English Edition
Dhivehi Edition

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ހަދަމުން އަންނަ ދިވެހި ފުލުހުންގެ ޓްރޭނިން ސެންޓަރަށް އިންޑިއާގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) ވިދާޅުވެއްޖެ އެވެ.

މުޙައްމަދު ހަމީދު މިގޮތަށް ވިދާޅުވީ އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.

މިއަބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ މުޙައްމަދު ހަމީދާއެކު ޑެޕިއުޓީ ކޮމިޝަނަރ އަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލު ވުމުގައި އައްޑޫ ސިޓީގެ މޭޔަރ ވަނީ އައްޑޫގެ ބިމުން ވަރަށް ބޮޑު ސަރަހައްދެއް ޓްރެއިނިންގ ސްކޫލަށް ނެގުމާއި އިންޑިއާގެ ނުފޫޒު އޮތް ކަމުގެ ކަންބޮޑުވުން ވަރަށް ގިނަ އާންމު ރައްޔިތުން ފާޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެވާހަކަ ތަކަށް ޖަވާބު ދެއްވަވަމުން ހަމީދު ވިދާޅުވީ މިހާރު އިމާރާތްކުރެވެމުންދާ ޓްރެއިންނިގ ސްކޫލަކީ ބޮޑު ސަރަހައްދަކަށްވެފައި ޖާގަ އޮތުމުން ހަމައެކަނި ޕޮލިސް ތަމްރީނުތަކަށް އެތަން ބޭނުން ކުރުމުގެ ބަދަލުގައި ކަސްޓަމްސްއާއި އިމިގްރޭޝަން ފަދަ ލޯ އެންފޯސްމަންޓް ކޮމިއިނިޓީއަށް ތަމްރީނުތައް ހިންގޭނެ ތަނަކަށް އެތަން ހެދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ޓާޝަރީ އެޑިއުކޭޝަނަށްވެސް އެތަން ބޭނުން ކުރެވޭނެ ކަމަށެވެ. އެއާއެކު އިންޑިއާގެ ނުފޫޒު އޮތްކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫންކަމަށް ހަމީދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވިގޮތުގައި އައްޑޫސިޓީއަކީ އާބާދީ ބޮޑު ސަރަހައްދަކަށްވެފައި ފުލުހުންގެ މަސައްކަތް ވަރަށް ފުޅާކޮށް އޮންނަންޖެހޭ ކަމަށެވެ. ހާއްސަކޮށް ރައްޔިތުންނާއި ފުލުހުންގެ ދެމެދު އޮންނަ އިތުބާރާއި ގުޅުން ރަނގަޅުކޮށް ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެކަށޭނެ ފިޔަވަޅުތަކެއް އެޅުއްވުމަށް މިހާރު މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށްޓަކައި ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ތަރުތީބު ކުރެވިގެންދާ ގޮތަކަށް އެއްކުރުމުގެ މަސައްކަތް މިހާރު ފެށިގެން ދާ ކަމަށާއި، މިއަހަރުގެ މާރިޗް މަހުގެ ތެރޭގައި ޕްލޭންގެ މަސައްކަތް ނިންމައި ލޯންޗް ކުރެވޭނެ ކަމެށެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤްވަނީ އައްޑޫގައި ފުލުހުންގެ އަދަދު މަދުކަން ފާހަގަކޮށްފައެވެ. މޭޔަރ ވިދާޅުވިގޮތުގައި އައްޑޫގެ އާބާދީއަށް ޚިދުމަތް ދެވޭވަރަށް ފުލުހުންގެ އަދަދާއި ވަސީލަތްތައް ނެތްކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ. މޭޔަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޓޫރިސްޓް ޕޮލިސްގެ ޚިދުމަތާއި ޓްރެފިކް ޕޮލިސްގެ ޚިދުމަތް އައްޑޫސިޓީއަށް ތަޢާރަފް ކުރުން މުހިންމު ކަމަށެވެ.