ގަސް އިންދުމާ ގުޅޭ މަޢުލޫމާތުދީ ގޭތެރޭގައި ގަސް ހައްދާ ގެންގުޅޭނެ ގޮތުގެ ސެޝަނެއް އުރީދޫގެ ފަރާތުން ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ.
ބައިނަލްއަޤްވާމިގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން، އުރީދޫގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ ޙަރަކާތުގައި ބައިވެރިންނަށް ސެޝަން ކުރިއަށް ގެންގޮސްދީފައިވަނީ އުރީދޫގެ އެމްބަސަޑަރ ( ޒުވާން ދަނޑުވެރިޔާ) ރަމްޒީ ހުސައިން އެވެ.
އިސްރަށްވެހިންގެ ނާދީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ގޭގައި ތިބެގެން އަމިއްލަ ބަގީޗާތައް ހަދައި ބެލެހެއްޓުމުގެ ޓެކްނިކްތައް ބައިވެރިން ދަސްކުރިއިރު، ފަސޭހަ، ދެމެހެއްޓެނިވި ގޮތްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީފައިވާ ކަމަށް އުރީދޫއިން ވިދާޅުވެއެވެ. މީގެ އިތުރުން ގޭތެރެއާއި ކުދި ޖާގަތަކުގައި ގަސް ހެއްދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތް ވެސް ވަނީ ދަސްކޮށްދީފައެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒް ވިދާޅުވީ، އުރީދޫއިން ކުރިއަށްގެންދާ ސީއެސްއާރް މަސައްކަތްތަކުގައި މުޖުތަމަޢުގެ ހުރިހާ އުމުރެއްގެ މީހުން ޝާމިލުކުރުމަށް ޚާއްސަ އިސްކަމެއްދޭކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ މަޢުލޫމާތުދީ އެކި ދާއިރާތަކުން ހޭލުންތެރިކުރުމަކީ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އިސްރަށްވެހިންގެ ނާދީއާއެކު ކުރިއަށްގެންދާ މަސައްކަތުގައި އަދިވެސް ގިނަ ޕްރޮގްރާމްތައް ހިންގާނެކަމަށް ޙުސައިން ނިޔާޒު ވިދާޅުވިއެވެ.
“މިހާރު ކުރީގައިގޮތަށް ގޭގައި ގޯތިތެރޭ ނޯވޭ ބޮޑު ޖާގައެއް ގަސް ހައްދާކަށް. އެހެންވީމަ މި ޕްރޮގްރާމްގައި ބަލާނީ ގޭތެރޭގައި ނޫނީ ބެލްކަނީގައި ނުވަތަ ވީހާވެސް ކުޑަ ޖާގައެއްގައި ގަސް ހެއްދޭނެ ގޮތަކަށް. މިކަމަށް ޝައުގުވެރިވާ ވަރަށް ގިނަ ފަރާތްތައް އެބަތިބި.” ނިޔާޒް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުން ވަނީ ބައިވެރިވެފައެވެ.