English Edition
Dhivehi Edition

ވިލާ ގުރޫޕަށް ދޫކުރި ރަށްތަކުގެ އެއްބަސްވުންތައް ކުރީގެ ސަރުކާރުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ މިހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާ ގުޅޭ ވުޒާރަތަކާ ގުޅިގެން އެ މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގޮތުން ސެޓްލްމަންޓްގެ ދަށުން އެއްވެސް ގޮތެއް ޓޫރިޒަމް މިނިސްޓްރީން ނިންމާނީ ރައީސް އޮފީހާއި، ބަންޑާރަނައިބްގެ އޮފީހާއި، ފިނޭންސް މިނިސްޓްރީއާއި، ޕްލޭނިން މިނިސްޓްރީގެ ލަފައާއި މަޝްވަރާ ހޯދައިގެން ކަމަށްވެސް މިބަޔާން ނިންމާލަމުން ވަނީ ބުނެފަ އެވެ.

ތިން ރަށަކާއި ދެ ފަޅަކާ ގުޅޭގޮތުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުން ދައުލަތުން އުވާލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ، ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް މައްސަލަ ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ. މިމައްސަލާގައި ފުރަތަމަ ސިވިލް ކޯޓުން ވިލާއާއި އެއްކޮޅަށް ހުކުމް ކޮށްފައިވަނިކޮށް ހައިކޯޓުންވަނީ އެހުކުމް ބާތިލްކޮށްފައެވެ. ނަމަވެސް މައްސަލަ ވިލާއިން ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެކޯޓުން ހުކުމްކޮށްފައިވަނީ ވިލާއާއި އެއްކޮޅަށެވެ.

ވިލާއަށް ދީފައިވަނިކޮށް ސަރުކާރަށް ނަގާފައިވާ ތިން ރަށަކީ ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އެވެ. ވިލާއަށް ދީފައިވަނިކޮށް ސަރުކާރަށް ނަގާފައިވާ ދެ ފަޅަކީ ކ. މާދިއްގަރުފަޅާއި، ކ. ބޮލިދުއްފަރުފަޅެވެ. މިތަންތަނުގެ އެއްބަސްވުން ބާތިލްކޮށް މިތަންތަން ދައުލަތަށް ނެގިކަން ސަރުކާރުން ވިލާ އަށް އެންގީ 2015 ވަަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.