English Edition
Dhivehi Edition

ކުރީގެ ސަރުކާރުން ހޯމް މިނިސްޓަރުގެ އަތުން ނަގާފައި އޮތް ބާރުތައް އަލުން ދޭން މިސަރުކާރުން ނިންމަވައިފިއެވެ. ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުން ވަނީ އުމަރު ނަސީރު ހޯމް މިނިސްޓަރ އަކަށް ހުންނަވަނިކޮށް އުމަރުގެ އަތުން ބާރުތަކެއް ނަންގަވާފައެވެ. ހޯމް މިނިސްޓަރުގެ އަތުން އެ ބާރުތައް ޔާމީން ނެންގެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްސަލަތަކެއް ބެލުމަށް އުމަރު، ފުލުހުންނަށް އެންގެވުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިވަނީ މިހާރު ހޯމް މިނިސްޓަރ އަށް ބާރުތައް ދެއްވަން ނިންމަވާފައެވެ. އެގޮތުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ށ. ކޮމަންޑޫ ދާއިރާ ވާދަކުރައްވާ ކުރީގެ މެންބަރު ހުސެއިން ވަހީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނީ ގޮތުން ހޯމް މިނިސްޓަރަށް ލިބޭ ބާރުތަކެއް ޔާމީންގެ ސަރުކާރުގައި ހިފަހައްޓާފައިވާ ކަމަށެވެ. އަދި ފެށޭ ހަފްތާގައި އެ ބާރުތަށް އަލުން ހޯމް މިނިސްޓަރަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ ގާނޫނުގައި އޭރު ހިފެހެއްޓި އެއް މާއްދާއަކީ ވަކިވަކި ފުލުހުންނަށާއި ފުލުހުންގެ ބަޔަކަށް ނުވަތަ އެންމެހާ ފުލުހުންގެ މައްޗަށް ސީދާ ހޯމް މިނިސްޓަރަށް އަމުރު ކުރެވޭ ގޮތަށް އޮތް އޮތުމެވެ.