ލިޔުނީ : އާމިނަތު މަލްޙާ ނަސްރުﷲ/ ހިތަދޫ ސްކޫލް/
ހިތަދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލް ގެ ގްރޭޑް 8 އަދި 9 އެއްގެ ކެޑޭޓުން ގުޅިގެން މިއަދު ހެނދުނު ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ހިތަދޫ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ ކައިރީގައެވެ. މި ޕްރޮގްރާމް ގެ ތެރޭގައި 21 ޑަސްބިން ކޮތަޅުގެ ކުނި ނަގާފައި ވެއެވެ. ކެޑޭޓުންނާއެކު އިސްކޮށް މަސައްކަތް ކޮށްފައިވަނީ ހިތަދޫ ސްކޫލްގެ ބޭންޑް އިންސްޓްރަކްޓަރ މުހައްމަދު ހާފިޒް އާއި ކެޑޭޓް އިންސްޓްރަކްޓަރ ތޯހާ ޔާސީން އަދި ޝަރަފުއްދީން ސްކޫލްގެ ކެޑޭޓް އިންސްޓްރަކްޓަރ އަމަން ވަހީދު އެވެ.
މި ޕްރޮގްރާމަކީ ދިރިއުޅޭ މާހައުލު ރައްކާތެރިކަމާއި ސާފު ތާހިރު ކަމާއެކު ބޭއްވުމުގެ މުހިންމު ކަމާއި މެދު ކެޑޭޓުން އަހުލުވެރި ކުރުމަށްޓަކައި އަމަލީ ގޮތުން ކެޑޭޓުން ބައިވެރި ކޮށްގެން ހަރަކާތެއް ބޭއްވުމުގެ މުހިންމު މަގްސަދުގައި ދެ ސްކޫލް ގެ އިންސްޓްރަކްޓަރުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ކޮންމެ މީހަކު ވެސް އެމީހަކު ދިރިއުޅޭ މާހައުލު ސާފުކޮށް ރައްކާތެރިކޮށް ބޭއްވުމަކީ ވަރަށް މުހިންކަމެކެވެ. ސްކޫލް ތަކުގައި މި ކަހަލަ ހަރަކާތްތައް ބޭއްވުމަކީ މުޖްތަމަޢުގެ ހުރިހާ މީހުން ވެސް މިކަމަށް އިތުރަށް ހޭލުންތެރި ވެގެން ދިޔުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.