English Edition
Dhivehi Edition

ދިވެހިން އެއްގަމު އުޅަނދު ދުއްވުމުގެ ވައްޓަފާޅި މުޅިން ބަދަލުވެ ބޮއްސުންލާ ހިސާބައް ހިންގައްޖެއެވެ. މަގުމަތީގެ ޤަވައިދާ އަދަބުތައް ހިފެއްޓުން ނެތީ ކިއްވެ ހެއްޔެވެ؟ ލައިސެންސު އޮންނަ މީހެކޭ ނޯންނަމީހެކޭ އެއްވެސް ތަފާތެއް ނެތެވެ. އެހެން މިދަންނަވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޓްރާސްޕޯޓް މިނިސްޓްރީން ލައިސަންސް އިންތިޙާނު ހަދައި އެ އިންތިޙާނުން ފާސްވެ ދުއްވުމުގެ އިމްތިޙާނުން ވެސް ފާސްވުމުން އެ ދަސްކުރި އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ނުހިފަނީ ކިއްވެ ހެއްޔެވެ؟ މިނިސްޓްރީން ދޫކުރާ ލައިސަންސައަކީ އެއްވެސް އަގެއް ނެތް އެއްޗެއް ގޮތުގައި ދެކެނީ ތޯއެވެ؟ މިހެން މިދަންނަވާ ސަބަބަށް ބަލާލަމާ ހިނގާށެވެ.

ކަފިހިހުރަހުން މީހަކު ހުރަސް ކުރަން އުޅޭ ނަމަ ހުރިހާ އުޅަނދެއް ވެސް މަޑުކޮށް ހިނގާ މީހާއަށް ތަންދޭން ޖެހޭނެއެވެ. މިހާރަކަށް އައިސް ބަައެއް ވެހިކަލް ދުއްވާ މިހުންނާއި ޑްރައިވަރުން އެކަންކަމަށް ސަމާލުކަންދޭ މަންޒަރެއް ނުފެނެއެވެ. އެއްކޮޅަށް ދުއްވާ މަގުތައް ފަޅާލާފައި ދުއްވާ ދިވެހިންވެސް މިއަދު ދަނީ އިތުރުވަމުންނެވެ. ބައެއް މީހުން ސައިކަލުގައި ބުރިޖު މަތީ އަދި ބުރިޖާއި ގުޅިފައިވާ މަގުތަކުގައި މަޑުކޮށް، އެއާޕޯޓަށް މަތިންދާބޯޓު ޖައްސާ ފޮޓޯ އާއި ބުރިޖުގެ އެކި ހިސާބުތަކުގައި މަޑުކޮށް ފޮޓޯ ނެގުން ވަނީ އާންމުވެފަ އެވެ. އަދި ސައިކަލްގައި ދާ ބައެއް މީހުންނަށް ފޯނު އައުމުން، ފޯނުން ވާހަކަ ދެއްކުމުގެ ބޭނުމުގައި އެއް ފަރާތަކަށް މަޑުކޮށްލައިގެން ތިބޭ މަންޒަރު ވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ.

ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ޖެހުން މަޑުޖައްސާލުމާއިއެކު ގަވާއިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތައްވެސް އިތުރުވެ ހިނގައި ބިނގާވެ އުޅޭ މިހުންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ. ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ އަލުން ޖަހައިގެން ނަމަވެސް އެމައްސަލަ ހައްލު ކުރަން ވެއްޖެއެވެ. ތިމާ ދުއްވާ އުޅަނދުގެ ހެޑްލައިޓާއި ސިގްނަލް ލައިޓުގެ އިތުރުން ފަހަތު ލައިޓް ދިއްލޭކަން ޔަގީން ކުރުމާއި ބަރުގޮނު އެޅޭ ކަމާއި ބުރަކި ރަނގަޅަށް ޖެހޭ ކަންޔަގީންކޮށް ދުއްވާމިހުން މަދެވެ. އަދި އަހަރީ ފީ، އިންޝުއަރެންސް، ރޯޑްވާދިނަސް ސްޓިކާ އުޅަނދުގައި ހުރިތޯ ބެލުމީ ހައްތާވެސް ރައްކާތެރި ވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަންކަމެވެ.

މިކަންކަމަށް ހާއްސަ ސަމާލުކަން ނުދެވުމުގެ ސަބަބުން މަގުމަތީ ގައި ހިނގާ އެކްސިޑެންޓްތައް މިހާރު ގިނަވެ، މިދުނިޔެއާއި ވަކިވެގެން ދިޔައީ ކިތައް މީހުންގެ ފުރާނަ ތޯއެވެ؟ މިފަދަ އެކްސިޑެންޓްތަކުގެ ސަބަބުން ނުކުޅެދޭ މިހުންނަށް ވެފައިވާ މިހުން ވެސް މި ޤައުމުގައި އެބަތިއްބެވެ. މިހާރުވެސް އައި.ޖީ.އެމް އެޗް. ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން އެދަނީ ކަފިހުރަހަކުން މަގުހުރަސް ކުރަނިކޮށް މިމަހުގެ ތެރޭގައި ކާރަކުން ޖެހި އެކްސިޑެންޓްވި އަންހެނެކެވެ. ފުލުހުންނާއި އާންމު ރައްޔިތުން ފަރުދީ ޒިންމާ ނަގައި މިކަންކަން ހައްލުކުރަން އެކުގައި އަތުކުރި އޮޅާލާ އަތާއަތް ގުޅާލައި މިފަދަ ކަންތައް ހުއްޓުވަން މަސައްކްތް ކުރަމާ ހިނގާށެވެ.