ނިދާފައި އޮންނަ އިރު ހުފަވެން ފެނެއެވެ. އެހެންނަމަވެސް ނިދިން ހޭލުމުން ބައެއް ފަހަރު އެ ހުވަފެން ހަނދާން ނެތެއެވެ. އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟ އެއްބަޔަކު ހުވަފެން ހަނދާން ހުންނަނީ ކީއްވެގެން ހެއްޔެވެ؟
އިންސާނާއަށް ހުވަފެން ފެންނާނީ ހަމަ އެކަނި އޭނާގެ ނިދުމުގެ ތިން ބައިކުޅަ ފަހު ބައިގައެވެ. އެގޮތުން ކޮންމެ ބައެއް އެއް ގަޑިއިރާއި ތިރީސް މިނަޓަށް އާއްމުކޮށް ދެމިގެންދާނެއެވެ. ހުވަފެނެއްގައި އޮތްވާ ކުއްލިއަކަށް ހޭލެވުމުން، އެވަގުތު ބަލަމުން ދިޔަ ހުވަފެނަކާއި މެދު ވަގުތުން ވިސްނާލުމުން ގިނަ ފަހަރަށް ހުވަފެން ހަނދާންވެއެވެ. އެހެންނަމަވެސް ނިދުމުގެ ކުރީގެ ދެބައި ކުޅަބައެއްގައި އޮތްވާ ހޭލެވިއްޖެނަމަ އެވަގުތު ފެންނަމުންދާ ހުވަފެނެއް ހަނދާން އާކުރުމަކީ އުނދަގޫކަމެކެވެ.
ހުވަފެން ހަދާންކުރުމަށް ބޭނުންނަމަ އެމީހަކު ހޭލަންޖެހޭނީ ޤުދުރަތީ ހޭލުމަކުންނެވެ. އެލާމަކުން ނުވަތަ އެހެންވެސް ގޮތަކުން އަންނަ އަޑަކުން ސިއްސައިގެން ނޫނެވެ. ޤުދުރަތީ ހޭލުމަކުން ހޭލަންޖެހެނީ ނިދުމުގެ އެންމެ ފަހު މަރުހަލާގައި ހުވަފެން ފެންނަ ހިނދުގައެވެ. އެވަގުތު ކޮޅުގައި އެމީހަކު ހޭލުމަށްފަހު ފެނުނު ހުވަފެނާއި މެދު ވިސްނާލުމުން ހުވަފެން ހަނދާންވުމުގެ ފުރުސަތު ބޮޑުވެއެވެ. ހުވަފެނަކީ ސިކުނޑިން ހަނދާން ކުރެވޭ އެއްޗެއް ނޫނެވެ. ހުވަފެން ހަނދާންވާނީ އެކަމަށް ވަގުތު ހުސްކޮށްގެން އެހުވަފެނަކާއި މެދު ވިސްނާ ހަނދާން އާކުރުމުންނެވެ.
ހުވަފެން ހަނދާން ނުވާ މީހުންނަކީ އެމީހުންގެ ކަންކަމުގައި ފަރުވާތެރި ނުވާ މީހުންނެވެ. އަދި ޙާއްސަކޮށް ހޭލުމަށްފަހު ފެނުނު ހުވަފެނާއި މެދު ނުވިސްނާ މީހުންނެވެ. އެމީހުންނަށް ގިނަ ފަހަރަށް ހޭލެވޭނީ ކޮންމެވެސް އަޑަކަށެވެ. އެމީހުންގެ ނިދުމުގެ ނިޒާމް ގިނަ ފަހަރަށް އޮންނާނީ އޮޅުން ބޮޅުން އަރާފައެވެ. ނިދަން އޮށޯންނަ ވަގުތުން ފެށިގެން 7 ނުވަތަ 8 ގަޑި އިރު ފަހުން ހޭލުމަށް ގަޑި އެލާމް ކޮށްގެން ނިދާނަމަ އެމީހަކަށް ހޭލެވޭނީ ނިދުމުގެ ބައިކުޅަބައިތަކުގެ ތެރެއިން ނުބައި ދަންފަޅިއެއްގައެވެ. އެހެންކަމުން ރަނގަޅު ގޮތަކީ އެމީހުން ނިދަން ޖެހޭނީ 6 ނުވަތަ 7 ގަޑި އިރާއި 30 މިނަޓަށެވެ.
މީގެ އިތުރުން 6 ގަޑި ނުވަތަ 7 ގަޑި އިރާއި 30 މިނަޓް އަށް ނިދާ ހޭލާ މީހަކަށް ވުރެ 8 ގަޑި އިރަށް ވުރެ އިތުރަށް ނިދާ ހޭލާ މީހަކު ވަރުބަލިވެ، ނިދި މޫޑްގައި ހުރުން މާގާތެވެ. ސަބަބަކީ ނިދުމުގެ ދަންފަޅިތަކަށްވުރެ ގިނައިން ނިދުމަކީ މީހާގެ ހަށިގަނޑު ލޮޑުވެ ވަރުބަލި ވުމަށް މަގުފަހިވާކަމަކަށް ވާތީއެވެ.