English Edition
Dhivehi Edition

ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް (ޑީޖޭއޭ) އިން އިންތިޒާމު ކޮށްގެން “ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް” ގެ ނަމުގައި ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ސެމިނާއެއް ފަށައިފި އެވެ. މި ސެމިނާގައި ރާއްޖޭގެ މިނިވަން ބައެއް މުއަސަސާތަކާއި ބޭރުގެ ތަޖުރިބާކާރުންނާއި އަމިއްލަ ފަރުދުން ބައިވެރިވެ އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ.

ދަރުބާރުގޭގައި ދެދުވަހަށް ބާއްވާ މި ސެމިނާކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސެޕްޝަލް އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ސެމިނާގައި ހާއްސަ ސެޝަނެއް ނަންގަވައި ދެއްވައި، ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.

ޖަމީލް ވިދާޅުވީ، ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ ތެރޭގައި އެއް ބާރަކުން އަނެއް ބާރުގެ ތެރެއަށް ވަދެވޭ ގޮތަށް އިސްލާހުތައް ފަރުމާ ކުރެއްވުމަށް ދެކޮޅު ހައްދަވާ ކަމަށެވެ. އެއް ބާރަކުން އަނެއް ބާރުގެ ތެރެއަށް ވަދެވޭ ގޮތަށް ޝަރުއީ ނިޒާމު އޮތުމަކީ އެ ނިޒާމު ހަރުދަނާ ކުރުމުގެ ބަދަލުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

މިއަދު އޮންނާނީ ޖުޑިޝަރީގެ ކަންކަން ކުރިއަށް ގެންދާނެ އެކްޝަން ޕްލޭނެއް އެކުލަވައިލުމަށް ބޭނުންވާނެ ކަންތައްތައް ކުރުމުގެ މަސައްކަތެވެ. މި ސެމިނާގައި ރާއްޖޭގެ ގިނަ ކޯޓުތަކުން ބައިވެރިވި އެވެ.