English Edition
Dhivehi Edition

ރާއްޖެގައި ސިޔާސީ ޕާޓީތައް އުފެދުމާއެކު މީހުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބަވަންތަކަން މަޑުމަޑުން ވަނީ ގެއްލެން ފަށާފައެވެ. ތިމާގެ ދިރިއުޅޭ ގޭގެ މަގު ބަލަހައްޓާ ސާފުކުރުމަކީވެސް ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމުގައި ބުނެ ސިޔާސީ ފޯރީގައި ރަށްތައް ވަނީ ވީރާނެވެ ގޮނޑަށް ވާން ދޫކޮށްލާފައެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ސިޔާސީ ކޮށްލުމާ އެކު އެ ނޫން އެހެން އެއްވެސް ކަމެއް ކުރަންވަނީ ވަގުތު ނުވެފައެވެ. އެހެން ނަމަވެސް އައްޑޫ ސިޓީގެ މީދޫން ފެންނަމުން ދަނީ މުޅިންވެސް ތަފާތު އުފާވެރި މަންޒަރެކެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ފޯރި ގަދަ ވެފައިވާ މި ދަނޑިވަޅުގައި މީދޫން ފެންނަނީ މުޅިންވެސް ތަފާތު އެހެން ކަމެއްގެ ފޯރި އާއި ޖޯޝް އުފެދިފައިވާ ތަނެވެ. މިރަށުން ފެންނަމުން ދަނީ ހިޔާލު ތަފާތުވުން ނައްތާލާ އެންމެން އަތުގުޅާފައިވާ މަންޒަރެވެ.

ތިމާމެންގެ ހާލަތު ތިމާމެން އަމިއްލައަށް ބަދަލުކޮށްނުލާހާ ހިދަކު ބަދަލު ނުވާނެއޭ ބުނެ ރަށުގެ ޒުވާނުން މި ވަނީ ރަށުގެ އެކި ސަރަހައްދުތައް ސާފުކޮށް ހިތް ފަސޭހަ މައިޒާންތައް ހަދަން ފަށާފައެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަމުން ދަނީ އެކުވެރިކަމާއެކު ތިމާއަށްވީ މިންވަރަކުން މި ކަމުގައި ރަށުގެ ރައްޔިތުން ބައިވެރިވެ އެހީތެރިވަމުންދާ ތަނެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ފެންނަމުން ދިޔައީ ރަށުގައި ގޮނޑެއް އޮތް ނަމަވެސް ކޮންމެ މީހަކުވެސް އެމީހަކު ހިތަށް އެރި ތަނަކަށް ކުނި އަޅަމުން ދިޔަތަނެވެ. އަތިރި މައްޗާއި ގޮޑުދޮށްތައް ފުޅި އާއި ނެޕީތަކުން ފުރިފައިވާ އިރު ރަށުގެ ސިއްޙީ ހާލަތާމެދު ކަންބޮޑުވާ މީހުންވެސް އެ ވާހަކަ ސިއްރުސިއްރުން ދައްކާލުން ފިޔަވައި އެހެން އެއްވެސް ކަމެއް ކުރާ ތަނެއް ފެނިފައެއް ނެތެވެ. ހެރެތެރެ ރިސޯޓާއި، ރަށުގެ ގެސްޓް ހައުސްތަކަށް އަންނަމުން ދިޔަ ފަތުރުވެރިން ފެންނަމުން ދިޔައީ ފުޅިތަކާއި ދަޅުތައް އުކާލާފައިވާ ގޮނޑުދޮށްތަކެވެ. ގޮނޑުދޮށަށް އަޅާފައި ހުންން ފުޅިތައް ފަތުރުވެރިން އަމިއްލައަށް ނަގާ ފުނި ޖަހާ މަންޒަރުގެ ފޮޓޯ އެއް ސޯޝަލް މީޑިއާ ގައި ދައުރުވާން ފެށުމާއެކު އެކަމުގެ ހުތުރު ނަން ލިބިގެން ދިޔައީ މީދޫގެ ހުރިހާ ރައްޔިތުންނަށެވެ.

އެންމެ ފުރަތަމަ މީދޫގައި ޒުވާން ކުދިންކޮޅެއް އިސްނަގައިގެން “ރިވެތި ވެއްޓަކަށް” މި ނަމުގައި މީދޫގެ އެކި ސަރަހައްދުތަކާއި ރަށުގެ ހޭޅިފަށް ސާފުކުރަމުން ދިޔައެވެ. އޭރު އެ މަސައްކަތުގައި ބައިވެރިވަމުން ދިޔަ ކުދިން އަދަދު ކިތަންމެ މަދުވި ނަމަވެސް މިއަދު ފެންނަމުން މި ދަނީ ރަށުގެ އެންމެންވެސް ރަށް ސާފުކޮށް ބެލެހެއްޓުމަށް މަސައްކަތްކުރަމުން ދާ ތަނެވެ.

“އޭރު ރިޝްފާ އާއި ހުޒާމްގެ އިސްނެގުމުގެ މަތިން އެ މަސައްކަތް ފެށި އިރު ވަރަށް މަދު ކުދިން ކޮޅެއް ތިބީ. ކޮންމެ ހަފްތާއަކު ހުކުރު ދުވަހު ކޮންމެވެސް އެއް ސަރަހައްދެއް ސާފުކުރަނީ. އޭރު އަޅުގަނޑުމެންނާއެކު މަސައްކަތު ނިކުތް ގިނަ ކުދިންނަކީ ސްކޫލް ކުދިން. އެކަމަކު އޭރުވެސް މަސައްކަތް ކުރަމުން ދިޔައީ ވަރަށް ފޯރިއާއި އެކު” އޭރު އެ މަސައްކަތުގައި އިސްކޮށް އުޅުނު ކުއްޖަކު ބުންޏެވެ.

ދިމާވި އެކި ސަބަބުތަކާ ހެދި އެ މަސައްކަތް ހުއްޓިފައިވީ ނަމަވެސް މުލިމަތި ޖަމިއްޔާ އާއި ނަލަ ފެހި މީދޫ ޓީމުން އަނެއްކާވެސް މިއަދު މި ވަނީ އެ މަސައްކަތް އަލުން ފަށާފައެވެ. ނަލަފެހި މީދޫ ޓީމުން ކޮންމެ ހަފްތާ ބަންދަކު ރަށުގެ އެކި ސަރަހައްދުތައް ސާފުކުރަމުންދާއިރު މި ކަމުގައި މުއައްސަސާތަކާއި ސްކޫލް ކުދިން އަންނަނީ ބައިވެރިވަމުންނެވެ. މީދޫ މުލިމަތި ސަރައްހައްދުގައި ހެދި އީދިގަމޫލު މައިޒާނާއެކު މިހާރު ދަނީ އިތުރު ދެ މައިޒާން ހެދުމުގެ މަސައްކަތް ވަރަށް ފޯރި އާއި އެކު ކުރަމުންނެވެ. މޫސާގެ ފަންނުގައި ހަދާ މައިޒާންގެ މަސައްކަތް ކުރިއަށްދާއިރު ކޯގަންނު ސަރަހައްދުގައި ހަދާ މައިޒާން ރޯދަ މަސް ޖެހުމުގެ ކުރިން ނިންމާލުމަށް ދަނީ ރެއާއި ދުވާލު މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގައި ފިރިހެނުންގެ ބައިވެރިވުމާ އެއްވަރަށް އަންހެނުންވެސް ދަނީ ބައިވެރިވަމުންނެވެ.

ރަށުގައި ހަދަމުންދާ މި ފަދަ މައިޒާންތަކަކީ ރަށުގެ ޒުވާނުންގެ އަމިއްލަ މަސައްކަތުން ރަށަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީ އާއި އެކު ހަދަމުންދާ ތަންތަނެވެ.

“ވަރަށް އުފާވޭ މި ފަދަ މަންޒަރެއް މި ރަށުން ފެންނާތީ. މި ކަމުގެ ސަބަބުން ރަށުގެ ރައްޔަތުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ.” މީދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. މިފަދަ ކޮންމެ ކަމަކުންވެސް ރަށުގެ އިޖްތިމާއީ ގުޅުން އިތުރަށް ބަދަހި ވަމުންދާއިރު މީ ރަށުގެ ޒުވާނުން ރަށާ މެދު ފޮނި އުއްމީދުތަކެއް ކުރަމުންދާ ކަމުގެ ވަރަށް ބޮޑު ހެއްކެކެވެ.

“މަގުމަތީގައި ގާ އަޅާ ނަރުދަމާ އާއި ސާފު ބޯފެން ފޯރުކޮށް ދިނުމަކީ އަހަރެމެންނަށްވާނެ ކަމެއް ނޫން. އެކަމަކު އަހަރެމެންނަށްވެސް އަހަރެމެންގެ ރަށަށް ކޮންމެވެސް ކަމެއް ކޮށްދެވިދާނެ. ހިތްހަމަޖެހުމަކީ މަގުގައި އަޅާ ގަލަކުން އެކަނި ލިބޭ އެއްޗެއް ނޫން. ރަށުގެ އެއްބައިވެންތަކަމާއި އެކުވެރިކަން އޮތުމަކީ ހަގީގީ ހިތްހަމަ ޖެހުން. “މީދޫގެ ޒުވާނަކު އޭނަގެ ޝުއޫރު ފާޅުކުރަމުން ބުންޏެވެ. ރަށުގެ ޒުވާނުން ކުރަމުންދާ މި މަސައްކަތުގައި ރަށުން ބޭރުގައި ދިރިއުޅޭ ރަށުގެ ޒުވާނުންވެސް ދަނީ މާލީގޮތުންނާއި އަދިވެސް އެހެން ގޮތްގޮތުން އެހީތެރިވަމުންނެވެ. ކިތަންމެ ދުރުގައި ތިއްބަސް އެމީހުންގެ ރަށްދެކެ އެމީހުން ލޯބިވާ ވަރު ދަނީ ސާބިތުކޮށްދެމުންނެވެ.

މިހާރު މީދޫން ފެންނަމުން ދަނީ ތަހްޒީބް މުޖުތަމައަކުން ފެންނަމުންދާ ފަދަ މަންޒަރުތަކެކެވެ. ކުނި ގޮނޑު ކިތަންމެ ދުރުގައި އޮތް ނަމަވެސް ރަށުގެ އެކި ސަރަހައްދުތަކަށް ކުނި އެޅުމުގެ ބަދަލުގައި މިހާރު އެންމެންވެސް ކުނި އަޅަމުން ދަނީ ކަނޑައަޅާފައިވާ ވަކި ސަރަހައްދަށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަމުން ދާ އިރު މިއަދު މި ރަށަށް އަންނަ ފަތިުރުވެރިންނާއި ރަށުން ބޭރު މީހުންނަށް ފެންނަމުން ދަނީ ސާފު ތާހިރު މީދޫ އެކެވެ. ރަށުގެ އެކި ސަރަހައްދު ތަކުގައި ހަދާފައިވާ މައިޒާންތަކުގެ އުފާ ލިބެމުންދަނީ ހަމައެކަނި ރަށުގެ ރައްޔިތުން އެކަންޏެއް ނޫނެވެ. ރަށަށް ޒިޔާރަތް ކުރާ ބީރައްޓެހިންނާއި ފަތުރުވެރިންވެސް އަންނަނީ މިތަން ތަނުން އުފާ ހޯދަމުންނެވެ.

މިދޫ އަކީ ތައުލީމީ ގާބިލް ޒުވާނުން ގިނަ ރަށަކަށްވާއިރު މި ރަށުގެ ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަމުން ދަނީ އެކުވެރި ކަމާ އެއްބައިވަންތަކަމެވެ. ސާފުކަމާއި ހިތްފަސޭހަކަމެވެ. މީދޫގެ ހިތްވަރުގަދަ ޒުވާނުންނަށް ހަމަ ސާބަހާއި އައްސެރިބަހެވެ!