English Edition
Dhivehi Edition

ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2019ގައި، އުރީދޫ މޯލްޑިވްސްގެ ދެ ހިދުމަތެއް ދައްކާލައިފިއެވެ

އަލަށް ތައާރަފްކޮށްފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ޑިޖިޓަލް އެސިސްޓެންޓް “އެވީ” އާއި އޮންލައިން ވިޔަފާރިތަކަށް ހާއްސަ އީ-ކޮމާސް މާކެޓް ޕްލޭސް ޕްލެޓްފޯމެއް ކަމަށްވާ “މޫލީ” ތައާރަފް ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާނެވެ.

“އެވީ” އަކީ އާޓިފިޝަލް އިންޓެލިޖަންސް އަދި ޑީޕް ލާނިންގ ބޭނުންކުރާ ޗެޓްބޮޓުތަކެއްގެ އެހީގައި ކަސްޓަމަރުންގެ ތަޖުރިބާތައް ފުރިހަމަކޮށްދިނުމަށް އުރީދޫއިން ހެދި ޑިޖިޓަލް ކެއާ އެސިސްޓަންޓެކެވެ. އެވީ އިން އާޓިފިޝަލް އިންޓެލިޖަންސް އާއި ޑީޕް ލާނިން ބޭނުންކުރާ ޗެޓްބޮޓުތަކެއްގެ އެހީގައި ކަސްޓަމަރުންގެ ތަޖުރިބާތައް ފުރިހަމަކޮށްދޭނެ އެވެ. އެވީ އިން އާންމުކޮށް ކަސްޓަމަރުން އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތުތައް ސުވާލުކޮށްލުމުން ކިޔައިދޭނެ އެވެ. އެގޮތުން ވޮއިސް ކޯލް އަދި އެސްއެމްއެސް މެދުވެރިކޮށް، އަދި ފޭސްބުކް މެސެންޖާ، ޓްވިޓާ، ވައިބާ، ޓެލެގްރާމް، ވަޓްސްއަޕް ފަދަ އެޕްތަކުން ވެސް މީގެ ހިދުމަތް ލިބޭނެ އެވެ.

އެލެކްސާ އަދި ގޫގުލް އެސިސްޓެންޓް މެދުވެރިކޮށް ސްމާޓް ހޯމް ވަސީލަތަކުން ވެސް “އެވީ” ގެ ހިދުމަތްތައް ބޭނުންކުރެވޭނެ އެވެ. ދިވެހި ބަހާއި އިނގިރޭސި ބަހުން ސުވާލު ކުރެވޭ ގޮތަށް އުފައްދާފައިވާ “އެވީ” ގެ ސަބަބުން ކަސްޓަމަރުން ކޯލް ސެންޓަރަށް ގުޅައިގެން ކިއުގައި ހުންނަން ޖެހޭ ވަގުތު ކުޑަ ވެގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

“މޫލީ” އަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ، ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށްލަދޭ ޕްލެޓްފޯމެއް ކަމަށް އުރީދޫއިން ބުންޏެވެ. އެގޮތުން ޕްރޮޑަކްޓުތައް އޯޑަރުކުރުން، އޮންލައިންކޮށް ފައިސާދެއްކުން، އަދީ ގަންނަ މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް އެ ޕްލެޓްފޯމް މެދުވެރިކޮށް ގެންގޮސްދޭނެ ކަމަށް އުރީދޫއިން ބުންޏެވެ. އުރީދޫއިން ބުނީ ކުރިއަތް އޮތް މަސްތަކުގައި، އެ ޕެލްޓްފޯމް މެދުވެރިކޮށް ތަރުކާރީއާއި ގޭތެރޭގެ ސާމާނުން ފެށިގެން، އިލެކްޓްރޯނިކްސް، ކާބޯތަކެތި، އަދި ސިއްހީ އަދި ތައުލީމީ ޚިދުމަތްތައް ފަދަ ތަފާތު ވިޔަފާރިތައްވެސް އޭގެން ކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ވިދާޅުވީ، ޓެކްނޮލޮޖީގެ ދާއިރާ އިން ކަންތައްތައް ތައާރަފް ވެގެން ދިޔުމުން ކަސްޓަމަރުންނަށް ބޮޑު ފަސޭހަ ކަމެއް ލިބޭނެ ކަމަށެވެ.

“ދިވެހިރާއްޖެ ތަމްސީލުކޮށް، އުރީދޫ މޯލްޑިވްސްގެ ޑިވެލޮޕަރުންގެ އަމިއްލަ އުފެއްދުންތައް މިފަދަ ބާރުގަދަ ޕްލެޓްފޯމެއްގައި ދައްކާލުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ނުހަނު ބޮޑު ޝަރަފެއް، އަދި އުފަލެއް،” އޭނާ ވިދާޅުވި އެވެ.

މި ދެ ހިދުމަތް ވެސް އަންނަ މާޗު މަހުގެ ތެރޭގައި ކަސްޓަމަރުންނާ ހަމަޔަށް ގެނެސް ދެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ. މި ދެ އުފެއްދުން ލޯންޗްކޮށްފައިވާ އިރު މި ދެ އުފެއްދުން މިހާރު ދަނީ ޓެސްޓް ކުރަމުންނެވެ.