English Edition
Dhivehi Edition

ނޫސްވެރިކަމަކީ އޭރުވެސް އަދި މިހާރުވެސް އެހާމެ ބާރުގަދަ ކަމެކެވެ. އެއީ ގައުމެއްގެ ތަރައްގީއާއި، އެގައުމެއްގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި، އެހެން ގައުމުތަކާއި އެގައުމު ގުޅުވައިދޭ މައި ތަނބެވެ.

ޚަބަރު ފެތުރުމާއި، މައުލޫމާތު ހިއްސާކުރުމުގައި ނޫސްތަކަކީ އެންމެ މުހިއްމު ރޯލެއް އަދާކުރާ އެއްޗެވެ. މިއާއި ދެބަސްވާނެ ހަމަ އެކަކު ވެސް ނުހުންނާނެއެވެ. ވީހިނދު ފަތުރާ މައުލޫމާތާއި ހަބަރަކީ ދެފުށް ފެންނަ ތެދު ހަބަރަށް ހެދުމަކީ ކޮންމެ ނޫސްވެރިއެއްގެ ފަރުދީ ޒިންމާއެކެވެ. އަދި އެއީ އޭގެ މައްޗަށް އެތައް ބަޔަކު ބަރޯސާވާނެ އަދި އެތަކެއް ނިންމުންތަކެއް ނިންމަފާނެ ފަދަ ކަމަކަށް ވެދާނެއެވެ.

ޒަމާނަށް އައި ބަދަލާއި އެކު ޗާޕްކޮށްގެން ނެރެމުންދިޔަ ގިނަ ނޫސްތަކެއް މިއަދު ވަނީ އޮންލައިން ނޫހަށް ބަދަލުވެފައެވެ. އަދި އަލަށް އުފަންވި ގިނަ އޮންލައިން ނޫސްތަކާއި އެކު މިއަދު އިންޓަނެޓް އޮތީ ފުރި ބާރުވެ ތޮއްޖެހިފައެވެ. ހަމަ މިއާއި އެކު ނޫސްވެރިކަމުގެ ވާދަވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މީގެ ސަބަބުން ނުރަނގަޅު އާދަތަކާއި ހެޔޮ ބަދަލުތައް ވެސް މުޖުތަމައު އިން ފެންނަމުން ދެއެވެ.

ނޫސްތަކުގައި ލިޔާ ލިޔުންތަކާއި، ފަތުރާ ހަބަރުތަކަކީ ކޮންމެ މީހަކަށް ވެސް ފާޑު ކިޔުމުގެ ހައްޤު ލިބިގެންވާ އެއްޗެއްސެވެ. ނަމަވެސް މިހައްޤު ލިބިގެންވާ ބީދައިން އެމީހެއްގެ ޒިންމާތަކެއް ވާކަން ވެސް ހަނދާން ބަހައްޓަންޖެހެއެވެ. ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އެއްވެސް ނޫހަކުން ކިޔުންތެރިންގެ ފާޑުކިޔުންތަކަށް ރައްދުދީގެން ނުވާނެއެވެ. ނަމަވެސް މީގެ މާނައަކީ ކިޔުންތެރިޔާ ބޭނުން އެއްޗެއް ކިޔަންވީއެއް ނޫނެވެ. އެހެންނަމަވެސް ބިނާކުރަނިވި ފާޑުކިޔުމެއް ކިޔޭތޯ އަބަދުވެސް ބަލާށެވެ.

އެއް ނޫހުން އަނެއް ނޫހަށް ވެސް ފާޑުކީދާނެއެވެ. އަދި ނޫހަކުން މުއައްސަސާކާއި ދިމާލަށްވެސް ކިޔަންވީއެވެ. ހަމަ މިއާއި އެކު އެއިރެއްގައި ކަން ހިނގަމުންދާ ގޮތަކާއި މެދު އެމީހެއްގެ ހިޔާލު އޮތްގޮތާއި، ގިނަ މީހުންގެ ވިސްނުން ހުރި ގޮތް ބަލައި ދިރާސާކޮށް، އޭގެ މައްޗަށް ރިޕޯޓް ލިޔެވިދާނެއެވެ. އަދި މިފަދަ ރިޕޯޓްތަކަކީ ވަކި މީހަކާއި ދިމާލަށް ނުވަތަ ވަކި ބަޔެއްގެ އަގު ވައްޓާލަން ދެކެވޭ ވާހަކަތަކަކަށް ވެގެން ނުވާނެއެވެ. ފާޑު ކިޔުމަކީ ކަންކަން ބިނާ ކުރުމަށް އޮތް މަގެކެވެ. ކިޔާ ފާޑެއްގެ ސަބަބުން ތަފާތެއް ފެނިއްޖެނަމަ އެއީ ރަނގަޅު ކަމެކެވެ. ނަމަވެސް ޒާތީ ކަންކަމާއި، ބަދަލު ނުކުރެވޭނެ ފަދަ ކަންކަމާއި، ޖެއްސުން ކުރުމާއި ބަދަލު ހިފުމުގެ ނިޔަތުގައި ކިޔާ އެއްވެސް ފާޑަކަށް ޖާގަ ދީގެން ނުވާނެއެވެ. އޭގެ ސަބަބުން ފިތުނަ އުފެދުމާއި، ހަލާކަށް މަގުފަހިވާ ކަންކަމަކީ މިމުޖުތަމައު ބަލައިގަންނާނެ ކަންކަމެއް ނޫނެވެ.

ނޫސް މަޖައްލާތަކަށް ކިޔޭ ފާޑު ކިޔުންތަކަކީ އަބަދުވެސް އެނޫސް މަޖައްލާތަކުގެ މަސްއޫލުވެރިން އިން ފެށިގެން ލިޔާ ލިޔުންތެރިޔާވެސް ޒިންމާ ނަގާ ކަންކަމެވެ. ލިބޭ މައުލޫމާތަކާއި، ފެންނަފެނުމަށް ބަލައި ލިޔެވޭ ބައެއް ލިޔުންތަކުން ނުކުންނަ ނަތީޖާ ނުރަނގަޅު ވާހިނދު މިދެންނެވި މީހުން އޭގެ ޒިންމާ ނަގައެވެ. ވީހިނދު ކިޔުންތެރިޔާވެސް އެފަދަ ލިޔުންތަކަށް ފާޑު ކިޔުމަކީ ކިޔާމީހާގެ ޒިންމާއަކަށް ހަދަންވީއެވެ. އެހެންނަމަވެސް އެއީ ބިނާކުރުވަނިވި ފާޑު ކިޔުމަކަށް ހެދިއްޖެ ނަމަ އިސްލާހްކުރުމަށާއި، ކަންކަން ކުރިއަރައިގެން ދިޔުމަށް ވެވޭ އެހީއަކަށް ނޫނީ ނުވާނެއެވެ.

ނޫސްވެރިން މިއަދު މިވަނީ އެންމެ އުހަށް ގޮސް ބޮންތީގައި ހިފާފައެވެ. ގިނަ ނޫސްތަކަކީ ހަބަރާއި މައުލޫމާތު ފެތުރުމުގެ އިތުރުން އިޖްތިމާއީ ގިނަ ހަރަކާތްތަކެއް ހިންގާ ބައެކެވެ. އެހެންކަމުން އެފަދަ ނޫސްތަކުން ކުރެވޭ ކުދި ކުދި ނުރަނގަޅު ކަންތައްތައް މިފަދަ އިޖްތިމާއީ ކަންކަމުން ފޫބައްދައި ދެއެވެ. މީގެ ސަބަބުން އެފަދަ ނޫސްތައް ބަލައިގަންނަ މީހުން ގިނަވެ މަގްބޫލްކަން އިތުރުވެއެވެ.

މިއަދުގެ ނޫސްވެރިކަމަކީ ހަމަ އެކަނި އެނޫހެއް ހިންގާ ބައެއްގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް ނޫނެވެ. އެއީ ކިޔުންތެރިންނާއި، ވަށައިގެންވާ މާހައުލުގައި އުޅޭ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. ނޫސްވެރިން ލިޔުންތައް ލިޔާނެއެވެ. އަދި ކިޔުންތެރިން އެއަށް ފާޑުކިޔަން ޖެހޭނެއެވެ. ހަމަ އެއާއި އެކު ކަމާބެހޭ ފަރާތްތަކުން އެކަމަށް މަގު ތަނަވަސްކޮށްދޭން ޖެހޭނެއެވެ. މިގޮތުގައި ދާނަމަ ނޫސްވެރިކަމަށް ހެޔޮ ބަދަލު އައިސް ކުރިއަރައިގެން ދާނެއެވެ.