English Edition
Dhivehi Edition

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކުގެ މަސައްކަތް ފެށުމަށް، ފައިނޭންސިން ބިޒްނަސް ލައިސަންސް ދޫކޮށްފި އެވެ.

އެސްއެމްއީ ބޭންކު ހިންގުމުގެ ހުއްދަދިންކަން ހާމަކޮށް އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފެއްދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި، ފައިނޭންސިންގ ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިންގ ބިޒްނަސް ލައިސަންސް 28 ފެބްރުއަރީ 2019 ގައި އެ އޮތޯރިޓީން ދޫކޮށްފައިވާ ކަމަށެވެ.

އެމްއެމްއޭއިން ބުނީ މި ކުންފުންޏަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށެވެ. އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނަކީ މާލެއާއި އައްޑޫގެ އިތުރަށް ފުވައްމުލައް ހިމެނޭ ގޮތަށް މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް 5 އިންސައްތައިގެ ހިއްސާ ހިމެނޭ ކުންފުންޏެކެވެ

މި މަހުގެ ކުރީކޮޅު އުފެއްދި ކުންފުނިން، އަންނަ މަހުގެ ތެރޭގައި ލޯނު ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުގެ ކުންފުނިތައް ނުވަދެ އެ ކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ އަދި ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ހެދުމެވެ. އަދި އެކަމަށް، ކުންފުނިތައް ރީސްޓްރަކްޗާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.