English Edition
Dhivehi Edition

ފަލަވުމަކީ ކިހާވަރެއްގެ އުނދަގޫތަކެއް ކުރިމަތިވާ ކަމެއްކަން އެނގޭނީ ހަމަ ފަލަވުމުންނެވެ. އެހެންކަމުން ފަލަކޮށް ތިބޭ މީހުން ހިކެން ވަރަށް ގިނަ މަސައްކަތް ކުރާތަން ފެނެއެވެ. އެގޮތުން ކަސްރަތު ކުރުމާއި، ޑައިޓް ކުރުމަކީ އާންމުކޮށް އެފަދަ މީހުން ކުރާ ކަންކަމެވެ.

ކަސްރަތާއި ޑައިޓް ކުރުމަކީ ވަރަށް ވަރުގަދަ އަޒުމެއް އޮވެގެން ނޫނީ ދަމަހައްޓަން އުނދަގޫ ކަންކަމެވެ. ވަރަށް ފޯރިއާއި އެކު ކަސްރަތު ކުރަން ފެށިނަމަވެސް ދެތިން ދުވަސްތެރޭގައި ފޫހިވެ އެމަތިން ހަނދާން ނައްތާލެވެއެވެ. ހާއްސަކޮށް މިބުނާ ފަލަ މީހުންނަށެވެ. ނަމަވެސް މިއަދުގެ ހޯދުންތަކުން އެފަރާތްތަކަށް އުފާވެރިކަން ގެނެސް ދީފައިވެއެވެ. ހިކުމަށް އޮތް ހަމަ އެކަނި ހައްލަކީ ކަސްރަތުކުރުން ނޫންކަން މިވަނީ ހޯދިފައެވެ. އަދި ކޮންމެހެން ޑައިޓްކުރާކަށް ވެސް ނުޖެހެއެވެ.

ދިރިއުޅުމުގެ އާދަކާދަތަކަށް ގެނެވޭ ކުޑަކުޑަ ބަދަލަކުން މުޅި މީހާގެ ބައްޓަމާއި، ބަރުދަނާއި، ސިއްހަތަށް ބަދަލު ގެނެސްދެޔޭ ބުނުމުން ހައިރާން ވެދާނެއެވެ. ނަމަވެސް މިއީ ހަމަ ތެދު ވާހަކަތަކެކެވެ. ކާނެ ވަރަކަށް މީރު އެއްޗެހި ކާންވީ އެވެ. ކޮންމެހެން ކަސްރަތު ކުރާށޭ ކިޔާފައި އޮއްދާ ހިއްލަން ދާނެކަމެއް ނެތެވެ.

ގޭތެރޭގައި އުޅޭއިރު ކޮންމެވެސް ވަރަކަށް މަސައްކަތް ކުރަން ޖެހެއެވެ. އެގޮތުން އެކުރާ މަސައްކަތް ދެގުނައަށް ނުވަތަ ތިން ގުނައަށް އިތުރު ކޮށްލަން ހިނގާށެވެ. އަދި ގޭގައި އެއްޗެހި ތަރުތީބު ކުރާއިރު ގިނައިން ހިގަން ޖެހޭ ގޮތަށް ތަކެތި އަތުރާށެވެ. މީގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ގިނައިން ގޭތެރޭގައި ހިނގަން ޖެހޭނެއެވެ. އަދި އިސާހިތަކު ނޭނގި ގިނަ ކަސްރަތު ތަކެއް ކުރެވިފައި ހުންނާނެއެވެ. ހަމަ މިއާއި އެކު ކުޑަކުދިންނާއި އެކު ގޭތެރޭގައި ކުޅެ ދުވެ ހަދާށެވެ. މަޖާ ކުރުމުގެ ތެރެއިން ކަސްރަތުތަކެއް ކުރެވޭނެއެވެ.

ކެއުން މަދުކުރުން ނުވަތަ ވަކި ކަހަލަ ތާވަލަކާއި އެއްގޮތަށް ކެއުމަކީ ބަރުދަން ލުއިކޮށްދޭ ކަމެއްކަމަށް މީހުން ބުނެއެވެ. ނަމަވެސް ހަގީގަތުގައި ބަރުދަން އިތުރުވެގެން އެކަމުން މިންޖުވާން އުޅޭ މީހަކަށް އެއީ އެހާ ފަސޭހަ ފަރުވާއެއް ނޫނެވެ. އެހެންކަމުން ކާތަކެއްޗާއި ނުކުޅެ ބަރުދަން ލުއިކުރާނެ އުކުޅުތައް ހޯދަން ޖެހެއެވެ. އެގޮތުން މީރު ކާތަކެތި ކައިގެން ބަރުދަން ލުއިކުރުމަށް ބޭނުންނަމަ ކާ ކޮންމެ އެއްޗެއް ލިޔަމުން ދާށެވެ. އެއަށްފަހު ހަފްތާއަކު އެއްފަހަރު އެލިސްޓް ބަލާލައި އެއާއި މެދު ފުންކޮށް ވިސްނާލާށެވެ. އަދި އެވިސްނުނު ގޮތާއި އެއްގޮތަށް ދެވަނަ ހަފްތާގައި ކާތަކެތި ލިސްޓް ކުރާށެވެ. މިގޮތަށް ލިސްޓަށް ބަދަލު ގެންނަމުން ގޮސް 2 ނުވަތަ 3 މަސްފަހުން ހުރިހާ ލިސްޓެއް އަޅާ ކިޔާލާށެވެ. ކާތަކެއްޗަށް އައިސްފައި ހުރި ބަދަލުތަކާއި މެދު ވިސްނާލާށެވެ. އެގޮތުން ހެޔޮ ބަދަލެއް އައިސްފައި ވާނަމަ އެއީ ބަރުދަނަށް ވެސް އަސަރުކުރަނީ ކަން ދަންނާށެވެ. މިބަދަލު ކާތަކެއްޗަށް ގެނައުމާއި އެކު ކާން ގެންގުޅޭ ތަށި ކުޑަކުރާށެވެ.

ޑައިޓް ކޮށްގެން ހިކުމަކީ މީރު ކާތަކެތި ކާހިތްވާ މިހުންނަށް ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ކޮންމެހެން ޑައިޓް ކުރާނެ ކަމެއް ނެތެވެ. އޭގެ ބަދަލުގައި އަބަދުވެސް ފެންފުޅިއެއް ހިފައިގެން އުޅޭށެވެ. އަދި ވީހާވެސް ގިނައިން ފެން ބޯށެވެ. ބަނޑުހާ ނުވާވަރަށް އަބަދުވެސް ފެންބޯށެވެ. މިގޮތަށް ހުރުމުން މީރު ކާތެކެތި ފެނުމުން ކާހިތްވާނެއެވެ. ނަމަވެސް ބަނޑުފުރެންދެން ފެންބޮއިފައި ހުރުމުން އެތަކެތި ނުކެވޭނެއެވެ. މީގެ ސަބަބުން ވަރަށް އަވަހަށް ހަށިގަނޑުގެ ބަރުދަން ލުއިކޮށްދީ އެއިހުސާސް ވާން ފަށާނެއެވެ.

ތަރުކާރީއަކީ ގިނަ މީހުން ކާހިތްވާ އެއްޗެކެވެ. އެހެންކަމުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ބޭނުންނަމަ ގިނައިން ތަރުކާރީ ކާށެވެ. އެގޮތުން ހާއްސަކޮށް ފެހިކަން ގަދަ ތަރުކާރީ ރޭގަނޑާއި މެންދުރު ކެއުމަށް އާދަކުރާށެވެ. މީގެ އިތުރުން ރޭގަނޑުގެ ނިދި މަތިން އެއްގޮތަކަށް ވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. ބަރާބަރަށް 8 ގަޑި އިރުގެ ނިދި ހަމަކުރާށެވެ. ސްޓަރެސް އާއި ހަމަނިދި އަކީ ބަރުދަން ލުއިކޮށްދޭ ވަރަށް މުހިއްމު އުކުޅެކެވެ.

ބަރުދަން އިތުރުވަނީ އަމިއްލަ އިޙްތިޔާރަކުން ނޫނެވެ. އަދި ބޭނުން ވެގެނެއްވެސް ނޫނެވެ. އެހެންކަމުން އިތުރުވި ބަރުދަން ތިރިކުރަން ވެސް ޖެހޭނީ އެފަދަ ގޮތަކަށެވެ. ކަމާ ކަންފަށައި ކަސްރަތުކުރަން ފެށުމަށްފަހު، ދެދުވަސް ނުވެ ހުއްޓާލުމުން އޭގެ ފައިދާއެއް ނުފެންނާނެއެވެ. ނަމަވެސް މިދެންނެވި ކަހަލަ ހެޔޮ ބަދަލުތައް ދިރިއުޅުމަށް ގެނެސްފިނަމަ ބުރަމަސައްކަތް ނުކޮށް ބަރުދަން ލުއިކޮށްލެވުނީއެވެ.