English Edition
Dhivehi Edition

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ދިރާގަށް ލިބުނު 905 މިލިއަން ރުފިޔާ އެ ކުންފުނީގެ ހިއްސާދާރުންނަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ދިރާގުން ނެރުނު ބަޔާނުގައި ބުނީ އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 905 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އަދި ކޮންމެ ހިއްސާ އަކަށް 11.91 ރުފިޔާ ބަހަން ކުރިއަށް އޮތް އަހަރީ ޖަލްސާގައި ހުށަހަޅާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޖުމްލަ ފައިދާ ބެހިގެންވާ ގޮތަށް ބަލާ އިރު އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި 452،960،000 ރުފިޔާ ކަނޑައަޅައި ހިއްސާއަކަށް 5.96 ރުފިޔާ ބަހަން ވަނީ ނިންމައިފަ އެވެ. އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 452،200،000 ރުފިޔާގެ ތެރެއިން ހިއްސާއަކަށް 5.95 ރުފިޔާ ދިނުމަށް އާންމު ޖަލްސާގައި ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.

ދިރާގުގެ ހިއްސާގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 897.6 މިލިޔަން ރުފިޔާ ބަހާފައިވެ އެވެ. އެއީ ހިއްސާ އަކަށް 11.81ރ. އެވެ. އެހެންވެ، ހިއްސާދާރުންނަށް މި އަހަރު ބެހުމަށް ނިންމާފައިވަނީ 10 ލާރި ބޮޑު އަދަދެކެވެ.

ދިރާގުން ވަނީ މިދިޔަ ހަތް އަހަރު ދެމެހެއްޓެނިވި ފައިދާއެއް ހިއްސާދާރުންނަށް ބަހައިފަ އެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ހިދުމަތްތައް ޒަމާނީ ކުރުމަށް ބޮޑު ހޭދައެއް ކޮށްފައި ވެ އެވެ.