English Edition
Dhivehi Edition

ފަލަކޮށް ތިބޭ މީހުން ފެންނަ އިރަށް އެންމެ ފުރަތަމަ ވެސް ބަލާލެވޭނީ އެމީހެއްގެ ބަނޑަށެވެ. ބަޔަކު ކަސްރަތު ކުރަން ފެށުމަށްފަހު އެންމެ ފުރަތަމަ ވެސް ކުޑަކުރަން ބޭނުންވާނީ ބަނޑެވެ. އަދި އިރު އިރުކޮޅާ މިން އަޅާލާނީވެސް ބަނޑުގައެވެ. ސުވާލަކީ ބަނޑުގެ މަސްތައް ވަކިން ބޮޑު ވަނީ ކީއްވެގެން ހެއްޔެވެ؟

ބަނޑުގައި ހުންނަ މަސްތަކަކީ އޭގެ އަމިއްލަ ހަޔާތެއް ގެންގުޅޭ މަސްތަކެކެވެ. ބަނޑުގައި އުފެދޭ ވައިގެ ސަބަބުންނާއި، ކާތަކެތީގެ ސަބަބުން ކޮންމެ ދުވަހަކުވެސް ބަނޑުގެ ބައްޓަމަށް ބަދަލު އާދެއެވެ. އެހެންކަމުން ބަނޑުގެ މަސްތައް ބޮޑުވެ ކުޑަވާކަމުގެ އިހްސާސް ކުރެވެނީ މިހެންވެ އެވެ. އެހެންކަމުން މިގޮތަށް ބަނޑުގެ މަސްތަކަށް ބަދަލު އަންނަނަމަ އެއީ ކެވޭ ކާއެއްޗެއްގެ ގޮތުން ނުވަތަ ކާ ބޭހެއްގެ ސަބަބުން ވާ ގޮތެއް ކަމަށް ވެދާނެއެވެ.

ބަނޑުގެ މަސްތަކުގެ ވާހަކަ ދައްކާއިރު ‘ޖެނެޓިކްސް’ ގެ ވާހަކަ ކޮންމެހެން ވެސް ދައްކަން ޖެހެއެވެ. އާއިލާގައި ބަނޑުގެ މަސްތައް ބޮޑު އަދި ފަލަ މީހުން ތިބޭނަމަ އޭގެ އަސަރު ކުރާނެއެވެ. އެހެންކަމުން ދުރާލާ އެކަމަށް ތައްޔާރުވެ ބޮޑަށް ހެލިފެލިވެ އުޅުމަށް އިސްކަން ދޭން ވާނެއެވެ. ނޫންނަމަ އޭގެ އަސަރު ހަށިގަނޑަށް ކޮށް އެންމެ ފުރަތަމަވެސް ބަނޑުގެ މަސްތައް ބޮޑުވާން ފަށާނެއެވެ.

ސްޓްރެސް އަކީ ހަޔާތުގެ އެއްބައެވެ. ނަމަވެސް ސްޓެރެސް ވާމިންވަރު ކުޑަކުރުމަށް ކޮންމެ މީހަކު ވެސް ވީވަރަކުން މަސައްކަތް ކުރަން ޖެހޭނެއެވެ. ސަބަބަކީ އެއީ ހަށިގަނޑަށް ވަރަށް ނޭދެވޭ އަސަރުކުރުވާ ބައްޔަކަށް ވާތީ އެވެ. ސްޓްރެސްގެ ސަބަބުން ހަށިގަނޑު ފަލަވާކަމަށް ވަރަށް ގިނަ ސިއްހީ މާހިރުން ބުނަމުން ދެއެވެ. ހަމަ އެއާއި އެކު މާގިނައިން ހަކުރު ކެއުމަކީ ވެސް ފަލަވެ ބަނޑުގެ މަސްތައް ބޮޑުވުމަށް މެދުވެރިވާ ސަބަބެކެވެ. އެހެން ނަމަވެސް ހަކުރު އެއްގޮތަކަށް ވެސް ނުކެއުމަކީ ހައްލެއް ނޫނެވެ. ސަބަބަކީ ހަކަތަ އުފެއްދުމަށްޓަކައި ހަށިގަނޑަށް ހަކުރުވެސް ބޭނުން ވާތީއެވެ. މިކަމާއި ގުޅިގެން ސިއްހީ މާހިރެއްކަމަށްވާ ޝަޕިރޯ ލިޔެފައިވާ ރިޕޯޓެއްގައި ވެއެވެ. ‘މީހާ ސްޓްރެސް ވުމުން ފޮނިކާތަކެއްޗަށް ދެވިހިފައެވެ. އޭގެ ސަބަބުން ފަލަވެއެވެ. އެކަމުން ސަލާމަތްވުމަށްޓަކައި ސްޓްރެސް ވުމުން ހަމަ ނިދި ލިބޭތޯ މަސައްކަތް ކުރާށެވެ. އަދި މަދުން ފޮނި ކާތަކެތި ކާށެވެ. އިތުރަށް ސްޓެރެސް ވާނަމަ ރަހްމަތްތެރިންނާއި އެކު ބޭރަށް ދާށެވެ. އޭގެ ސަބަބުން ކާތަކެތި މަތިން ހަނދާން ނެތި ސްޓްރެސް ނެތިގެން ދާނެއެވެ’.

ބެލެންސް ޑައިޓްގެ ވާހަކަ ސިއްހީ ފަރާތްތަކުން އަބަދުވެސް ދައްކައެވެ. ސަބަބަކީ އޭގެ ސަބަބުން ހަށިގަނޑަށް އަސަރު ކުރާތީ އެވެ. ހަށިގަނޑު ފަލަވުމާއި، ރަނގަޅު ސިއްހަތުގައި ހުރުމަށް އެފަދަ ޑައިޓް އަކުން ފައިދާ ވާނެތީ ވެސްމެވެ. އެހެންކަމުން ފަލަވުމާއި، ބަނޑުގެ މަސްތަކުން ދުރުވެ ހުރުމަށް ރަނގަޅު ކާނާ އެކުލެވޭ ޑައިޓެއް އަބަދުވެސް ނެގޭތޯ ބަލާށެވެ. ހަމަ މިއާއި އެކު ބޭހެއް ކާނަމަ އެބޭހެއްގެ ރަނގަޅު މައުލޫމާތު ހޯދާށެވެ. އޭގެ ސަބަބުން ހަށިގަނޑަށް އެއްވެސް ކަހަލަ ބަދަލެއް އާދޭތޯ ބަލާށެވެ. ބައެއް ބޭސްތަކަކަކީ ކޮންމެ ކޮންމެ މީހަކާއި ނުގުޅިދާނެ ބޭހެކެވެ. މިފަދަ ބޭހެއް ބޭނުން ކުރެވިއްޖެނަމަ ހަށިގަނޑު ފަލަވެ ލޮޑު ކޮށްލަފާނެއެވެ. އެހެންކަމުން އެކަން އަމިއްލައަށް ދެނެގަންނާށެވެ.

ތައްޔާރީ ކާނާ ކެއުމާއި ރޭގަނޑުގެ ނިދި ދޫކޮށްލުމަކީ ހަށިގަނޑުގެ ބައްޓަމަށް އަސަރު ކުރާ ކަންކަމެވެ. އަދި މިއީ އެމީހަކު އަމިއްލައަށް ހޯދައިގަންނަ ކަންކަން ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެމީހެއްގެ ހަށިގަނޑަށް އެންމެ ރަނގަޅު ކާނާއަކަށްވާނީ އެމީހަކު އަމިއްލައަށް ކައްކާ ކާއެއްޗެއްކަން އަބަދުވެސް ހަނދާން ކުރާށެވެ. ސަބަބަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް އެމީހެއްގެ އަމިއްލަ ކާތަކެއްޗަށް ނާޅާނެތީ އެވެ. ހަމަ އެއާއި އެކު ކުޅިވަރު ކުޅުމާއި، ފިލްމު ބެލުން ފަދަ ކަންކަމުގައި ރޭގަނޑު ހޭލާ ހުރެފައި ފަލަ ވުމުން އޭގެ ޒިންމާ ނަގަން ޖެހޭނީ ހަމަ އެމީހެކެވެ.

ހަށިގަނޑުގެ ބަރުދަން އިތުރު ވުމަށް އެކި ސަބަބުތައް ހުރެދާނެއެވެ. ނަމަވެސް ހަށިގަނޑުގެ މަސްތައް، ހާއްސަކޮށް ބަނޑުގެ މަސްތައް ބޮޑުވާ މައްސަލައަކީ އަމިއްލަ ފަރުވާކުޑަކަމުން ދިމާވާނެ ކަންކަމެވެ. މިކަމުގެ ޝަކުވާ އެހެން މީހުން ގާތުގައި ކުރުމުން އޭގެ ހައްލެއް ނުލިބޭނެއެވެ. ބަނޑު ހިންދަން ދާންވީ އޭ ބުނުމުގެ ބަދަލުގައި ބަނޑުގެ މަސްތައް ބޮޑުވާން ފެށުމުގެ ކުރިން އެއަށް ހައްލުހޯދަން އަވަހަށް މަސައްކަތް ފަށާށެވެ.