ސިއްހީ ދާއިރާގެ ޚިދުމަތްތައް ރަސްމީކޮށް އައްޑޫގައި ފެށިގެން ދިޔައިރު، ޑޮކްޓަރެއްގެ ގޮތުގައި، ހެލްތުވޯކަރެއްގެ ގޮތުގައި އަދި ނަރުހެއްގެ ގޮތުގައިވިޔަސް އެންމެ ގާތުން ޚިދުމަތް ދެއްވަމުން ގެންދެވި މަޝްހޫރު ޑޮކްޓަރަކީ ފޭދޫ ދިލްކަޝްވިލާ އިބްރާހިމް ޚަލީލު ނުވަތަ ޑރ ދޮންތުއްތުއެވެ. އާދެ، ފޭދޫ ޑރ ދޮންތުއްތުބެއެވެ. އާދައިގެ ރޯގާ ހުމުން ފެށިގެން އެންމެ ސީރިއަސް ބަލި ބައްޔަށް ވެސް ފަރުވާ ދެއްވާނެ އިތުރު ޑޮކްޓަރެއްނެތް ޒަމާނުގައި ހިތްވަރާއި ސާބިތުކަމާއި އަމުދުން ފޫހިކަމެއް ނެތި ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި ޑޮކްޓަރު ދޮންތުއްތު ކުރެއްވި މަސައްކަތް އައްޑޫގެ ދަރިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.
ދުވަސްވަރަކީ ރަސްމީ ތައުލީމު ތައާރަފުވެފައި އޮތް ދުވަސްވަރެއް ނޫންނަމަވެސް ތައުލީމަށް ހުންނެވި ޝައުގެއްގެ ބޮޑުކަމުން އޭރުގެ މަކްތަބަކުން ދޮންތުއްތުބޭ ތައުލީމު ހާސިލްކުރެއްވިއެވެ. އައްޑޫގައި އިނގިރޭސި ބަހުން ތައުލީމު ހާސިލްކުރެއްވެވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިގެންދިޔުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އައްޑޫގައި އިނގިރޭސިންގެ “ފެހި” ދުވަސްވަރު، ރޯޔަލް އެއާރފޯސް ގަމުގެ ހޮސްޕިޓަލުގައި ޑޮކްޓަރުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ފުރުސަތު ދޮންތުއްތުބެއަށް ލިބިލެއްވުމެވެ. ދޮންތުއްތުބެގެ ސިއްހީ ދާއިރާގެ ފެށުމަކީ މިއީއެވެ.
1960 ގެ އަހަރުތަކުގައި ރޯޔަލް އެއާރފޯސްގައި އުޅުއްވަމުން، އެތަނުގެ ސްޓާފުންނަށް ލިބުނު ޚާއްޞަ ފުރުސަތެއްގެ ދަށުން އިނގިރޭސިބަސް ކިޔަވައި އެ މާއްދާއިން ދޮންތުއްތުބެ ވަނީ އޯލެވެލް ހައްދަވާފައެވެ. މިއާއެކު ރާއްޖޭގައި އޯލެވެލް އިމްތިހާނު ހެއްދެވި ފުރަތަމަ ބޭފުޅާގެ ޝަރަފުވެސް ލިބިލައްވަވާ ފަރާތަކީ ދޮންތުއްތުބެއެވެ.
“އެދުވަސްވަރު އިނިގިރޭސި ބަސް އެނގޭ މީހަކީ ވަރަށް މޮޅު މީހެއް. އައްޑޫގައިވެސް ތިބޭނީ އެންމެ ތިން ހަތަރު މީހުން. އެފަދަ ފުރުސަތެއް ލިބޭނީ ދެން ވަރަށް ނަސީބުގަދަ މީހަކަށް” ދޮންތުއްތުބެ ކިޔައިދެއްވިއެވެ.
ގަމުގެ ރޯޔަލް ފޯސްގައި މަސައްކަތް ކުރެއްވި ދުވަސްވަރު އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު ގަމަށް ކުރެއްވި ޒިޔާރަތުގައި ރާނީއާއި ބައްދަލުކޮށް ވާހަކަދައްކަވާނެ ފުރުސަތު ލިބިލެއްވިކަމަށް ދޮންތުއްތުބެ ކިޔައިދެއްވިއެވެ.
އިނގިރޭސިން ގަމުން ފޭބުމަށް ފަހުގައި ދޮންތުއްތުބެ މާލެ ދުރުވިއެވެ. ޑޮކްޓަރީ ތައުލީމު ޙާސިލް ނުކުރެއްވި ނަމަވެސް ދާއިރާގައި ލިބިލައްވަވާފައި ހުންނެވި ތަޖުރިބާއާއި ހުނަރާއި އަދި އިނގިރޭސި ބަހުން ހޯއްދަވާފައިވާ ސަނަދާއެކު “ބޭސްވެރިކަން ކުރުމުގެ ހުއްދަ” އޭރުގެ ސަރުކާރުން ދޮންތުއްތުބެއަށް ދެއްވެވިއެވެ.
މި ހުއްދައާއެކު ޚާއްޞަކޮށް ފޭދޫ އެންމެންގެ ދޮންތުއްތުބެ އަދި އައްޑޫގެ މަޝްހޫރު ޑރ ދޮންތުއްތުގެ ޚިދުމަތް ފެށުނީއެވެ. އަމިއްލަ ގޭގައި ބަލިމީހުން ބެއްލެވުމުގެ އިތުރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި ދޮންތުއްތުބެ މަސައްކަތް ކުރެއްވިއެވެ.
“އޭރު މާގިނަ ވަސީލަތްތަކެއް ނުހުރޭ. ހުރި ވަސީލަތަކުން މަސައްކަތް ކުރެވޭނެ ގޮތް އަހަރެން ބެލީ. އޭރު އިތުރު ޑޮކްޓަރަކު އައްޑޫގައި ނެތް. ހުރިހާ ދިމާއަކަށްދާންވެސް ހުރި ހަމަ މި ޑޮކްޓަރު ދޮންތުއްތު” އެދުވަސްވަރުގެ ހަނދާން އައު ކުރައްވަމުން ދޮންތުއްތުބެ ކިޔައިދެއްވެވިއެވެ.
“ވަރަށް ގިނަ ސީރިއަސް ކޭސްތަކާ ކުރިމަތިލާން ޖެހުނު. އެގޮތުން އަދިވެސް އެންމެ ފާހަގަކޮށްލެވޭ ހާދިސާއަކީ މަސްވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށް ޒުވާން ފިރިހެނެއްގެ ނާޒުކު ގުނަވަނަށް ލިބުނު ސީރިއަސް ޒަޚަމުތަކެއްގައި ހޮސްޕިޓަލަށް ގެނައި ދުވަސް. އިތުރު ޚާއްޞަ ޑޮކްޓަރެއް ނެތް. ހުރީ ހަމަ މި ދޮންތުއްތު. ލިބިފައިހުރި ޒަޚަމުގެ ސަބަބުން އެމީހާ ތެޅިފޮޅެނީ. މާލެ ފޮނުވެވޭނެ ގޮތެއްނެތް. ދެން މާތް ﷲ އާ ވަކީލުކޮށް އޭނައަށް ފަރުވާދިނުމަށް ތައްޔާރުވީ. ނަސީބު ރަނގަޅުކަމުން ބޭރު ގައުމެއްގެ ނަރުހަކު އެހީތެރިއެއްގެ ގޮތުގައި ހުރި. ފުރިހަމަ 3 ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު އެމީހާގެ ހާލު ރަނގަޅުވެ އޮޕަރޭޝަން ކާމިޔާބު ކުރެވުނު. އަލްޙަމްދު ލިއްލާހި. އެއީ ހަނދާނުން ނައްތާލަން ދަތި ދުވަހެއް” އައްޑޫއޮންލައިނުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދޮންތުއްތުބެ ކިޔައިދެއްވިއެވެ.
ދޮންތުއްތުބެގެ ސިއްހީ ޚިދުމަތް ދެއްވުމުގައި ދިމާވި މިފަދަ އިތުރު ހާދިސާތައްވެސް ކިޔައި ދެއްވެވިއެވެ. އެގޮތުން މާބަނޑު އަންހެނަކު ވިހައިގެން އޭނަގެ އުރަމަތީގައި ދޮސްގަނެ އޭނަގެ ހާލު ސީރިއަސް ވުމުގެ ސަބަބުން ދެއްވެވި ފަރުވާ އާއި ފޭދޫގެ އަންހެނެއްގެ ބޮލަށް ރުކަކުން ވެއްޓުނު ފަންގަނޑަކުން ޖެހިފައި ލިބުނު ސީރިއަސް ޒަޚަމު ތަކަށް ފަރުވާ ދެއްވެވި ގޮތް ދޮންތުއްތުބެ ކިޔައިދެއްވެވިއެވެ.
“ކިތަންމެ ބޮޑު ސީރިއަސް އަނިޔާއެއް ލިބުނަސް އިތުރު އޮޕްޝަނެއް ނޯވޭ. ހޮސްޕިޓަލުގައިވެސް މި ދޮންތުއްތު. ގޭގައިވެސް ހަމަ މި ދޮންތުއްތު. އެހެންވެ ގޭގައިވެސް ފަރުވާ ދެން. ދުވަހަކުވެސް ސާމާނު ނެތިގެންނޭ ކިޔާފައި ބަލިމީހާއަށް ފަރުވާދޭނެ ގޮތެއް ނޭނގިގެން ކަންބޮޑެއް ނުވަން. އޭރު ލިބިފައި ހުރި މަދު ވަސީލަތްތަކުގެ ބޭނުންކުރާނެ ގޮތް ދަސްކުރީ. އަދި އެ ވަސީލަތްތައް ބޭނުންކޮށްގެން ބަލިމީހުންނަށް ފަރުވާދިނީ”
ދެ ކައިވެންޏަކުން 5 ބޭފުޅުން ލިބިލެއްވި އިރު ދޮންތުއްތުބެގެ އަމިއްލަ ބޭފުޅަކު މި ދާއިރާގައި މަސައްކަތެއް ނުކުރައްވަވައެވެ. ނަމަވެސް ކާފަ ކިޔުއްވާ ބޭފުޅުންގެ ތެރެއިން 3 ބޭފުޅަކު މެޑިސިން ދާއިރާއިން ތައުލީމު ހާސިލް ކުރައްވަމުން ގެންދަވާކަމަށް ދޮންތުއްތުބެ ވިދާޅުވިއެވެ.
ލޯބިވާ އަންހެނުންނާއެކު ހަމަހިމޭން ދިއިރުޅުއްވުމެއް އުޅުއްވަމުން ގެންދަވާ އުމުރުން 82 އަހަރުގެ ދޮންތުއްތުބެގެ ޚިދުމަތަށް އަދިވެސް ހުއްޓުމެއް ނާދެއެވެ. އަމިއްލަ ގޭގައި ހުޅުވާފައިވާ “އަލްފާޑް ކްލިނިކްސް” ގައި މިހާރުވެސް ދޮންތުއްތުބެ މަސައްކަތް ކުރައްވައެވެ.
“މިހާރު އެހާ ބުރަކޮށް މަސައްކަތެއް ނުކުރަން. ބޭސްވެރިކަމުގައި ކިތަންމެ ކުރިއަރައި ގިނަ ކުލިނިކްތަކާއި ހޮސްޕިޓަލްތަކެއް ހުޅުވުނު ކަމުގައި ވިޔަސް އަދިވެސް ހަމަ ޑރ ދޮންތުއްތު ބޭސްކުރުމުން ފަސޭހަވާ ކަމަށް ގަބޫލުކުރާ މީހުން ތިބޭ. އެހެންވީމާ ކޮންމެވެސް ވަރަކަށް ކުލިނިކުގައި މިހާރުވެސް މަސައްކަތްކުރަން”
ޑރ ދޮންތުއްތުގެ ޚިދުމަތްތައް އައްޑޫގެ ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ.