English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ކުރުމުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނެސްދެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކާ ބެހޭ ގޮތުން މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ޖުމްލަ 160 ވަޢުދެއް ހިމެނޭކަމަށާއި، އޭގެ ތެރެއިން މިއަދާ ހަމައަށް ގާތްގަނޑަކަށް 83 ޕަސެންޓް ފުރިހަމަ ކުރެވިފައިވާ ކަމުގައެވެ. އަދި ބާކީ ނުފުއްދެވި ހުރި ވަޢުދުތައް ފުއްދެވުމުގެ މަސައްކަތް ވެސް ކަމާގުޅޭ އިދާރާތަކުން މިހާރު ގެންދަވަނީ ކުރައްވަމުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. މިގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތައިލުމަށް ގެންގުޅުއްވާ ސިޔާސަތު ހިމެނެއެވެ. ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތައިލުމަކީ ރައްޔިތުން އެންމެ ބޭނުންވި އެއް ކަންތައްކަމަށާއި ކޮރަޕްޝަނާ ގުޅޭ ގޮތުން މި ސަރުކާރުގެ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް ކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ މިއަދުވެސް ވަނީ އެވާހަކަ ތަކުރާރު ކުރައްވައިފައެވެ.

“ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު، ކުރީ ސަރުކާރުން މިނިސްޓްރީތަކަށް ނަގާފައި ހުރި، ލޯކަލް ކައުންސިލްތަކުގެ ބާރުތައް މިހާރު އެ ކައުންސިލްތަކަށް އަނބުރާ ދެއްވަމުން ގެންދަވާ” ރައީސުލްޖުމްހޫރިއްޔާވިދާޅުވިއެވެ.

“މި އިޞްލާޙްތަކާއެކު ރާއްޖޭގެ ހިންގުމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ. ލާމަރުކަޒީ ޤާނޫނަށް އަޅުގަނޑުމެން މި ހުށަހެޅި އިޞްލާޙްތަކުގެ ތެރެއިން، އެންމެ މުހިންމު އެއް ކަމަކީ، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުން. ދައުލަތުގެ ބަޖެޓްގެ މަދުވެގެން 5 އިންސައްތަ ކަނޑައަޅާނީ ކައުންސިލްތަކަށް ކަމަށް، މި ބިލްގައި ވާނީ ހިމަނާފައި.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން،ކަރަންޓް އަގުހެޔޮ ކުރުމާއި ސަރުކާރުގައި ވަޒީފާ އަދާކުރާ މަންމައަކަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ ގޮތްހަމަޖެއްސުމަކީ ސަރުކާރުން ސަރުކާރުން ފާހަގަކޮށްލަން ބޭނުންވާ އެއް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.