English Edition
Dhivehi Edition

ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހީމަކީ މަހުޖަނެއްގެ ގޮތުގައި ރާއްޖޭގެ ގިނަ ބަޔަކު ސިފަކުރެއެވެ. ގިނަ ރިސޯޓްތަކާއި ތަފާތު އެކި ނަންނަމުގައި ހިންގާ ވިޔަފާރިތަކަކީ ރާއްޖޭގައި ނަން މަޝްހޫރު ތަންތަނެވެ. ރާއްޖޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ނަން މަޝްހޫރު، ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރި ދަރަނީގެ މައްސަލައަކީ ގިނަ ބަޔަކަށް ސިހުން ގެނެސްދިން ވާހަކައެކެވެ. ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެކައުންޓްތައް އެންމެ ގިނައިން ފްރީޒްކުރާ އެއްކުންފުންޏަކަށް މިހާރު ވިލާ ކުންފުނި ވަނީ ވެފައެވެ.

ދައުލަތަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދައްކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންގި މައްސަލާގައި ވިލާ އިން ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް އެ ކުންފުނި ހާޒިރު ނުވުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ ނިމިގެންދިޔަ ޖުލައިމަހުގެ 31 ވަނަ ދުވަހުގައެވެ. އެއާއެކު ދެން އިވިގެން ދިޔައީ ރިޝްވަތުގެ މައްސަލައެއްގައި ގާސިމް އިބްރާހިމް ކޯޓަށް ހާޒިރުކުރުމަށް އަންގަވާފައިވާ ވާހަކައިގެ އަޑެވެ. ގާސިމްގެ މައްޗައް ކުރާ ދައުވާތަކަކީ ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ. މިއާ ގުޅުވައިގެން ދެން އިވެން ފެށީ އެހެންވާހަކައެކެވެ. ކުއްލިއަކަށް ގާސިމްގެ ހާލުކޮޅު ބޮޑުވެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ވާހަކައެވެ. ގާސިމް އިބްރާހިމަށް ފުއްޕާމޭ ދުޅަވާ ބައްޔެއް ކަމަށްވާ ބްރޮންކޯނިއުމޯނިއާ ޖެހިފައި ކަމަށް ގާސިމް ބައްލަވާ އޭޑީކޭ ފުއްޕާމޭގެ ޑޮކްޓަރު ޕްރަދީކް ސިންގް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިމިގްރޭޝަނުގެ އަމުރަކަށް ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީވެ ރާއްޖެއިން ބޭރަށް ފުރޭނެ ގޮތެއް ނެތެވެ. މިކަމާގުޅިގެން ގާސިމްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނަނީ ގާސިމްގެ ހާލު ދުވަހަކަށް ވުރެ ދުވަހެއް ދަނީ ގޯސްވަމުން ކަމަށާއި އެ މަނިކުފާނުގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި އެކަން، ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ތަކުރާރުކޮށް ގެނެސް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަށް އެދުން ނަމަވެސް އެ ހުއްދަ ލިބިފައި ނުވާ ކަމަށެވެ.

ގާސިމް އިބްރާހީމަކީ ރާއްޖޭގައި ނެތް ވަރުގެ ބޮޑު މަހުޖަނަކަށް ވާއިރު އަދި ޚާއްޞަގޮތެއްގައި ސިއްޙީ ކަންކަމަށް ސަމާލުކަން ދެއްވަވާ ގަވައިދުން ޗެކަޕް ހައްދަވަމުން ގެންދަވާއިރު މިފަދަ ބޮޑު ބައްޔެއް ހުރިކަން ކުރިން އެނގިވަޑައިގެންފައި ނެތްކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ކުނޫޒުގައި ސިޔާސީ ޖަލްސާތައް ބާއްވަވަމުން އެ ޖަލްސާ ތަކުގައި ސަރުކާރަށް ފާޑުކިޔުއްވަވާ ހަރު އަޑުފުޅުން ވާހަކަފުޅު ދައްކަވައި ސިޔާސީ އިދިކޮޅު ލީޑަރުންނާއެކު ކެނޑިނޭޅި ބައްދަލުވުންތައް ބާއްވަވަމުން ގެންދަވަނިކޮށް ސިޔާސީ ބޮޑެތި މައްސަލަތައް ފެންމަތި ވުމާ ގުޅުވައިގެން ކުއްލިއަކަށް ވެ ވަޑައިގެންނެވި އާލާސްކަންފުޅާމެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ސިޔާސީ ގިނަ ވެރިންނަށް ޖަލުހުކުމްތަކާ ގުޅުވައިގެން ދިމާވާ “ކުއްލި ނުރައްކާތެރި އާލާސްކަންފުޅު” ތަކުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ގޮތަށް ގާސިމް އިބްރާހިމްވެސް ކުޅުއްވަވަނީ ސިޔާސީ ކުޅިގަނޑެކޭ ބައެއްފަރާތްތަކުން ބުނެއެވެ. މިއީ މިފަހަކަށް އައިސް ރާއްޖޭގައި ތަކުރާރުވަމުންދާ ކުޅިގަނޑަކަށް ވުމާއެކު ހަގީގަތަކީ ކޮބައިކަން ކަނޑައަޅަން ދައްޗެވެ.

ގާސިމް އިބްރާހީމަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ވިލާ ގްރޫޕުގެ ވެރިފަރާތެވެ. ގާސިމް އިބްރާހީމްގެ ދެ ކުންފުންޏަކުން 37.5 މިލިއަން ޑޮލަރު (578 މިލިއަން ރުފިޔާ) ދައުލަތަށް ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާ ކުރީ މިދިޔަ މެއި މަހުގައެވެ. ގާސިމްގެ ދެ ކުންފުންޏެއް ކަމަށްވާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނިން 18.9 މިލިއަން ޑޮލަރު އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓް ކުންފުނިން 18.6 މިލިއަން ޑޮލަރު، އެކު ޖުމްލަ 37.5 މިލިއަން ޑޮލަރު ހޯދަން ދައުވާކުރީ އެ ދެ ކުންފުންޏަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގަ އެވެ.

ފައިސާ ހޯދަން ދައުވާ ކުރުމުގެ ކުރިން މީރާ އިން ވަނީ އެ އިދާރާގައި އޮންނަ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ.

އެކައުންޓް ފްރީޒް ކުރި މައްސަލައިގައި ވިލާއިން ވަނީ މީރާއާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ. ނަމަވެސް ވިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޖުލައި 31 ވަނަ ދުވަހު ކޯޓުން ބޭރުކޮށްލީ ތާވަލުކުރި އަޑުއެހުމަށް ވިލާ ކުންފުނި ހާޒިރު ނުވުމުންނެވެ. މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އެ މައްސަލައެއް ބޭރުކޮށްލުމުގެ ބާރު ކޯޓުތަކަށް އޮވެ އެވެ. ވިލާއިން ކޯޓަށް ހާޒިރު ނުވި ސަބަބެއް ހާމައެއް ނުކުރެއެވެ.

މީގެ ކުރިން 2015 ވަނަ އަހަރުގެ ތެރޭގައި ވެސް ވިލާ ގުރޫޕުން މީރާއަށް ދައްކަންޖެހޭ 99 މިލިއަން އެމެރިކާ ޑޮލަރު ނުދައްކާ ކަމަށް ބުނެ އެފަހަރު ވެސް ވިލާ ގުރޫޕުގެ އެކައުންޓްތައް ފްރީޒްކޮށްފައިވެ އެވެ.

ދައުލަތަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ވިލާ ގްރޫޕަށް އެންގުމުގެ ކުރިން ވެސް މާލީ ދަތިކަމާ ހުރެ އެކައުންޓްތައް ހުރީ ހުސްވެފައި ކަމަށް އޭރުވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސިޔާސީ މަސްރަހަށް ނިކުމެ ވަޑައިގެންނެވުމުގެ ކުރިން ގާސިމަކީ ގިނަ ބައެއްގެ އިތުބާރާއި ގަދަރު ލިބިފައިވާ ވަރުގަދަ ޝަޚުސިއްޔަތެކެވެ. ހާލުގައި ޖެހިފައިވާ ގިނަ ބަޔަކަށް އެހީތެރިވެދެއްވެވި ބޭފުޅެކެވެ. ގިނަ ބަޔަކު ބުނަމުން ގެންދަނީ ސިޔާސީ ފިކުރު ގެންގުޅުއްވަވާ ވެރިކަމާގެން އުޅުއްވަވަން ފެއްޓެވުން އެއީ ގާސިމްގެ ވިޔަފާރިއަށް އެޅިގެން ދިޔަ ބޮޑު ހުރަހެއް ކަމަށެވެ. އަދި ވަކިންބޮޑަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވެގެން ކުރައްވަވާ މަަސައްކަތްޕުޅު ތަކަކީ ބޭކާރު މަސައްކަތްތަކެއް ކަމަށެވެ. ރާއްޖޭގެ ރައީސްކަމަށް ވެސް ވާދަކުރައްވަވާ އިންތިޚާބުގައި ނާކާމިޔާބު ވެ ލެއްވެވި ގާސިމް އަށް އެންމެ ރަނގަޅުގޮތަކީ ސިޔާސީ މަސްރަހާ ދުރައްޖެހިވަޑައިގެން ރީތިގޮތުގައި ވިޔަފާރިވެރިއެއްގެ ގޮތުގައި ކުރިއަށް ގެންދެވުން ކަމެވެ. އެހެންނޫނީ ދަރަނިބޮޑުވެ، ވިޔަފާރި ބަނގުރޫޓްވެ އަދި ބޭނުންވާ ވެރިކަން ވެސް ނުލިބި ނިމިގެންދިއުން ގާތްކަމަށެވެ.