ހިއްވަރާއެކު މަސައްކަތް ކުރުމަކީ ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި ކާމިޔާބީއާ ހަމައަށް ވާސިލް ވެވޭނެ މަގެއްކަން ޔަގީނެވެ. ދިރިއުޅުމުގައި ތިމާކުރާ ކޮންމެ ކަމަކުން މުޖުތަމައަށް އޭގެ ލާބަޔާއި މަންފާ ލިބިގެން ދިއުމަކީ މުޖުތަމައުގައި ތިމާގެ އަގު މަތިވެގެންދާނެކަމެކެވެ. ވަކިން ޚާއްޞަކޮށް އެހެން މީހަކަށް ބަރޯސާ ނުވެ ތިމާގެ އަމިއްލަ މަސައްކަތުން މުޖުތަމައުން ޖާގަ ހޯދާ ހިތްވަރުގަދަ އަންހެނުން އަހަރެމެންގެ ތެރޭގައި މަދެއް ނޫނެވެ. މިފަދަ ކިތަންމެ ގާބިލް ދަރިންނެއް އައްޑޫގެ ފަސްގަނޑުން މި މުޖުތަމައަށް ވަނީ ނެރެދީފައެވެ.
އައްޑޫއޮންލައިން ނޫހުގެ ފަރާތުން މިއަދު ނޫހުގެ ކިޔުންތެރިންނާ ހަމައަށް ގެނެސްމިދެނީ އަނެއްކާވެސް މިފަދަ ހިތްވަރުގަދަ ކަނބަލެއްގެ ވާހަކައެެވެ. އަމިއްލަ ޝައުގެއްގެ ގޮތުގައި އާދައިގެ ގޮތެއްގައި ފެށި ކޭކު އެޅުމުގެ މަސައްކަތް ފުޅާ ކުރަމުންގޮސް މިއަދު މާލޭގައި އަމިއްލަ ކޭކު ވިޔަފާރި ހިންގާ .ސހިތަދޫ ސަރާސަރުގެއާގޭ ފާތިމަތު ޝިފާ މޫސާ ދީދީ އަކީ ވެސް ހަމަ ނަމޫނާ ކަނބަލެކެވެ.
މީގެ 16 ވަރަކަށް އަހަރު ކުރިން، ބޭސިކް ކޭކު ކޯހަކަށް ފަހު ކޭކު އެޅުމުގެ މަސައްކަތް ގޭގައި ހުރެގެން ކުރަން ފެށި ފާތުން އަކީ ކުރީގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރި ޒުވާނެކެވެ. އައްޑޫގައި އިސްލާމިއްޔާ ސްކޫލުގެ ހިންގި ދުވަސްވަރު އެ ސްކޫލުގައި ޕްރީ ސްކޫލް އާންޓީއެއްގެ ގޮތުގައި މަސައްކަތްކުރި ފާތުން އަކީ ދަރިވަރުން ނުހަނު ލޯބިވި އާންޓީއެކެވެ. ހީވާގި ކަމާއެކު މަސައްކަތް ކުރި މުދައްރިސާއެކެވެ. އެ ދުވަސްވަރުވެސް ފާތުންގެ ހުންނަ އަމިއްލަ އުފެއްދުންތެރިކަން އެންމެންވެސް ފާހަގަކުރެއެވެ.
އަމިއްލަ ދިރިއުޅުމެއް ފެށުމަށްފަހު ކުދިން ލިބުމުން ވަޒީފާއަށް ނުގޮސް ގޭގައި މަޑުކޮށްގެން ހުރި ދުވަސްވަރު ފާތުން ކޭކު އެޅުމުގެ މަސައްކަތް ފެށިއެވެ. އާމްދަނީ ހޯދާ މަސައްކަތެއްގެ ގޮތުގައެއް ނޫނެވެ. ހަމަ އެކަނި ޝައުގަކަށް ފެށި މަސައްކަތެކެވެ.
“ފާތުން ހަދާ ކޭކު މީރުވެގެން އެންމެން އެހެން ކިޔާނެ. ދެން މީރުކޮށް ކައްކަން ޝައުގުވެރި ވާތީއާވެސް އެކީގައި ކަންނޭނގެ. އެންމެންނަށް ކޭކު މީރުވެގެން ވަރަށް ތައުރީފުކުރޭ. އެހެންވެ މި މަސައްކަތުގައި ކުރިއަށް ދާން ބޭނުންވީ” ފާތުން ބުންޏެވެ.
ފާތުންގެ ދިރިއުޅުން މާލެއަށް ބަދަލުވުމަށް ފަހު ގޭގައި، ކުދިންގެ ކާރީގައި އިނދެގެން އާމްދަނީ ހޯދުމުގެ މަސައްކަތެއް ކުރުމުގެ މަގުޞަދުގައި ފާތުން ކޭކު އަޅަން ފެށިއެވެ.
“އެއްވެސް މީހަކަށް ބަރޯސާވެގެން ހުރުމަކީ އެއްދުވަސްވަރެއްގައި ވެސް ފާތުން ބޭނުންކަމެއް ނޫން، ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރެވުނަސް ހިތްހަމަޖެހުން ލިބޭނެ. އަމިއްލަ ކަންކަން ކުރުމަށް އަމިއްލަ ފައިސާ ހުންނާނެ. ހިތްވަރާއެކު ކުރެވެންޏާ ކޮންމެވެސް ދުވަހަކުން މަސައްކަތް ކުރިއަރައިގެން ދާނެކަން އެނގޭ” ފާތުންގެ އަމާޒަކީ އެއީއެވެ.
މި އަމާޒުގައި ފާތުން ފެށި މަސައްކަތުން އަމިއްލަ އާއިލާގެ ހުރިހާ ޒިންމާއެއް ނަގަމުން ވިޔަފާރިއަށް ކޭކު ހެދުމުގެ މަސައްކަތް ފެށިއެވެ. ފާތުންގެ ކޭކު ހަމަ ވަރަށް މީރެވެ. އެހާމެ އުފެއްދުންތެރިއެވެ.
“ފާތުންގެ ކޭކު ގަނެގެން ކައިފިއްޔާ ދެވަނަ ފަހަރަށް އެހެންތަނަކުން ކޭކު ގަންނާކަށް ބޭނުމެއް ނުވާނެ. އެހާވެސް މީރުކޮށް ފެންވަރު ރަނގަޅަށް މަސައްކަތް ކުރެވޭތޯ ބަލަނީ. އަދި ތަފާތު ގިނަ ފްލޭވާސްތައް ހިމެނޭ ގޮތަށް މި މަސައްކަތް ކުރަނީ”
ކޭކު ހެދުމުގެ މަސައްކަތް ފެށިއިރު ފާތުން އެމަސައްކަތް ކުރަނީ ގޭގައި ކުރަން ހުންނަ ހުރިހާ ކަމެއް ކޮށް ނިންމުމަށްފަހު ރޭގަނޑު އަރާމުކުރަން ލިބޭ ވަގުތުގައެވެ. ލިބިފައި ހުންނަ އޯޑަރުތަކަށް ކޭކު ހެދުމާއި ބޭނުންވާ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް އޭރު ކުރަނީ ފާތުން އަމިއްލައަށެވެ. އެހީތެރިވާނެ އިތުރު މީހަކު ނުހުރެއެވެ.
“ވަރަށް ވަރުބަލިވޭ. ބުރަކަށީގައިވެސް ވަރަށް ރިއްސާ. އެކަމަކު ހަމަ ހިއްވަރާއެކު މަސައްކަތް ކުރީ އަދި ފަހުން ރަނގަޅުވާނެކަމަށް ބަލައިގެން” ފާތުން ކުރި ހިތްވަރުން ލިބުނު ނަތީޖާ މިއަދު ފޮންޏެވެ. މިއަދު ފާތުންގެ އަމިއްލަ ކޭކު ފިހާރައެއް މާލޭގައި އެބަހުއްޓެވެ. އަމިއްލަ މުވައްޒަފުން އެބަތިއްބެވެ. “ފުރުޓީ މެލޯ ކޭކް” އަކީ ފާތުންގެ ނަމުގައި ހިންގާ ފާތުންގެ ކޭކު ފިހާރައެވެ.
“ވަރަށް ސްޕެޝަލް ކޭކެއް ފާތުން ހަދަން. އެއަށް ކިޔަނީވެސް އަމިއްލަ ނަމެއް. އެއީ ފުރުޓީ މެލޯ ކޭކް. މާލޭގެ އެއްވެސް ތަނަކުން އެކޭކެއް ނުލިބޭނެ. ” ގިނަ ފްލޭވާރސް ތަކަށް ކޭކު ހަދަމުން ދާއިރު ފާތުންގެ އަމިއްލަ ފިހާރަށް ވެސް ދިނީ މި ޚާއްޞަ ކޭކުގެ ނަމެވެ.
ފާތުން އަށް މިހާހިސާބަށް ހެދުނު ކޭކުތަކުގެ ތެރޭގައި ޚާއްޞަ ފަރާތްތަކަށް ހަދައިދީފައިވާ ކޭކުވެސް އެބަހުއްޓެވެ. އެގޮތުން ރައީސް ޔާމީންގެ އުފަންދުވަހަށް ތައްޔާރުކުރި ކޭކާއި ރަސްފަންނު ހުޅުވުމުގެ ރަސްމިއްޔާތައް ތައްޔާރުކުރި ކޭކު ހިމެނެއެވެ.
“ވަރަށް ބޭނުން މުބާރާތްތަކުގައިވެސް ބައިވެރިވާން. އެންމެ ފަހަރަކު މުބާރާތެއްގައި ބައިވެރިވީ. ރަނގަޅު ކާމިޔާބީއެއް ލިބުނު. ކުރިއަށް އޮތްތަނުގައި އެފަދަ ފުރުސަތުތައް ލިބޭތޯ މަސައްކަތް ކުރާނަން” ފާތުންގެ އުއްމީދަކީ އެއީއެވެ.
ބޭސިކް ކޯހަކާއެކު މިދާއިރާއަށް ވަން ނަމަވެސް މިދާއިރާގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި ތަފާތު އެކި ކޯސްތައް ފާތުންވަނީ ހަދާފައެވެ. އެގޮތުން އޮންލައިން ކޯސްތަކާއި އަދި ގިނަ ޓިއުޓޯރިއަލް ސެޝަންތަކުގައި ފާތުން ވަނީ ބައިވެރިވެފައެވެ.
“އެންމެ ބޮޑަށް ހަދާހިތްވަނީ ވެޑިން ކޭކު. އަދި ތަފާތު ގޮތަކަށް ހަދާ ކޭކެއް ވެއްޖެއްޔާ ވަރަށް ބޮޑަށް ޝައުގުވެރިވޭ އެކޭކު ހަދަން”
ކްރިސްޓަލް ވެޑިންއަކަށް ސްޓޭންޑް ހަދައިގެން ހެދި 8 ފޫޓުގެ ކޭކަކީ މިހާތަނަށް އެންމެ ބުރަކޮށް ކުރެވުނު މަސައްކަތް ކަމަށް ފާތުން ބުންޏެވެ.
އަމިއްލަ މަސައްކަތުން މުޖުތަމައުގައި ރަނގަޅު މަގާމެއް ހޯދުމަށްފަހު ދެން ފާތުންގެ އަމާޒަކީ މި ދާއިރާއިން މީހުން ތަމްރީނުކޮށް ފާތުންގެ މަސައްކަތް އެހެންމީހުންނަށް ދަސްކޮށް ދިނުމެވެ. އެގޮތުން މިހާރުވެސް ޓްރެއިނިންގ ޕްރޮގްރާމުތައް ފަށާފައިވާއިރު އުއްމީދަކީ އަމިއްލަ ރަށުގައިވެސް މިފަދަ ޕްރޮގްރާމްތަކެއް ހިންގުން ކަމަށް ފާތުން ކިޔައިދިނެވެ.
އައްޑޫއޮންލައިނުން އެދެނީ ފާތުންގެ މަސައްކަތަށް އަބަދުވެސް އިތުރު ކާމިޔާބީއާއި ކުރިއެރުން ލިބެމުން ދިއުމަށެވެ.