ކޮންމެ މަންމައަކާއި ބައްޕައެއްގެ ވެސް އެންމެ ބޮޑު ހުވަފެނަކަށް ވެގެންދާނީ އެމީހެއްގެ ދަރިއެއް ނުވަތަ ދަރީންނަކީ މުޖުތަމައަށް ފައިދާހުރި ކާމިޔާބު ޝަޚުސިއްޔަތަކަށް ވެގެންދިއުންކަން ޔަގީނެވެ. ކިތަންމެ އަތްމަތިދަތި ދިރިއުޅުމެއް އުޅެމުން ދިޔަނަމަވެސް ކޮންމެ މަޔަކާ ބަފައަކު އެމީހުންގެ ދަރީންނާ ގުޅުވައިގެން ދެކޭ ހުވަފެން މުއްސަނދިވާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. ކޮންމެފަދަ ޙާލެއްގައި އުޅެގެން ނަމަވެސް ދަރިންނަށް ހެޔޮގޮތް ވުމަށް އެމީހުން އެދޭނެކަން ގައިމެވެ.
ސ.މަރަދޫ ހުޅަނގުގެ އާމިނަތު ނަސީމާއާއި މުޙައްމަދު ސާލިހް ގެ ވެސް ހުވަފެނަކީ މިއީއެވެ. އެމީހުންގެ 8 ދަރީންގެ ތެރެއިން ދޮށީ ދަރިފުޅު އިސްހާގު ސާލިހުވަނީ މި ހުވަފެން ހަގީގަތަކަށް ހަދައިދީފައެވެ. މެޑެލްތަކުން ފުރިފައިވާ ސޭޝްއެއް އަޅާލައިގެން ޝެފް ޔުނިފޯމުގައި ހުރި އިސްހާގަށްޓަކައި މުޅި އައްޑޫސިޓީވެސް ފަޚުރުވެރިވެއެވެ.
ތައުލީމު އެހާ އާންމުނޫން ދުވަސްވަރު އިސްހާގުވެސް އިލްމު އުނގެނުމަކަށް އެހާފޯރިއެއް ނެތެވެ. ގްރޭޑަކަށް ފަހު ގްރޭޑަކަށް ބަދަލުވެ މަރަދޫ ސްކޫލުގެ އޭރު އޮތް އެންމެ މަތީ ގުރޭޑް ކަމަށްވާ ގުރޭޑް 4 ނިންމާލެވުމުން އިސްހާގު ހުރީ ހިތްހަމަޖެހިފައެވެ. މަގުމަތީގައި ކުދިވެރިންނާއެކު ކުޅެ މަޖާކޮށް އުޅެމުން އޭނާ ދިޔައީ ދިރިއުޅުމުގެ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. މުޅި ދުވާލު ހަތަރުދަން އެކަހަލަ ގޮތަކަށް ރައްޓެހިންނާއެކު ހޭދަކުރަމުން ދިޔައިރު މުސްތަގުބަލުގައި އޭނާ އަކީ މުޅި ރާއްޖެއަށް މަޝްހޫރު ކުޅަދާނަ ޝެފަކަށް ވެދާނެކަމަކަށް ހުވަފެނަކުންވެސް އޭނާއަށް ފެނިފައެއް ނެތެވެ! މި މަގުގައި ކުރިއަށް ދިއުމުގެ ފުރަތަމަ ފިޔަވަޅު އިސްހާގު އެޅީ މަންމަ ދެއްވި ހިތްވަރާއެކުގައެވެ. އޭރު ގަމުގައި ހިންގަމުން ދިޔަ ފެކްޓްރީގައި އިސްހާގު ދިޔައީ ކޮންމެވެސް ވަރެއްގެ ވަޒީފާއެއް އަދާކުރަމުންނެވެ.
“ކުޑައިރު ނުކިޔެވުނަސް މަސައްކަތް ކޮށްފިއްޔާ ކަލޯއަށް ވެސް ކާމިޔާބު ވާނެ. ބަލާލަބަލަ ވަކީލު ނަޖީބަށް ވެސް. ނަޖީބުވެސް ކިޔެވީ އަމިއްލަ މަސައްކަތްކޮށްގެން ލާރި ހޯދައިގެން. މިހާރު އެއީ ގާނޫނީ ވަކީލެއް. މިގޮތަށް މަސައްކަތް ކޮށްފިއްޔާ ކަލޯއަށް ވެސް ކާމިޔާބު ވާނެ” މަންމަ ދެއްވި ހިތްވަރާއެކު ކުރިއަށް ދިއުމަށް އިސްހާގު އަތުކުރި އޮޅާލިއެވެ.
“މަންމަ ދެއްވީ 75ރުފިޔާ. އެރުފިޔާ ހޭދަވީ ބޯޓު ކުއްޔަށް. ދެން މާލެ ދިޔައީ. ގްރޭޑް 4 ނިންމި ނަމަވެސް މާބޮޑު އެއްޗެއް ނޭނގޭ. އިނގިރޭސިން އަކުރެއް އަޅާލަންވެސް ނޭނގެޔޭ ބުނެވޭނީ ދެން މާލެ ގޮސް ބޭބެމެންގެ ގެއެއްގައި ހުރީ. ބޮޑުބޭބެގެ އެހީތެރިކަން އޭރު ވަރަށް ބޮޑަށް ލިބިގެން ދިޔަ. ބޮޑުބޭބެގެ އެހީތެރިކަމާއެކު ރިސޯޓެއްގެ ވަޒީފާއަށް ދިޔައީ” އުމުރުން އެންމެ 15 އަހަރުގައި ރިސޯޓެއްގެ ވަޒީފާ އަދާކުރަން ފެށުނުގޮތް އިސްހާގު ކިޔައިދިނެވެ.
ދިގުފިނޮޅު ރިސޯޓުގައި “ކެންޓީން ބޯއި” އެއްގެ ވަޒީފާއަދާކުރަން ފެށި އިސްހާގު އެހެން ރިސޯޓަކަށް ބަދަލުވީ އެތަނުން މާބޮޑު އާމްދަނީއެއް ނުލިބޭތީ ގެސްޓުން ތިބޭ ރިސޯޓަކަށް ދިއުމުގެ ބޭނުމުގައެވެ. އެތަނުން އިސްހާގަށް ލިބުނީ ޕްލަންބަރ އެއްގެ ވަޒީފާއެވެ.
“އެއީ އުމުރާ ބަލާއިރު ވަރަށް ބުރަ މަސައްކަތެއް. އެތަނުން ދިމާވަނީ އެރަށުގެ ޖީއެމް އާ. ޖީއެމް ބުނީ ތިހާ ޔަންގު ކުއްޖަކަށް ކިހިނެއްހޭ ތިކަހަލަ މަސައްކަތެއް ކުރެވޭނީ. ދެން ޖީއެމްގެ ލޯންޗު ސާފުކުރުމާ އެކަހަލަ ކުދި ކުދި މަސައްކަތް ހަވާލުކުރީ. ވަރަށް ގިނަ ހުސްވަގުތު ލިބޭތީ ކިޗަން އަށް ގޮސް އެތަނުގައި ތަށި ތަކާއި ތެލި ފަދަ ތަކެތި ދޮވެ ސާފުކުރުމުގައި އުޅެން. އެހާ ހިސާބުން ޖީއެމަށް ފާހަގަކުރެވުނީ މިދާއިރާއަށް ޝައުގު ހުރިކަން. އެހެންވެ ކިޗަން އަށް ބަދަލުކުރީ” ބަދިގޭގެ މަސައްކަތާ ދިމާއަށް އިސްހާގަށް ދެވުނު ގޮތަކީ މިއީއެވެ.
ބޭރު މީހުންގެ ދަށުގައި މަސައްކަތް ކުރަން ފެށުމުން ތަފާތު އެކިކަހަލަ ގޮންޖެހުންތަކާ ދިމާވިކަމަށް އިސްހާގު ބުންޏެވެ. ކިރިޔާ ކަމެއް ގޯސްކޮށް ކުރެވުނަސް ސީނިއާރ ސްޓާފުންގެ އަޑުލެވުންތަކާއި ބަވައިގަންނަ ގޮތާއި އެއީ ކުރިމަތިލާން ޖެހުނު ދަތި އުނދަގޫ ކަމަކަށް ވެގެން ދިޔައެވެ. އެހެންނަމަވެސް 4 އަހަރުވަންދެން ރިސޯޓު ވަޒީފާގައި އުޅުމަށްފަހު ތައުލީމު އުނގެނުމަށް އޭނާގެ ހިތް އެދެންފެށިއެވެ. އެނިޔަތުގައި މާލެ ގޮސް އިސްހާގު ބޭނުންވީ އެންމެ ފުރަތަމަ ސީމެނަކަށް ވުމަށެވެ. އެހެންކަމުން އެކަމާ ގުޅޭ ތަމްރީނުތަކެއް ހަދަމުން ގޮސް ބޭރު ދަތުރުކުރަން ދެވޭނެ ފުރުސަތު އޭނާއަށް ތަނަވަސް ވިއެވެ.
“ދެން ހިތަށް އެރީ މިހާވަރަކުން އަދި ނުފުދެއޭ. ބޯޓު ދަތުރުކުރަން ފަށައިފިއްޔާ ދެން ތައުލީމު އުނގެނޭނެ ފުރުސަތެއް ނުލިބޭނެއޭ. އެހެންވެ ޕާޓްޓައިމްކޮށް ވަޒީފާއެއް އަދާކުރަމުން އަހުމަދިއްޔާ ސްކޫލަށްވަނީ”
ސްކޫލަށް ވަނުންވެސް، އިސްހާގަށް ވެގެން ދިޔައީ ދިމާވި ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އުމުރުން ނަވާރަ އަހަރުވެފައި ހުރި އިރު އޭނާގެ ތައުލީމީ ފެންވަރު ހުރީ ގްރޭޑް 2 ގެ ފެންވަރަށެވެ. ނަމަވެސް އެ އުމުރުގެ ކުއްޖަކަށް ގްރޭޑް 2 އިން ޖާގަ ދެވެންނެތް ކަމުން ސްކޫލުން އިސްހާގަށް ފުރުސަތު ދިނީ ގްރޭޑް 6 ގައި ކިޔެވުމަށެވެ. އެ ޗެލެންޖާވެސް އިސްހާގު ކުރިމަތިލީ ހިތްވަރާއެކުގައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތައުލީމީ ނަތީޖާ ރަނގަޅުކޮށް، ކުޅިވަރުގެ ރޮނގުން ސްކޫލަށް ރަންވަނަތަކެއް ހޯދައިދީ ސްކޫލުގެ ސްޕޯޓްސް ކެޕްޓަނުގެ ގޮތުގައި ހުރެގެން ގްރޭޑް 10 ނިންމާލިކަމެވެ.
ސްކޫލް ނިންމާލުމަށްފަހު ވިލަމަންދޫ ރިސޯޓުގެ ކިޗަންގައި މަސައްކަތްކުރުމުގެ ފުރުސަތު އިސްހާގަށް ލިބުނެވެ. ނަމަވެސް އެހާވަރުން ވެސް އޭނާގެ ހިތެއް ހަމައެއް ނުޖެހުނެވެ. އެންމެ ކުޑަމިންވަރުން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ނަމަވެސް ހާސިލްކުރުމަށް ހިތް އެދެންފެށިއެވެ.
“ލިބުނު އޮފްޑޭ އެއްގައި މާލެ އައީ. ދެން ބެލީ ހޮޓެލް ސްކޫލުން މިކުރަނީ ކޮންކަމެއް ބާވައޭ. އޭރު އެއަހަރަށް ހުޅުވާލި ސެޓްފިކެޓް ލެވެލްގެ ކޯހަކަށް މީހުން ހަމަނުވެގެން އުޅެނިކޮށް އެތަނުން ޗާންސް ލިބުނީ. އިންޓަވިއު އަކާވެސް ނުލައި ކޯހަށް ހޮވުނު. އެ ކޯސް ނިންމާލިއިރު ނަތީޖާ ވަރަށް ރަނގަޅުވި. އެހެންވެ ދެން ޑިޕްލޮމާ ބީޓެކް ޕްރޮގްރާމެއްގައި ދެން ބައިވެރިވީ”
ޑިޕްލޮމާ ސެޓްފިކެޓާ އެކު އަލުން ރިސޯޓު ވަޒީފާއަށް ދެވުމުން ހީވެސް ނުކުރާހައި ހަލުވިމިނެއްގައި އިސްހާގަށް ކުރިއެރުން ލިބެންފެށިއެވެ. ލިބިފައިވާ ތައުލީމުގެ އެހީގައި ހީވާގިކަމާ އެކު މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ ހަލުވި މިނެއްގައި ޕްރޮމޯޝަން ލިބުމެވެ.
ސީޖީއެމްގެ ޕްރެޒިޑެންޓް އެއްދުވަހު މީޓިން އެއްގައި ވިދާޅުވީ ކޮންމެ މީހަކުވެސް ކުރިއަށް ދާން ޖެހޭނީ އެމީހަކު ކަނޑައަޅާ ވަކި ޓާގެޓަކަށް ހާސިލުވުމަށްކަމަށް. އަދި އެގޮތަށް ލިޔެފައި ބާއްވަން ޖެހޭ ކަމަށް ވެސް ވިދާޅުވި. އަހަރެންވެސް އަހަރެންގެ ޓާގެޓް ލިޔުނިން. ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެ ޓޮޕް ޝެފަކަށް ވުމަށް. އިރާދަކުރެއްވީތީ 6 އަހަރު ދުވަހުގެ ތެރޭގައި ޓާގެޓަށް ވާސިލްވެވުނު.”
އިސްހާގު ވަނީ އޭނާގެ ކެރިއަރުގެ ފުރަތަމަ ދުވަސްކޮޅު ގިނަ ރިސޯޓުތަކެއް ބަދަލުކޮށްފައެވެ. އިސްހާގު ބުނާގޮތުގައި އެއީ އަލަށް ފަށައިގަންނަ ކުދިންނަށް ވަރަށް ފައިދާހުރި ގޮތެކެވެ.
“އޭރުން ގިނަ އެކްސްޕީރިއެންސް ލިބޭނެ. ތަފާތު މެނޭޖުމަންޓް ތަކާއެކީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ. ޕްރޮމޯޝަން ހޯދުމަށް ވެސް ފަސޭހަވެގެންދާނެ ކަމެއް އެއީ. އެއްތަނެއްގައި ސްޓަކް ވެފައި ހުރުމަކީ އެންމެ ރަނގަޅު ގޮތެއްނޫން. އެއްއަހަރު 2 އަހަރު އެއްތަނެއްގައި މަސައްކަތް ކުރުމަށްފަހު ބިގިނާސް އަށް އެންމެ ރަނގަޅީ ރިސޯޓު ބަދަލުކުރުން” އިސްހާގު ކިޔައިދިނެވެ.
ރާއްޖޭގެ ފައިވް ސްޓާރ ރިސޯޓް ތަކުގައި މަސައްކަތް ކުރަމުން އޭރުގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ސޮނޭވާ ގިލީގައި މަސައްކަތް ކުރުމުގެ ފުރުސަތު އިސްހާގަށް ލިބުނެވެ. އެތަނުގައި މަސައްކަތް ކުރަމުން 5 އަަހަރު ދުވަހުގެ ތެރޭގައި 5 ޕްރޮމޯޝަން އޭނާވަނީ ހޯދާފައެވެ. އޭގެ އިތުރުން އޭޝިއާގެ 7 ގައުމަކަށް ދަތުރުކޮށް ތަމްރީނާއި ތަޖުރިބާ ހޯދާފައެވެ. ސޮނެވާ އިން ވަކިވިއިރު އިސްހާގު ހުރީ ސޫޝެފެއްގެ މަގާމުގައެވެ.
ރިސޯޓުގައި އެފްއެމްބީގައި މަސައްކަތް ކުރަމުން ގިނަ ފަހަރެއްގެ މަތީން “އެމްޕްލޯއީ އޮފް ދަ މަންތް” އާއި “އެމްޕްލޯއީ އޮފް ދަ ޔިއަރ” އަދި “މޯސްޓް އެންޓަރޕްރައިސިން އެމްޕްލޯއީ އޮފް ދަ ޔިއަރ” “ފުޑް އެންޑް ބެވަރެޖް އޮފްދަ ޔިއާރ” އަދި “ޝެފް އޮފްދަ ޔިއާރ” ފަދަ ގިނަ ކާމިޔާބީތައް ހާސިލްކޮށް 3 ކަލިނަރީ ކޮމްޕެޓިޝަނެއްގައި ބައިވެރިވެ 3 ފަހަރު ގޯލްޑްމެޑެލް އަދި ސިލްވަރ މެޑަލް އާއި ލަންކާގައި ބޭއްވި ކަލިނަރީ ކޮމްޕެޓިޝަނެއްގައި ބައިވެރިވ ގޯލްޑަކާއި ސިލްވަރ ހޯދާފައިވާއިރު އިސްހާގަށް ވަނީ ދާއިރާއިން ނެޝަނަލް އެވޯޑްވެސް ލިބިފައެވެ. މިދިޔަ އަހަރު އިސްހާގު ވަނީ މަސައްކަތުގެ ތެރޭގައި އުޅެމުން ކަލިނަރީން ޑިގްރީވެސް ހާސިލްކޮށްފައެވެ. ޔޫރަޕްގައިވެސް އޭނާވަނީ ޓްރެއިންނިންގ ހަދާފައެވެ.
“ކޮންމެ ދުވަހަކީ ވެސް ހަމަ ކާމިޔާބީއެއް ހާސިލް ކުރެވޭ ދުވަހެއް. ކޮންމެ އަހަރަކުވެސް ނިއު ޔިއަރ ރިސޮލޫޝަނެއް ލިޔަން. އަދި އެއަހަރަކު ކަނޑައަޅާ ކަމެއް ހާސިލު ކުރެވޭތޯ ވަރަށް މަސައްކަތްކުރަން”
އެންމެ އުފާވި ދުވަހަކީ ކޮބައިތޯ ސުވާލުކޮށްލުމުން އިސްހާގު ބުނީ ކޮންމެ ދުވަހަކީވެސް އުފާވެރި ދުވަހެއް ކަމަށާއި އެހެންނަމަވެސް ބައިނަލް އަގުވާމީ ފޯރަމެއްގައި ރާއްޖޭގެ ދިދަ ވިހުރުވާލެވޭނެ ފުރުސަތު ލިބިގެން ދިޔަ ދުވަސް އެއީ ޚާއްޞަ ދުވަހެއް ކަަމަށެވެ.
“މިއަހަރުގެ ސެޕްޓެމްބަރު މަހުގައި 23 އިން 27 އަށް ގްރީސް ގެ ތެސަލޮންކީގައި ބޭއްވި ވޯލްޑް ޝެޕް ކޮންގްރެސްގައި ޝެފްސް ގިލްޑް މޯލްޑިވްސްގެ ރައީސާ މަރިޔަމް ނޫރައްދީން އާއި އަޅުގަނޑާ ބައިވެރިވިން. އެ ޕްލެޓްފޯމުގައި ރާއްޖޭގެ ދިދަ ވިހުރުވާލާނެ ފުރުސަތު ލިބުނު. އެއީ ވަރަށް އުފާވި ވަގުތުކޮޅެއް”
ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރިސޯޓު ކަމުގައިވާ އަނަންތަރާ ކިހާވައް ގައި ޝެފް ޑި ކުޒިންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިސްހާގު ގެ މިހާރުގެ ޓާގެޓަކީ އޭނާގެ އުފަންރަށަށް ނުވަތަ އައްޑޫސިޓީއަށް މިދާއިރާއިން ކުރިއެރުން ހޯދައިދީ މީހުން ބިނާކުރުމުގެ މަސައްކަތް ކުރުމެވެ.
“މިއަދު ކުރިއަށް މިދާ ކެއްކުމުގެ މުބާރާތަކީ މިކަމުގެ ފެށުން. އިރާދަކުރެއްވިއްޔާ މިފަދަ ގިނަ ޕްރޮގްރާމުތަކެއް އައްޑޫގައި ހިންގަން ބޭނުން” އައްޑޫގައި އެންމެ ފުރަތަމަ ފަހަރަށް ބޭއްވި ކެއްކުމުގެ މުބާރާތް ހިންގަމުން ދިޔައިރު އިރުޝާދިއްޔާ ސްކޫލުގައި ހުރެގެން އިސްހާގު ބުންޏެވެ.
އައްޑޫސިޓީގެ މަރަދޫ އަންހެން ކުއްޖަކާ ކައިވެނިކޮށް 3 ކުދިން ލިބިފައިވާ އިސްހާގު ބުނީ އޭނާގެ މި މަސައްކަތުގައި އަންހެނުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށާއި އެކަމަށްޓަކައި އަންހެނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.
“މަންމަ އާއި އާއިލާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.”
އިސްހާގުގެ މި ހުވަފެން ހަގީގަކަށް ވެގެން ދިއުމަކީ އައްޑޫގެ ހަމަ ކޮންމެ ރައްޔިތަކުވެސް އެދޭނެ ކަމެކެވެ. އައްޑޫއޮންލައިން ނޫހުގެ ފަރާތުން އިސްހާގަށް އިތުރު ކާމިޔާބީ އާއި ކުރިމަގަކަށް އެދެމެވެ.