English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އިން މި އަހަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް އެކުންފުނިން ހާމަކޮށްފި އެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތައް ކަމަށެވެ.

އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ އަދި ނޯޓިސް މި މަހުގެ 15 ވަނަ ދުވަހު އެ ކުންފުނީގެ ވެބްސައިޓުގައި އާންމު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި ތަން ވެސް އެ ދުވަހު އިއުލާނު ކުރާނެ ކަމަށް އުރީދޫންއިން ބުންޏެވެ.

މިދިޔަ އަހަރު އުރީދޫ މޯލްޑިވްސް އަށް ލިބުނު ސާފު ފައިދާގެ ތެރެއިން 88 އިންސައްތަ ފައިދާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ވަނީ ނިންމާފައެވެ.

އުރީދޫގެ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ 22 ލާރި ނުވަތަ އުރީދޫ މޯލްޑިވްސް އަށް ލިބުނު ސާފު ފައިދާގެ 88 އިންސައްތަ ހިއްސާދާރުންނަށް ބެހުމަށް، އަންގާރަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި އުރީދޫ މޯލްޑިވްސްގެ ބޯޑު ޑައިރެކްޓަރުން ނިންމަވާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ބޯޑުގެ މިލަފާގެ މަތިން، ޙިއްޞާގެ ފައިދާގެ ގޮތުގައި 3 ރުފިޔާ 22 ލާރި ބެހުމަށް ހިއްސާދާރުން ފާސްކޮށް ދިނުމަށް އެދި، މި އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް ހުށަހަޅާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.