English Edition
Dhivehi Edition

މިއަދު ހެނދުނު ދަގަނޑު ފިލައެއް ފައި މައްޗަށް ވެއްޓުނު މީހާގެ ފައި އޮޕަރޭޝަން ކުރަމުންދާ ކަމަށް ތ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ތ. ދިޔަމިގިލީ ބޯޓު ޔާޑުގައި އޭނާ މަސައްކަތް ކުރަނިކޮށެވެ.

އެ ހާދިސާގައި އަނިޔާވި 36 އަހަރުގެ ދިވެހި ފިރިހެންމީހާ އަށް ފަރުވާދެމުންދަނީ ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު އޮންލައިން ނޫސް “ސަން” އަށް ވިދާޅުވި ގޮތުގައި ފައިގެ އިނގިލިތައް ބުރިވި މީހާގެ އޮޕަރޭޝަނެއް މިހާރު ކުރަމުންދާ ކަމަށާއި އޭނާގެ ހާލު ސީރިޔަސް ނޫން ކަމަށެވެ.

“ތިން އިނގިއްޔެއް އެއްކޮށް ޗިސްވެފައި އިނީ. އެ އިނގިލިތައް ބުރިކޮށްލަން ޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވީ. އިނގިލިތައް ބުރިކޮށްލާނީ ހުޅާ ހިސާބުން. އެތަން ރިޕެޔާ ކުރުމަށް މިހާރު ސާޖަރީ ކުރިއަށްދަނީ،” އޮފިޝަލު ވިދާޅުވި އެވެ.
ބޯޓުު ޔާޑުގެ މުވައްޒަފުގެ ފައިމައްޗަށް ދަގަނޑު ފިލާ ވެއްޓުނީ ފޯކްލިފްޓުން އެ ފިލާ ތިރިކުރަން އުޅުމުގެ ތެރޭގަ އެވެ. އޭނާގެ ބުރިކޮށްލަން ޖެހުނީ އޭނާގެ ކަނާތު ފައިގެ ތިން އިނގިއްޔެވެ.

ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.