ބޮލީވިއާގެ ވެރިކަމާގުޅޭ ކަންކަން ހިންގާރަށް ކަމުގައިވާ ލަޕާޒްގައި ހުންނަ ސެން ޕެޑްރޯ ޖަލަކީ އާދައިގެ ޖަލެއް ނޫނެވެ.
އެއީ އެހެން ޖަލުތަކާ ތަފާތު ތަނެކެވެ. އެތަން އެހެން ޖަލުތަކާ ތަފާތުވާ ސަބަބަކީ އެތަނުގައި ޖަލު ބަލަހައްޓާނެ ބަޔަކުނެތުމެވެ. އެތަން ބަލަހައްޓަނީ ގައިދީންނެވެ. ޖަލަކަށްވުރެ ބޮޑަށް އެތަން ވައްތަރީ މީހުން ދިރިއުޅޭ އަވަށެއްގެ ގޮތުގައެވެ. ޖަލުގެ ހުރިހާ ގާނޫނަކާއި ގަވާއިދެއްވެސް ހަދަނީ ޖަލުގެ ގައިދީންނެވެ.
ޖަލަށް ބޭނުންވާ ހުރިހާ ސާމާނެއް ބޮލީވިއާ ސަރުކާރުން ފޯރުކޮށްދެއެވެ. ޖަލުން ބޭރަށް އެއްވެސް ގައިދީ އަކު ދިޔަނުދިނުމަށްޓަކައި އެތަނުގެ ބޭރުގައި ސިފައިން ހަރަކާތްތެރިވެއެވެ. ނަމަވެސް ޖަލުގެ އެތެރޭގެ ކަންކަމާ ފުލުހުންވެސް އަދި ސިފައިންވެސް ނުބެހޭނެއެވެ.
އެ ޖަލު ބިނާކޮށްފައިވަނީ އެންމެ 600 ގައިދީންނަށެވެ. އެހެންނަމަވެސް ކުޑަ އަވަށެއް ފަދައިން އެތަނުގައި މިހާރު ގައިދީންގެ އާއިލާތައްވެސް ދިރިއުޅެއެވެ. އެގޮތުން ޖަލުގައި ޖުމްލަ 3000 ވަރަކަށް މީހުން އުޅޭނެ ކަމަށްވެއެވެ. ޖަލުގެ އާބާދީގައި ތަފާތު ފަންތީގެ މީހުން އުޅެއެވެ. މުއްސަނދިންނާއި ފަގީރުންނެވެ.
ޖަލުގައި މީހުން މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަނީ ތަފާތު ވިޔަފާރި ކޮށްގެންނެވެ. އޭގެ ތެރޭގައި ގެދޮރު ގަނެވިއްކުން ވަރަށް ބޮޑަށް އޮވެއެވެ. މީގެ އިތުރުން ޖަލަށް ފަތުރުވެރިން ވެސް ޒިޔާރަތް ކުރެވެއެވެ. އެމީހުން ތިބުމަށާއި، ޖަލު ދައްކާލުމަށް ލާރި ނަގައެވެ. ޖަލުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި އަކީވެސް ވަރަށް އާންމު ކަމަކެވެ. މިއީ ޖަލުގެ ތެރޭގައި މުޅިން އޮންނަ ކަމަކަށްވެ އަމިއްލަ ގަވާއިދު ތަކެއް ހުރުމުން މަދުން ނޫނީ ފުލުހުންވެސް އެފަދަ ކަންކަމާ އަޅައިނުލައެވެ.
އެ ޖަލަށް ހުކުމް ކޮށްފައިވާ %80 މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހުކުމް ކޮށްފައިވާ މީހުންނެވެ. ޖަލުގެ ތެރޭގައި ހޮސްޕިޓަލް، ރެސްޓޯރެންޓް އަދި އެހެނިހެން ވަސީލަތްތައް ވަނީ ގާއިމް ކޮށްފައެވެ. ޖަލުގެ ތެރޭގައި އެގައުމުގެ ފުލުހުންގެ މާ ބޮޑު ބާރެއް ނޯވެއެވެ. އެތަނުގައި ގަވާއިދާއި ގާނޫނު އަމިއްލައަށް ހަދާފައި އޮތުމުން ހަމަ ނުޖެހުންތައް ވެސް ހިންގައެވެ. ހަމަ ނުޖެހުންތަކުގައި އާންމުކޮށް މަހަކު 4 ވަރަކަށް މީހުން މަރުވެއެވެ.
ބޮލީވިއާގެ ސަރުކާރާއި ޖަލުމީހުންނާ މާބޮޑު ގުޅުމެއް ނޯވެއެވެ. ނަމަވެސް އިންތިޚާބީ ދުވަސްވަރު އެގައުމުގެ ސިޔާސީ އެކި ފަރާތްތަކުން ޖަލަށް ޒިޔާރަތް ކުރެއެވެ. އެއީ އެތާގައި ތިބި ގައިދީންގެ ވޯޓުލެވޭތީ އެމީހުންގެ ތާއީދު ހޯދުމަށް ކުރާޒިޔާރަތެކެވެ.
އެއީވެސް ޖަލެކެވެ. އެކަމަމަކު އަހަރެ އަހަރެމެން ދަންނަ ޒާތުގެ ޖަލެއް ނޫންތާއެވެ. ޖަލުން ބޭރަށް މީހަކަށް ނުދެވެއެވެ. އެތަނުގެ ގާނޫނާއި ގަވާއިދު ހަދަނީ ގައިދީންނެވެ. އެތަނުގައި ތަފާތު ވިޔަފާރި ކުރެއެވެ. އާމްދަނީ ހޯދައެވެ. އެތަނަށް ފުލުހުންގެ ބާރެއް ނުހިނގައެވެ. ޖަލަށް ބޭނުންވާ ހުރިހާ ސާމާނެއް ސަރުކާރުން ފޯރުކޮށްދެއެވެ. ގައިދީންގެ އާއިލާތަކަށް އެތަނަށްގޮސް އެތަނުގައި އެއުޅެވެނީއެވެ.
ޖަލަކީ ކުށްވެރިން ހައްޔަރު ކުރުމަށް ހާދައިފައި ހުންނަ ތަނެކެވެ. އެތަން ބަލަހައްޓަނީ އެގައުމެއްގެ ފުލުހުންނާއި ސިފައިންނެވެ. އެތަނާ ގުޅޭ ގާނޫނުތައް ހަދަނީ ގާނޫނުހަދާ މަޖިލީހުންނެވެ. އެހެންނަމަވެސް މި ޖަލުގައި މިހުރިހާ ކަމެއް މިއޮތީ އެކޮޅުކޮޅުން ޖެހިފައެވެ.