English Edition
Dhivehi Edition

ދަރިންނަކީ ކޮންމެ މަޔަކާއި ބަފަޔެއްގެ ލޮލުގެ ކޮއިފަދައިން ބޮޑުކުރަން ބޭނުންވާ ބައެކެވެ. އެގޮތުން ރީތި އާދަކާދަތަކާއި އެންމެހައި ރިވެތި އަހްލާގެއް އެދަރިންނަށް ދަސްކޮށްދެވޭތޯ ބަލައެވެ. ނަމަވެސް ލޯބިވާ ދަރިފުޅަށް ދެވޭ ތަރުބިއްޔަތުގެ ސަބަބުން މިދެންނެވި އެންމެހައި ކަންކަން އަނެއްކޮޅަށް އެނބުރޭތަން ވެސް އާދެއެވެ. ނަތީޖާއަކަށް ވަނީ އެދަރިފުޅު މުޖުތަމައުއަށް ގިނަ މީހެއްގެ ގޮތުގައި ވެގެން ދިޔުމެވެ. ފައިސާ އަކީ ގިނަފަހަރަށް މިދެންނެވުނު ނުރަނގަޅު ތަރުބިއްޔަތަށް ފޮނުވާލާ އެއް ހަތިޔާރެވެ.

ދަރިންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ފައިސާ ހަރަދު ކުރުމުގައި ބައެއް މައިންބަފައިން ޖެހިލުމެއް ނުވެއެވެ. ކިތަންމެ އަތްމަތި ދަތިވިޔަސް ދަރިންނަށް އެމަންޒަރު ނުދައްކައި ވޭތޯ ބަލައެވެ. ނަތީޖާއަކަށް ވަނީ ފައިސާގެ މުހިއްމުކަން ދަރިފުޅަށް ވިސްނޭއިރު މާބޮޑަށް ވެސް އޮންނަނީ ލަސްވެފައެވެ. ދަރިފުޅުގެ ޅައުމުރުގައި ފައިސާގެ މުހިއްމުކަމާއި އެފައިސާ ބޭނުންކުރާނެ ރަނގަޅު ގޮތްތައް ދަސްކޮށްދެވިއްޖެނަމަ އެއިން އެދަރިފުޅަށް މަންފާ ކުރާނެއެވެ. އަދި އެއީ މުސްތަގްބަލަށް އަޅާދެވޭ އަގު ހުރި ފާލަމަކަށް ނޫނީ ނުވާނެއެވެ. ފައިސާ އިން ހަރަދު ކުރާނެ ގޮތާއި، އެފައިސާ ފަހަށް ރައްކާކުރާނެ ގޮތްތައް ދަރިފުޅަށް ދަސްކޮށްދިނުމަކީ ފަސޭހަކަމެކެވެ. މިހާރުގެ ހޯދުންތަކުން ދައްކާ ގޮތުގައި މިކަމަށް ވަރަށް ގިނަ އުކުޅުތައް އެބަހުއްޓެވެ.

ދަރިފުޅު ފައިސާއަށް އަހުލުވެރި ކުރުމުގެ ގޮތުން ކުރެވިދާނެ އެއްކަމަކީ ކޮންމެ މަހަކުވެސް އޭނާ އަށް އާމްދަނީ އެއްގެ ދޭށެވެ. އެގޮތުން އާމްދަނީގެ ގޮތުގައި ކަނޑައަޅާ މިންވަރަށް ވާންވާނީ މައިންބަފައިން ކޮންމެހެން އޭނާއަށް ކުރަން ޖެހޭ ހަރަދުގެ %75 އެވެ. އެއީ ސްކޫލް އިންޓަވަލް ގަތުމާއި، އޭނާ ކާހިތްވާ ބައެއް ޒާތުގެ ލުއި ކާނާ ގަތުން ފަދަ ކަންކަމަށް ދާ ހަރަދަށް ބަލާފައެވެ. މިސާލަކަށް އޭނާގެ މަހުގެ މުސާރައަކަށް -/500ރ ކަނޑައަޅާށެވެ. އެއަށްފަހު އޭނާ އަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކާއި އޭނާ ކުރަން ޖެހޭ ހަރަދުތައް ތަފްސީލް ކޮށް ކިޔާދޭށެވެ. މިގޮތަށް ކިޔާދޭ އެއްޗެއް އޭނާ އަށް ފެންނަ ގޮތަށް ލިޔެފައި ބަހައްޓާށެވެ. ދަރިފުޅަށް ދެވޭ މުސާރަ އިތުރު ކުރަން ބޭނުންނަމަ އިތުރު މަސައްކަތް ކުރަން ޖެހޭނެ ކަން އަންގައި ދޭށެވެ. އެގޮތުން ގޭތެރެ ފޮޅާ ސާފުކުރުމުން އިތުރަށް -/10ރ ލިބޭނެކަމަށާއި، ކައިނިމިގެން ތަށިތައް ދޮންނަނަމަ -/5ރ ލިބޭނެ ކަމަށާއި، ނިދާ ހޭލައިގެން އެނދުތަންމަތި އަޅާނަމަ -/3ރ ލިބޭނެކަމަށް ބުނާށެވެ. މިގޮތަށް ގޮސް ގޭތެރޭގައި ކުރަން ޖެހޭ ކުދި ކުދި ކަންތައްތައް ކުރުމުން ފައިސާ ލިބޭނެކަމަށް އޭނާ އަށް ވިސްނައިދޭށެވެ. އަދި އެގޮތަށް އޭނާ އަށް ލިބޭ ފައިސާ ލިބޭނީ ދެންއަންނަ މަހުގެ މުސާރައާއި އެކުގައި ކަން ވެސް ބުނެދޭށެވެ. މިގޮތަށް އަމަލު ކުރުމުން އިތުރު އާމްދަނީ ހޯދުމަށް އޭނާ މަސައްކަތް ކުރާނެއެވެ. އަދި ޖެހިގެން އަންނަ މަހު ގިނަ ފައިސާ ލިބުމަށް އެދި އޭނާ ކެތްތެރިކަން ދަސްކުރާނެއެވެ. އާމްދަނީ އިތުރު ކުރުމާއި އެކު ހަރަދު ކުރާނެ ގޮތްތައް ވެސް ދަސްކޮށް ދެވިދާނެއެވެ. އެގޮތުން ކާތަށި ނުދޮންނަ ނަމަ -/5ރ އުނި ކުރެވޭނެ ކަމަށާއި، އެނދުތަންމަތި ނާޅާނަމަ -/3ރ އުނިކުރެވޭނެ ކަމަށް ވިސްނަދޭށެވެ. ހަމަ މިއާއި އެކު އޭނާ ސްކޫލަށް ގެންދަން ޖެހޭ އިންޓަވަލް އާއި އެހެނިހެން ލުއި ކެއުންތައް ގަންނަން ޖެހޭނީ އޭނާ އަމިއްލައަށް ކަމަށް ވެސް ބުނާށެވެ.

އިންޓަވަލް ފަދަތަކެތި ގޭގައި ތައްޔާރުކޮށްފައި ދަރިފުޅު އެތަކެތި ގަންނަ ގޮތަށް ހަދާނަމަ ވިޔަފާރި ކުރާނެ ގޮތް ގޭތެރެއިން ދަސްވެގެން ދާނެއެވެ. އަދި އޭނާ އަމިއްލައަށް ލުއި ކާނާ އޭނާ ގަންނަން ޖެހުމުން އެކަމަށް ބުރަވެ، އެފަދަ ތަކެތި ނުގަނެ ފައިސާ ރައްކާކުރަން ވިސްނާނެއެވެ. މިގޮތަށް ދަރިފުޅަށް ހަރަދު ކުރާނެ ގޮތާއި، ފަހަށް ރައްކާކުރާނެ ގޮތްތައް ދަސްކޮށްދެވިއްޖެނަމަ އޭގެ ސަބަބުން އޭނާއަށް ގިނަ ބަދަލު ތަކެއް އަންނާނެއެވެ. މިއުކުޅު ބޭނުންކުރުމުން ގޭތެރޭގެ ކަންކަން ކުރުމުގައި އޭނާގެ ހިއްސާ އިތުރުވެ ފައިސާއާއި މެދު ވިސްނާ މިންވަރު އެތައްގުނައެއް އިތުރު ވެގެން ދާނެއެވެ. އަދި އިސާހިތަކު މައިންބަފައިން ދަރިފުޅު ގާތުގައި މިވެނި ކަމެއް ކުރާށޭ ބުނަން ނުޖެހޭ ދަރަޖައަށް ކަންކަން ދާނެއެވެ.

އެހެންކަމުން މިފަދަ ކަންތައްތައް އަޅުގަނޑުމެން ވެސް ތަޖުރިބާ ކޮށްލުން ރަނގަޅުވާނެއެވެ. މިއިން ނުކުންނަ ނަތީޖާ އަމިއްލައަށް އެނގިގެން ނޫނީ އެއިހްސާސް ތަސައްވަރެއް ނުކުރެވޭނެއެވެ. ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަޔަކާއި ބަފައެއްގެ ޒިންމާއަކަށްވީ ހިނދު މިފަދަ ގޮތްތައް ބޭނުންކޮށްގެން އާދަޔާ ހިލާފްގޮތަކަށް އެދަރިން ތަރުބިއްޔަތު ކުރަމާތޯ އެވެ.