ދިވެހި ސިފައިންގެ މުއައްސަސާއާއިމެދު ފަޚުރުވެރިވާކަމަށާ ހުރިހާ ސިފައިންވެސް ސިފައިންގެ ހުވަޔާއި އެއްގޮތަށް ސާބިތުވެތިބުމަށް ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފިއެވެ.
މިނިސްޓަރު މާރިޔާ މިކަމަށް ގޮވާލެއްވީ، ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް ހިންގުނު 64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ސިފައިންގެ ޚިދުމަތާއި އަލަށް ގުޅުނު ދަރިވަރުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ ދަސްވެނިވެގެން ސިފައިންގެ އަމަލީ މައިދާނަށް ނުކުންނަ އިރު، ސިފައިންގެ މީހަކަށްވުމަށް ކުރި ހުވާގެ މަތިން އަބަދުމެ ހަނދާން ބެހެއްޓުމަށް އެންމެހާ ދަރިވަރުންނަށް ނަސޭހަތްތެރިވެ ލައްވަވާފައެވެ. އަދި ސިފައިންގެ ޢަމަލީ މައިދާނުގައި ވެސް ކުރަންޖެހޭ މަސައްކަތްތަކަކީ ވަކި ކުޑަ މަސައްކަތްތަކެއް ނޫންކަމަށާއި ސިފައިންނާއި މަތިކުރެވިފައިވާ، މަސްޢޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ހިތްވަރާއެކު ޢަޒުމް ވަރުގަދަ ބައެއްގެ ގޮތުގައި ފަސް ނުޖެހި ދެމިތިބުމަށް ވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
“މިއީ ހަޔާތުގައި ވަރަށްވެސް މުހިންމު ދުވަހެއް. ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގަންނަވާއިރު، ކުރައްވާ ހުވަޔަކީ ހަމައެކަނި ޔުނީފޯމްގައި ހުންނައިރު އަމަލުކުރަންޖެހޭ ހުވައެއް ނޫން. ސިފައިންގެ ހުވާގެ މަތީގައި އަބަދުވެސް ދެމި ތިބެން ޖެހޭ.” މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
ސިފައިންގެ ޚިދުމަތާއި އަލަށް ގުޅުނު ޒުވާން ސިފައިންގެ ބޭކަލުންނަކީ ވަރަށް ހިތްވަރުގަދަ ބޭކަލުންތަކެއްކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ސިފައިންގެ ޚިދުމަތުގައި ކުރިއަށްދިއުމުގައި ވަރަށް ވަރުގަދަ އަޒުމަކާއި، ހަރުދަނާ ދަނޑުދަނޑިއެއް އޮންނަންވާނެކަމަށް ވިދާޅުވެފައެވެ.
ސިފައިންގެ ޚިދުމަތަށް ނިކުންނަށް ކޮންމެ ބޭފުޅަކީވެސް ވަރަށް ބުރަ އެހާމެ ބޮޑު ޒިންމާއެއް އޮންނާނެ ބޭފުޅެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އަސާސީ ތަމުރީން ކޯހުގައި ދަސްވި އަދި ދަސްކޮށްދިން ކަންކަން ފުރިހަމަގޮތުގައި ބޭނުންކުރަންވާނެކަމަށެވެ.
އަސާސީ ތަމުރީން ކޯހުގެ މަގުސަދަކީ “އަސްކަރީ އަޚުލާގަށާއި، ހުނަރަށް ކުދިން އަހުލުވެރިކުރުވާ، ދިވެހި އަސްކަރިއްޔާގެ މަދަނީ އަދި އަސްކަރީ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް އަދާކުރުމަށް ފަސްނުޖެހި، ހިތްވަރުގަދަ، ހުޝިޔާރު، އަޒުމުވަރުގަދަ ސިފައިން އުފެއްދުން”ކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
“މިއީ ފަސޭހަ މަސައްކަތެއް ނޫން. އެހެންނަމަވެސް މި ހުރިހާ ސިފަތަކުން ސިފަލިބި، މިހާ ބުރަ މަސައްކަތަށް ނިކުމެ މިއަދު ތިބި ކޮންމެ ބޭފުޅަކާއިމެދު އަޅުގަނޑު ފަޚުރުވެރިވަން.” ދިވެހި ސިފައިންގެ ޚިދުމަތާއި އަލަށް ގުޅުނު ސިފައިންނަށް ތައުރީފުކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް އަރާމު ނިދީގައި ތިބެވެނީ ދިވެހި ސިފައިން، ޚިދުމަތުގައި ތިބުމުންކަމަށެވެ. އަދި އަލަށް ސިފައިންގެ ޚިދުމަތާއި ގުޅުނު ސިފައިންވެސް ގައުމުގެ އަމާންކަމާއި، އޮމާންކަން އަދި ސުލްހަވެރި ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
64 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަޙުމަދު ޝައިހާން ޖަލީލެވެ. މިކޯހުގައި އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައިގެން މޭޖަރ އިނގިރޭސި އުމަރު މަނިކުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް އަހުމަދު ހިޝާމެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށްދޭ ކޮމާންޑަރ އިސްމާޢީލް ދީދީގެ އެވޯޑް ހާސިލްކޮށްފައި ވަނީ ވެސް ޕްރައިވެޓް އަހުމަދު ހިޝާމެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދޭ ކޮމާންޑަރ މޮޓަރ ހަސަން މަނިކުގެ އެވޯޑް ޕްރައިވެޓް ހުސައިން އާދަމް ހޯދާފައިވާއިރު މަޒުމޫނު ލިޔުމުން އެއްވަނަ ހޯދައިގެން މޭޖަރ ރިޓަޔަރޑް ހުސައިން ޝާކިރުގެ އެވޯޑް ހޯދާފައި ވަނީ ޕްރައިވެޓް ސާމިހު މުހައްމަދެވެ. މިކޯހުގެ އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް އައިޝަތު ޝަހުމާއެވެ.
މި ކޯހުގެ ޗާލީ ޕްލެޓޫންގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އިބްރާހީމް މަފާޒެވެ. ގޮލްފް ޕްލެޓޫންގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އަޝްވާގު އިބްރާހީމް ހޮވިފައިވާއިރު މައިކް ޕްލެޓޫންގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އިބްރާހީމް މުހައްމަދެވެ. އަދި ޓެންގޯ ޕްލެޓޫންގެ އެއްވަނަ ދަރިވަކަށް ހޮވިފައިވަނީ ޕްރައިވެޓް ހުސައިން އާދަމެވެ.
2018 އޯގަސްޓް 11 ވަނަ ދުވަހު ފެށި 64 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށްފައި ވަނީ 125 ދަރިވަރުންނެވެ. އެއީ 111 ފިރިހެން ސިފައިންނާއި 14 އަންހެން ސިފައިންނެވެ.