English Edition
Dhivehi Edition

މިއަހަރު ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާއިރު މެޖޯރިޓި ދޭންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ކަމަށް ޖުމްހޫރީޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި ބާއްވާ އިންޓަކޮންޓިނެލްޓަލް 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ގިނަ ބަޔަކު ގުޅިގެން ކުރި ބޮޑު މަސައްކަތަކުން ކަމަށެވެ.

އެހެންކަމުން ހަތަރު ޕާޓީންވެސް ތިބެންވީ މިފަސް އަހަރު ނިމެންދެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ކަމަށާއި އެމަނިކުފަނަށް ސަރުކާރު ހިންގަން ފަސޭހަވާނެހެން ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް ދޭންޖެހޭނެ ކަމަށްއަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހަކީ ކުރައްވާ ހުރިހާ ކަމަކާއި ނިންމަވާ ނިންމުންތަކުގައިވެސް “ހުރިހާ އެންމެން ގޮވައިގެން” މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ.

ރާއްޖޭގައި މިހާރު މިއޮތީ ގައުމީ ސަރުކާރެއް ކަމަށާ މި ފަސް އަހަރު ނިމެންދެން އެންމެން ގުޅިގެން ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ޕާޓީތަކުން ވައުދުވެފައިވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކި ފިކުރުގެ މީހުން އުޅޭއިރު ހިޔާލުތަފާތުވުންތައް ހުންނާނެ ކަމަށާ އެކަމަކު ރާއްޖެއަށް މިވަގުތު ބޭނުންވަނީ ހަމަޖެހުމާއި އިގްތިސޯދު ނަނގާ ކޮޅަށް ޖަހާނެ އިޚްލާސްތެރި ބައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައިވެސް ހުރިހާ ޕާޓީތަކަކުން ނިކުތީ ވަކި ކުލައަކަށް ވަކި ފިކުރަކަށް ބެލުމެއް ނެތި ގައުމީ މަސްލަހަތުގައި ކަމަށާ ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ގައުމީ މަސްލަހަތަށް މަސައްކަތް ކުރައްވާ މަންޒަރު ފެނިގެންދާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ އަގުލަބިއްޔަތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.