English Edition
Dhivehi Edition

ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ކުންފުނި އުރީދޫއިން އެކުންފުނީގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރެންސް ތައާރަފްކޮށްފިއެވެ.

މި ހިދުމަތް ތައާރަފް ކޮށްފައި ވަނީ އެލައިޑް އިންޝުއަރެންސްއާ ގުޅިގެންނެވެ. އެލައިޑް އިންޝުއަރެންސް ގެ 34 ވަނަ އަހަރީ ދުވަސް ފާހަނގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި މިކަން ތައާރަފް ކޮށްދެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ހާން އެވެ.

މި ވަގުތު ހަމައެކަނި ޕްރިމިއާ ކަސްޓަމަރުންނަށް އެ ހިދުމަތް ހިލޭ ދިން ކަމުގައި ވިޔަސް ވަރަށް އަވަހަށް އުރީދޫގެ ހުރިހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވަރަށް ހެޔޮ އަގެއްގައި އެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް އޭނާ ބުންޏެވެ.

ކްލަބް ޕްރިމިއާއަކީ އުރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް ތައާރަފްކުރި ސްކީމެކެވެ. އަދި އެ ހިދުމަތް ބޭނުންވާ ކަސްޓަމަރުން އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ކްލަބް ޕްރިމިއާ ލައުންޖަށް ޒިޔާރަތްކޮށްގެން ރަޖިސްޓްރީކުރެވޭނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.

ފުރާނައަށް ގެއްލުންވާފަދަ ކުއްލި ހާލަތްތަކުގައި އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނީ ތިން ދަނޑިވަޅެއްގައި ކަމަށްވެސް އުރީދޫއިން ބުންޏެވެ. އޭގެ ތެރޭގައި ގުދުރަތީ ގޮތުން ނުވަތަ އެކްސިޑެންޓެއްގައި ފުރާނަ ގެއްލިގެން ދިއުން، އެކްސިޑެންޓެއްގައި އިއާދަނުކުރެވޭފަދަ ދާއިމީ ގެއްލުމެއް ލިބުން ނުވަތަ “ޕާޝިއަލް ޑިސްއެބިލިޓީ” އެއް ލިބުން ހިމެނެއެވެ.