edition

އިސްލާމްދީނަށް ފުރައްސާރަކުރުމާއި ދީނާ ގުޅުވައިގެން ހަރުކަށި ކަމާއި ހައްދު ފަހަނައަޅައި ދިއުން މިއަދު އިތުރުވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވީ، ރާއްޖޭގައި ދީނަށް ފުރައްސާރަކުރުން ހައްދު ފަހަނައަޅާފައިވާ ކަމަށެވެ. އަދި އިންޓަނެޓް ޕްލެޓް ފޯމުތަކުގައި އެބައެއްގެ އެޖެންޑާ ކުރިއެރުވުމުގެ ތެރެއިން ވަކި ވަކި ފަރުދުންނަށް ފުރައްސާރަ ކުރުމާ ބިރުދެއްކުން ވެސް އާންމުވެފައިވާ ކަމަށެވެ.

ކުށްމަދު ކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރާނެ ނޭޝަނަލް ކުރައިމް ސްޓްރެޓަޖީއެއް ނެތް ނަމަވެސް އެ ސްޓްރެޓަޖީ ވުޖޫދަށް އައުން ވަރަށް މުހިއްމުކަމަށް ހަމީދު ވިދާޅުވިއެވެ.

“2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަދަނީ ފުލުހުންގެ ޚިދުމަތް ދެމުންދާއިރު، ދިވެހިރާއްޖެއަށް މި ވޭތުވެދިޔަ ދުވަސްތަކުގައި ސިޔާސީ އަދި އިޖުތިމާއީ ބޮޑު ބަދަލުތަކެއް ވަނީ އައިސްފައި. އެ ބަދަލުތަކުގެ ތެރޭގައި، ފުލުހުން ހަރަކާތްތެރިވަމުން އައި އައުމުގައި ޑިމޮކްރެޓިކް މުޖުތަމަޢުއަކަށް ފެތޭ، އަދި އެ ވައްޓަފާޅި ދައްކުވައިދޭ ފުލުހުންގެ މުއައްސަސާއެއް އެންމެ ފުރިހަމައަށް އުފެދުމަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެފައިވޭ.ރޭގެ ޖަލްސާގައި ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މި މައްސަލައަކީ ދައުލަތުގެ އެހެން މުއައްސަސާތަކަށް ވެސް ކުރިމަތިވެފައިވާ ހާލަތެއް ނަމަވެސް، ރައްޔިތުންގެ މަސްލަހަތަށްޓަކާ ފުލުހުންގެ މުއައްސަސާ ފުރިހަމައަށް ބައްޓަން ކުރުމުގެ މަސައްކަތް ނުކޮށް ތިބެވެން ނެތް ކަމަށެވެ.