English Edition
Dhivehi Edition

ފްލައިޓެއްގައި ދަތުރު ކުރުމަކީ މަޖާކަމަކަށް ވީނަމަވެސް ދިގު ދަތުރެއް ކޮށްލުމުން އޭގެ ފޫހިކަން އިހްސާސް ވާނެއެވެ. ގިނަ ފްލައިޓްތަކަކީ ދަތުރުވެރިންގެ ހިތްހަމަޖެހުމާއި އެއްވަރަށް ޙިދުމަތް ދިނުމަށް މަސައްކަތްކުރާ ބައެކެވެ. އެހެންކަމުން މިކަމުގެ ވާދަވެރިންވެސް މިހާރު އޮތީ ވަރަށް މަތީގައެވެ.

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއަރލައިންތަކުގެ 10 ވަނަ ވަނައިގައި މިވަގުތު އޮތީ ‘އީވާ އެއަރ -52/70’ އެވެ. ހެލޯ ކިޓީ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މި ފްލައިޓަކީ އިކޮނަމީ ކްލާސްގެ އެންމެ ފުރިހަމަ ފްލައިޓެވެ. 3-3-3 ގެ މަގުން 777 ސީޓް ހުންނަ މި ފްލައިޓްގެ އެޓެންޑެންޓުންނަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ ބައެއްކަމަށް ވަރަށް ގިނަ ފަރާތްތަކުން ކޮންމެންޓް ކޮށްފައި ވެއެވެ.

އޮސްޓްރޭލިއާގެ ‘ވާރޖިން އޮސްޓްރޭލިއާ – 53/70’ އަކީ 9 ވަނަ ލިބިފައިވާ އެއަރ ލައިން އެވެ. މިއެއަރލައިންގެ ހާއްސަ ސިފަތަކުގެ ތެރޭގައި ކެބިންކުރޫއިންގެ ވާހަކަ ދައްކާލަން ޖެހެއެވެ. އެހެން ހުރިހާ އެއަރލައިންތަކާއި ހިލާފަށް މިއެއަރލައިންގެ ކެބިން ކުރޫއިންނަކީ އެއްވެސް ސީރިއަސް ކަމެއް ގެންގުޅޭ ބައެއް ނޫނެވެ. ފަސެންޖަރުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ އަބަދުވެސް ހެއްވާ މަޖާ ގޮތެއް ގެންގުޅޭނެއެވެ. މީގެ ސަބަބުން ދަތުރުގެ ދިގުމިން ހަނދާން ނައްތާލައެވެ. މިއީ އެހެން ފްލައިޓްތަކާއި މުޅިން ތަފާތު އުކުޅެއް ބޭނުންކުރާ ފްލައިޓެކެވެ.

‘ލުފްތަންސަރ – 53/70’ އަކީ ޔޫރަޕުން ހޮވާލެވޭނެ އެންމެ ރަނގަޅު އެއާރލައިނެވެ. ސަބަބަކީ އެއަރލައިންގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެފައި އެހާ ބަރާބަރަށް ހުރިހާކަމެއްވެސް ދާތީ އެވެ. ނަމަވެސް އަގަށް ބަލާއިރު އެހާ ހިތްހަމަ ނުޖެހޭކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ލިސްޓްގައި މިއެއަރލަން އަށް 8 ވަނަ ލިބިފައިވާއިރު 7 ވަނައިގައި އޮތީ ޖަޕާން އެއަރލައިން 70/54 އެވެ. ޖަޕާނަކީ އަބަދުވެސް ސަގާފަތައް އަހަމިއްޔަތު ކަންދޭ ގައުމަކަށްވުމުން އެގައުމުގެ ފްލައިޓްތަކުންވެސް ފެންނަނީ ހަމަ މިކަންކަމެވެ. މިއެއަރލަންއަށް އެންމެ ގިނަ ކޮމެންޓް ލިބިފައި ވަނީ ކެބިން ކްރޫންގެ މިޒާޖާއި، އޯގާތެރިކަމުގެ ތެރެއިންނެވެ. އަގާއި އެއްފެންވަރެއްގެ ހިދުމަތްތަކެއް ފޯރުކޮށްދޭ ފްލައިޓެއްގެ ގޮތުގައެވެ.

ލިސްޓްގެ 6 ވަނައިގައި ކޮރެއަން އެއަރ 70/55 އޮތް އިރު ތައި އެއަރވޭސް – 70/56 އޮތީ 5 ވަނައިގައެވެ. ކޮރެއަން އެއަރ ގެ އެންމެ ހާއްސަކަމަކީ އެފްލައިޓްގައި ޑިއުޓީ ފްރީ ފިހާރަތައް ހުރުމެވެ. އަދި ތައި އެއަރވޭސް ތަފާތު ވެގެން ދަނީ އެއެއަރލައިންގައި ބޭނުންކޮށްފައިވާ ކުލަތަކެވެ. މޫނު މައްޗަށް ހިނިތުންވުން ގެނުވައިދޭ ފަދަ ކުލަތަކުން ފުރާލެވިފައިވާތީ އެވެ. މި ދެއެއަރލައިން އަކީވެސް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދޭ އެއަރލައިންތަކުގެ ފްލައިޓްތަކެވެ.

ގިނަ ބައެއްގެ އިތުރު ސުވާލެއް ނުއުފެދޭ ސިންގަޕޯރު އެއަރލައިން – 70/57 އަކީ ލިސްޓްގެ 4 ވަނަ ކާމިޔާބުކޮށްފައިވާ ފްލައިޓެވެ. އޭވިއޭޝަންގެ ދާއިރާއަށް ބަލާއިރު އިކޮނަމީ ކްލާސްގެ އެންމެ ފެންވަރު ރަނގަޅު ހިދުމަށްދޭ މި ފްލައިޓްގައި ތިބީ އާދަޔާ ހިލާފް ކެބިން ކްރޫން އިންނެވެ. ކުންފުނީގެ ބްރޭންޑެޑް ތުވާލި އާއި، ކާބޯތަކެތީގެ މެނޫ އާއި ބޮޑު ޓީވީ ސްކްރީން އާއި އެކު ހިދުމަތް ލިބޭ މިފްލައިޓްގައި ދަތުރު ކުރުމަކީ ލިބިގެންދާނެ އުފަލެކެވެ.

ލިސްޓްގެ ގަދަ 3ގައި އޮތީ ‘ކެތޭއި ޕެސިފިކް – 58/70’ އެވެ. މިފްލައިޓަށް ފުރަތަމަވެސް އެރުމާއި އެކު ސިފަވެގެން ދާނީ ހޮންކޮންގް އަށް ދެވުނީހެންނެވެ. މިއީ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ އެންމެ މަތީ ފަންތީގެ އެއަރލައިންގެ ފްލައިޓެކެވެ. މިފްލައިޓްގެ ކެބިންކްރޫންނަށް އަބަދުވެސް ގިނަ ރަނގަޅު ކޮމެންޓްތައް ލިބޭއިރު، މިފެންވަރުގެ އެއަރ ލައިންތަކުން ނުލިބޭ ފަދަ ފުރިހަމަ ހިދުމަތްތަކެއް ލިބިގެންދެއެވެ. ލިސްޓްގެ 2 ވަނައިގައި އިއްތިހާދު އެއަރވޭސް 70/59 އޮތީ ވެސް މަތީ ފަންތީގެ ހިދުމަތްތަކެއް ފޯރުކޮށްދޭ ފްލައިޓެއްގެ ގޮތުގައެވެ. އެގޮތުން ފްލައިޓަކުން ލިބޭނެ ހުރިހާ ހިދުމަތެއް ލިބޭއިރު ލިސްޓްގެ ދެވަނަ ލިބެންޖޭ ހަމަ އެކަނި ސަބަބަކީ އަގެވެ. އެހެން ފްލައިޓްތަކާއި އަޅާ ބަލާއިރު އަގުގެ ގޮތުން މަތިވުމަކީ ބައެއް މީހުންނަށް އެހާ ފަސޭހަކަމަކަށް ވެފައި ނޯވެއެވެ.

ލިސްޓްގެ ފަޙްރުވެރި އެއްވަނަ ހޯދާފައިވާ ގަތަރ އެއަވޭސް 70/60 އަކީ ދެވަނައެއް ނެތް ފަދަ ފުރިހަމަ އެއަރލައިނެކެވެ. މި ފްލައިޓްގެ ގޮނޑިތަކުން ފެށިގެން ގޮސް ނަން ހުސްކޮށް އެއާއި އަޅާ ކިޔޭނެ ފެންވަރުގެ ފްލައިޓެއް ނެތްކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ. އަދި މި ފްލައިޓަށް ޗެކިންވާ ހިސާބުން ހިދުމަތްތައް ލިބެންފަށާއިރު އެހެން ހުރިހާ ފްލައިޓްތަކާއި ހިލާފަށް މި ފްލައިޓްގައި 3 ކޯސް މީލް ލިބިގެން ދެއެވެ.

މަތީ ފަންތީގެ ގިނަ ފްލައިޓްތައް މިހާރު ދުނިޔޭގައި ބޭނުންކުރަމުންދާއިރު އެއާރ ލައިންތަކުގެ އިތުރުން އަމިއްލަ ޕްރައިވެޓް ފްލައިޓްތަކާއި ޖެޓްތައް ވެސް އެހާމެ ގިނައެވެ. އެހެންކަމުން މިފަދަ އުޅަނދެއްގެ އަޖުމަ ބަލާލުމަކީ އެއްފަހަރު ނަމަވެސް ކޮށްލުން ރަނގަޅު ކަމެކެވެ.